ޚަބަރު

އެސްއެސް، ކޭއެސް، ޖީއައިއެސް، ޓީއެސް އަދި އެމްއެސްއަށް ދެވަނަ މޮޅެއް


  • ރާއްޖެ ޖޫނިއާސް ނެޓްބޯލް ޗެންޕިއަންޝިޕުގެ މާލޭގެ ހުރިހާ ސްކޫލަކުން ވާދަކުރޭ

  • މުބާރާތް ކުރިއަށްދާނީ މިމަހުގެ 27 ގެ ނިޔަލަށް

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ބީއެމްއެލް ރާއްޖެ ޖޫނިއާސް ނެޓްބޯލް ޗެންޕިއަންޝިޕުގެ އިއްޔެގެ މެޗުތަކުން ޞަލާހުއްދީން ސްކޫލް، ކަލާފާން ސްކޫލް، ޖީއައިއެސް، ތާޖުއްދީން ސްކޫލް އަދި މުހްޔިއްދީން ސްކޫލުން ދެވަނަ މޮޅު ހޯދައިފިއެވެ.

މުބާރާތުގައި އިއްޔެ ކުޅެފައިވަނީ 15 އަހަރުންދަށުގެ މެޗުތަކެވެ. އެގޮތުން ފުރަތަމަ މެޗު ޞަލާހުއްދީން ސްކޫލުން ކާމިޔާބުކުރީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މައްޗަށް 22-04 އިން ފަސޭހަ މޮޅެއް ހޯދައިގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޓީމުގެ ސެންޓަރ އާއިޝަތު ލަހްފާ އައްބާސްއެވެ.

ދެވަނަ މެޗު ކަލާފާނު ސްކޫލުން ކާމިޔާބުކޮށްފައިވާއިރު، ދަރުމަވަންތަ ސްކޫލާއި ވާދަކުރި މިމެޗުގެ ސްކޯއަކީ 21-07 އެވެ. މިމެޗުގެ މޮޅުގެ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކަލާފާނުގެ ޖީއޭ ޖިއާ އާއިޝާ ހުސައިނެވެ.

ތިންވަނަ މެޗު ޣިޔާޡުއްދީން އިންޓަނޭޝަނަލް ސްކޫލްއިން ކާމިޔާބުކޮށްފައިވާއިރު، އެޓީމުން މެޗު ކާމިޔާބުކޮށްފައިވަނީ ރެހެންދި ސްކޫލް 26-04 ގެ މައްޗަށް ބޮޑު ފަރަގަކުން ކުރި ހޯދައިގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދީ އެޓީމުގެ ޖީއޭގެ އީޝަލް މުހައްމަދު އަޝްފާގެވެ.

ހަތަރުވަނަ މެޗު ކާމިޔާބުކުރީ ތާޖުއްދީން ސްކޫލުންނެވެ. އެޓީމުން ވަނީ ފަސޭހަކަމާއެކު 29-02 ގެ ތަފާތަކުން ޖަމާލުއްދީން ސްކޫލް ބަލިކޮށްފައެވެ. މިމެޗުގެ މޮޅުގެ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ތާޖުއްދީންގެ ޖީއޭ އާއިޝަތު ތަނާލް ބިންތި އައިމަންއެވެ.

އިއްޔެގެ ފަހު މެޗު ފާހަގަކުރެވުނީ މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ވާދަވެރި އެއް މެޗުގެ ގޮތުގައެވެ. މިމެޗު މުހްޔިއްދީން ސްކޫލްއިން ކާމިޔާބުކުރީ 18-16 ގެ ހަނި ފަރަގަކުން އިސްކަންދަރު ސްކޫލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ވާދަވެރި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުހްޔިއްދީންގެ ޖީކޭ އާޝިޔާ މަލައިކާ އަހްމަދުއެވެ.

ބީއެމްއެލް ރާއްޖެ ޖޫނިއާސް ނެޓްބޯލް ޗެންޕިއަންޝިޕުގައި މިއަދުވެސް 15 އަހަރުންދަށުގެ ފަސް މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ.

ބީއެމްއެލް ރާއްޖެ ޖޫނިއާސް ނެޓްބޯލް ޗެންޕިއަންޝިޕްގައި މާލޭގެ ހުރިހާ ސްކޫލަކުން ވާދަކުރެއެވެ. 17 އަހަރުންދަށުގެ އުމުރުފުރާތަކަށް ޚާއްސަ މިމުބާރާތުގައި ދެ އުމުރުފުރާއަކުން ޓީމުތައް ވާދަކުރެއެވެ. އެއީ 17 އަހަރުންދަށުގެ އުމުރުފުރާގެ އިތުރުން 15 އަހަރުންދަށުގެ އުމުރުފުރާއެވެ.

މުބާރާތުގެ ކުޅުން ކުރިއަށްދަނީ މިމަހުގެ 27 ގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.