ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް މެލޭޝިޔާގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު އަލުން ދިނުމަށް، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޠާރިޤް ރަޙްމާން އެދިވަޑައިގެންފިއެވެ.
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާޙީމްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް މެލޭޝިޔާގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު އަލުން ފަހިކޮށްދިނުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށް ޠާރިޤް ވިދާޅުވިއެވެ.
ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރުވައި، އުޖޫރަ ނުދޭކަމުގެ ގިނަ ޝަކުވާތަކާ އެކު، ބަންގްލަދޭޝުން މަސައްކަތްތެރިން ގެނައުން މެލޭޝިޔާއިން 2024ވަނަ އަހަރުން ފެށިގެން ވަނީ ހުއްޓާލައިފައެވެ.
ޠާރިޤް ވިދާޅުވި ގޮތުގައި، ޤަވާއިދާ ޚިލާފަށް މަސައްކަތްކޮށްގެން މެލޭޝިޔާގައި ބަންދުކޮށްފައިވާ ބަންގްލަދޭޝްގެ މަސައްކަތްތެރިން މިނިވަންކޮށް، އަނބުރާ ބަންގްލަދޭޝަށް ފޮނުވައިލުމާ ގުޅޭގޮތުން ވެސް އަންވަރާއެކު ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި ހިމެނެއެވެ.
ރަސްމީ މަޝްވަރާތަކަށްފަހު އަންވަރު ވިދާޅުވީ، ދެ ފުށް ފެންނަ ގޮތަކަށް ބަންގްލަދޭޝުން މަސައްކަތްތެރިން ގެނައުމާއި މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރަން އެޅޭނެ އިތުރު ފިޔަވަޅުތަކާ ގުޅޭގޮތުން ޠާރިޤާއެކު މަޝްވަރާ ކުރެއްވި ކަމަށެވެ.
އަދި އަމިއްލަ ކުންފުނިތަކުގެ ފައިދާއަށް، ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތަކަށް އަރައިގަތުމަކީ، މެލޭޝިޔާގެ ސަރުކާރުން އެއްވެސް ގޮތަކަށް ބަލައިގަންނާނެކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޠާރިޤްގެ މި ދަތުރުފުޅުގައި، މެލޭޝިޔާ އާއި ބަންގްލަދޭޝާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ފަހުމްނާމާތަކުގައި ވެސް ސޮއިކުރެވުނެވެ.
އޭގެތެރޭގައި، ވިޔަފާރި އާއި، އިންވެސްޓްމަންޓު، ސަޤާފަތް އަދި ކައުންޓަރ ޓެރަރިޒަމް ހިމެނެއެވެ.
އަދި ދެ ޤައުމު ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލުމުގެ މަޝްވަރާތައް ފެށުމަށް ވެސް ޠާރިޤްގެ މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ.
މިއީ މިދިޔަ ފެބްަރުއަރީ މަހު ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ މަޤާމާ ޠާރިޤް ޙަވާލުވެވަޑައިގެންނެވި ފަހުން ބޭރު ޤައުމަކަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މެލޭޝިޔާއަށްފަހު، ޠާރިޤް ދެން ވަޑައިގަންނަވާނީ ރަސްމީ ފަތުރުފުޅެއްގައި ޗައިނާއަށެވެ.