ޚަބަރު

"އީރާން ޓީމުގެ ކުޅުން ތާރީހުގެ ތެރޭގައި ލިޔެވިގެންދާނެ"


  • އީރާނާއެކު ކުޅުމަށް ހަމަޖެހިފައިވި ރަހްމަތްތެރިކަމުގެ މެޗްތައްވެސްވަނީ ކެންސަލް ކޮށްފަ

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އީރާން އިން މިފަހަރު ދައްކަމުންދާ ކުޅުން ތާރީހްގެ ތެރޭގައި ލިޔެވިގެންދާނެކަމަށް އެޓީމުގެ ކޯޗު އާމިރު ގަލެނޯއީ ފާހަގަކޮށްފިއެވެ.

ގެލެނޯއީ މިކަން ހާމަކޮށްފައިވަނީ މިފަހަރުގެ މުބާރާތުގެ ގްރޫޕް ޖީގައި ބެލްޖިއަމް އާއި ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދޭން ފެށުމުގެ ގޮތުން ގަލެނޯއީ ބުނީ އޭނާ ފަށަން ބޭނުންވަނީ މީގެ 6 މަސް ދުވަސް ކުރީގެ ވާހަކަ އަކުން ކަމަށެވެ. މިގޮތުން މީގެ 6 މަސް ކުރިން އީރާން އޮތީ ހަނގުރާމައިގެ ހާލަތުގައި ކަމަށެވެ.

އީރާންގެ ފުޓްބޯޅަ ލީގުއޮތީ ސަސްޕެންޑް ވެފައިކަމަށާއި އަދި ފީފާ ޑޭ ފާހަގަ ކުރުމަށްޓަކައި 40 ގަޑިއިރު އެއްގަނޑު މަގުން ދުއްވާފައި ޖެހިގެން އޮތް އެހެން ޤައުމަކަށް ދިޔަކަން ގެލަނޮއީ ފާހަގަކުރިއެވެ. އަދި މިފަހަރުގެ ވޯލްޑް ކަޕާއި ގުޅިގެން އީރާން ޓީމަށް ދިމާވި ވީސާގެ މައްސަލަތައް އެންމެންނަށް އެނގޭނެ ކަމަށާއި އަދި މުބާރާތަށް އެމެރިކާއަށް އައުމަށް ކުރަން އުޅުނު ދަތުރުގެ ވާހަކަވެސް މިއީ އެންމެންނަށް އެނގޭ ވާހަކަ ކަމަށް އޭނާ ހާމަކުރިއެވެ.

މިއީ ވޭތުވެދިޔަ 6 މަސް ދުވަހު އީރާންގެ ޓީމު އުޅުނު ހާލު ކަމަށާއި އަދި މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ކުޅެން ހަމަޖެހުނު ރަހްމަތްތެރިކަމުގެ ގިނަ މެޗުތައްވެސްވަނީ ކުޅެން އޮތް ޓީމުތަކުން ކެންސަލް ކޮށްފައެވެ.

ގަލެނޯއީ ބުނީ އީރާން މިފަހަރުގެ ވޯލްޑް ކަޕާއި ކުރިމަތިލީ އެންމެ ރަނގަޅު ހާލަތުގައި އޮވެގެން ނޫން ކަމަށެވެ. މިކަން ދުނިޔެއަށް އެނގެން ޖެހޭކަމަށް އޭނާ ފާހަގަ ކުރިއެވެ. އަދި މިމެޗުގައި އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާއި ގުޅޭގޮތުން ވާހަކަ ދައްކުމުން ގަލެނޯއީ ބުނީ މިމެޗުގައި އީރާނުން ވާދަކުރީ ދުނިޔޭގެ ރޭންކިންގގެ 10 ވަނައިގާ އުޅޭ ޓީމާއި ދެކޮޅަށް ކަމަށާއި އީރާން ފަދަ ހާލަތެއްގައި އޮތް ޓީމެއް ނިކުމެ ދެއްކި ކުޅުމަކީ ފާހަގަ ކޮށްލެވޭ ކުޅުމެއް ކަމަށެވެ. އަދި މިމެޗު ބެލްޖިއަމް އަށާއި އީރާނަށްވެސް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބިގެންދިޔަކަންވެސް އޭނާ ފާހަގަ ކުރިއެވެ.

ގަލެނޮއީވަނީ އީރާންގެ ހުރިހާ ކުޅުންތެރިންނަށް އަދި ވަކިން ހާއްސަކޮށް އީރާން ޓީމުގެ ކީޕަރ އަލީރިޒާ ބެއިރަންވާންޑް އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

އީރާން އޮތް ހާލަތުގައި ވޯލްޑް ކަޕްގައި ވާދަކުރަމުންދާ ހުރިހާ ކުޅުންތެރިންނަށް ތައުރީފް ހައްގު ކަމަށްވެސް ގަލެނޯއީ ފާހަގަކުރިއެވެ. އަދި އީރާންގެ އައްނަން އޮތް ޖީލުތަކުން މިކުޅުންތެރިންގެ ހިތްވަރު އުފަލާއެކު ފާހަގަ ކުރާނެކަމަށްވެސް ގަލެއޯނީ ފާހަގަ ކުރިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބެލްޖިއަމްގެ ކޯޗު ރޫޑީ ގާސިއާ ބުނީ ވޯލްޑް ކަޕްގެ ގްރޫޕް މަރްހަލާގައި އޮންނަނީ އެންމެ ތިން މެޗު ކަމަށާއި އަދި މިމެޗުގައި 30 މިނެޓަށް ވުރެ ގިނައިރު އެއް ކުޅުންތެރިއެއް މަދުކޮށް ކުޅެން ޖެހުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކީ އީރާންގެ ކީޕަރު ކަމުގައިވެސް ގާސިއާ ފާހަގަ ކުރިއެވެ. މިހާރު އެޓީމުން ވިސްނަންވީ ކުރިއަށް އޮތް ނިއުޒީލަންޑްގެ މެޗަށް ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.