ޚަބަރު

"ސްޕެއިން ޓީމަށް ފާޑު ކިޔޭނެ އެއްވެސް ޖާގައެއް ނެތް"


  • މިމެޗު ސްޕެއިން އިން ކާމިޔާބު ކޮށްފައިވަނީ 4 ލަނޑު ސުން ލަނޑުން

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިފަހަރު ވާދަކުރާ ސްޕެއިން ޓީމަށް ފާޑު ކިޔޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް އެޓީމުގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ހާމަކޮށްފިއެވެ.

އޭނާ މިކަން ހާމަކޮށްފައިވަނީ ގްރޫޕް އެފް ގައި ސްޕެއިން އާއި ސައުދީ އަރަބިއާ ބައްދަލުކުރި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.

ސްޕެއިން މިމުބާރާތުގައި ވާދަކުރި ފުރަތަމަ މެޗުގައި ކާބޯ ވާޑޭ އާއި ބައްދަލުކޮށް ލަނޑެއް ނުޖެހި އެއްވަރު ވުމާއި ގުޅިގެން ސްޕެއިންގެ ޓީމަށް ގިނަ ފާޑު ކިޔުންތަކެއް ވަނީ އަމާޒު ވެގެން ގޮސްފައެވެ. ސްޕެއިން އިން ސައުދީ އަރަބިއާ އާއި ބައްދަލުކުރި މެޗު ކާމިޔާބު ކޮށްފައިވަނީ 4 ލަނޑު ސުން ލަނޑުންނެވެ.

ޑެ ލަ ފުއެންޓޭ ހާމަކުރިގޮތުގައި މިވަގުތު މިއޮތް ސްޕެއިންގެ ޓީމަށް ފާޑު ކިޔުމަކީ އޭނާ އެއްވެސް ގޮތަކަށް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. މިޓީމު މިވަނީ ބަލިނުވެ 33 މެޗު ހަމަކޮށްފައިކަމަށާއި އެފަދަ ޓީމަކަށް ފާޑު ކިޔުމަކީ ކޮށްގެން ވާނެ ކަމެއް ކަމަށް އޭނާ ގަބޫލް ނުކުރާ ކަމަށެވެ.

ކޮންމެ ޓީމަކަށްވެސް ރަނގަޅު ދުވަހާއި ގޯސް ދުވަސް އަންނާނެ ކަމަށާއި އެގޮތުން ފުރަތަމަ މެޗަކީ އެފަދަ ދުވަހެއް ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ އެޓީމުގެ ގާބިލް ކަމާމެދު ޝައްކު ކުރުން ނޫންކަމަށް ޑެ ލަ ފުއެންޓޭ ފާހަގަ ކުރިއެވެ. މިޓީމުގައި ތިބި ޒުވާން ހުނަރުވެރިންގެ ޓްރެކް ރިކޯޑް އެހާމެ ފުރިހަމަ ކަމަށާއި މިޓީމަށް ކޯޗު ކޮށްދިނުމަކީ އޭނާއަށް ލިބިގެންދާ ޝަރަފެއްކަމުގައި ސްޕެއިންގެ ކޯޗު ހާމަކުރިއެވެ.

ޑެ ލަ ފުއެންޓޭ ހާމަކުރިގޮތުގައި ސައުދީ މެޗުގައި އެޓީމުން ބޭނުންވީ މެޗުން މޮޅުވެ އަނެއްކާވެސް މޮޅުވުމުގެ ސިލްސިލާ ކުރިއަށް ގެންދަން ކަމަށާއި އެހެން ކަމުން މިމެޗުގެ ނަތީޖާ އާއި މެދު ހިތްހަމަ ޖެހުނު ކަމަށެވެ. އަދި މިމެޗުގައިވެސް ހެދުނު ގޯސް ތަކަށް އެޓީމުގެ ތެރޭގައި ބެލުމަށްފަހު އެކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި އަދި ޖުލައި މަހުގެ 19 އާއި ހަމައަށް މިމުބާރާތުގައި ދެމިތިބޭ ކަމަށްވާ ނަމަ ދުވަހެއް ދުވަހަކަށް އެޓީމުގެ ކުޅުން ރަނގަޅު ކުރަން ޖެހޭނެ ކަމަށްވެސް ޑެ ލަ ފުއެންޓޭ ހާމަކުރިއެވެ.

ސައުދީ އަރަބިއާގެ ކޯޗު ޖިއޯޖިއޯސް ޑޯނިސް ބުނީ ކަންތައްތައް ގޯސްކޮށްދާއިރެއްގައި ސީދާ އެއް ޖަވާބަކުން އެކަން ހާމަނުކުރެވޭނެކަމަށެވެ. އަދި މުޅި މެޗަށް ބަލާއިރު އޭނާގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ކަމަށާއި ތަފާތަކަށްވީ އަމިއްލަ ޕެނަލްޓީ އޭރިޔާ ތެރޭގައި ސްޕެއިން ހިފެހެއްޓުމުގައި އެންމެ ރަނގަޅަށް މަސައްކަތް ނުކުރެވުންކަމަށެވެ.

މިމެޗުގައި ސްޕެއިން އިން ކުޅެފައިވަނީ ވަރަށް ހަލުވި ކުޅުމެއް ކަމަށާއި އަދި ބޯޅަ ލިބޭ ވަގުތު ތަކުގައި އެޓީމަށް ގިނަ ގޯސް ތަކެއް ހެދިފައިވާކަންވެސް އޭނާ ފާހަގަ ކުރިއެވެ.