ޚަބަރު

ވަރީގެ ސަބަބުން އަހަރަކު ކޮންމެ 27 ގެއަކުން 1 ގެއަށް އަސަރުކުރޭ


  • ދިރާސާކޮށްފައި ވަނީ 2020އިން 2025އަށް

  • އަހަރެއްގެ މައްޗަށް ކޮންމެ 1000 މީހެއްގެ ތެރެއިން 13 މީހުން ކައިވެނި ކުރޭ

  • ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 8 ނުވަތަ 9 މީހުން ވަރިވޭ

ވަރީގެ ސަބަބުން އަހަރަކު ރާއްޖޭގެ ކޮންމެ 27 ގެއަކުން 1 ގެއަށް އަސަރުކުރާކަމަށް ކުޑަކުދިންނާއި އަންހެނުންނަށް، އާއިލީ ހަޔާތުގައި ދިމާވާ ގޮންޖެހުންތަކާމެދު އެކުލަވާލާފައިވާ ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާގެ ހުށަހެޅުންތައް ހިއްސާކޮށްފައި ވަނީ، ނޭޝަނަލް ފެމިލީ މީޑިއޭޝަން ތަމްރީން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައެވެ.

މި ދިރާސާ އަކީ 2020ން 2025 އަށް ފާހަގަކުރެވޭ ކަންކަމުގެ މައްޗަށް އެކުލަވާލާފައިވާ ދިރާސާއެކެވެ. އެ ދިރާސާގައި ބުނެފައި ވަނީ ދުވާލެއްގެ މައްޗަށް ރާއްޖޭގައި އެވްރެޖްކޮށް 8 ނުވަތަ 9 މީހުން ވަރިވާކަމަށެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމަށް ބަލާއިރު، އަހަރެއްގެ މައްޗަށް ރާއްޖޭގެ އާބާދީގެ ކޮންމެ 1000 މީހެއްގެ ތެރެއިން 13 މީހުން ކައިވެނި ކުރެއެވެ. އަދި އަހަރަކު ކޮންމެ 1000 މީހެއްގެ ތެރެއިން 8 ނުވަތަ 9 މީހުން ވަރިވެއެވެ.

މީގެ އިތުރުން 2019-2025ގެ ނިޔަލަށް ރަޖިސްޓަރކޮށްފައި ވަނީ، ކައިވެންޏާއި ގުޅުން ހުރި 13 އެއްބަސްވުން ކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.

އެ ދިރާސާގައި ކައިވެނީގެ ކުރިންނާއި، ވަރިވުމަށް ފަހު އެކި މަރުހަލާތަކުގައި ދިމާވާ ކަންކަމާއި، އެކަންކަމުން ކުޑަކުދިންނަށް ކުރާ އަސަރުތަކަށް ވަނީ އަލިއަޅުވާލާފައެވެ. މީގެ އިތުރުން ކުޑަކުދިންނާއި އަންހެނުން ރައްކާތެރިކުރެވޭނެ ގޮތާއި، އާއިލީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭ ކަންތައްތައް އެ ދިރާސާގެ އަލީގައި ހުށަހެޅި ކަންކަމުގެ ތެރޭގައި ހިމެނެއެވެ.

ކޯޓުތަކުގައި މަސައްކަތް ކުރާ މީޑިއޭޓަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ، ނޭޝަނަލް ފެމިލީ މީޑިއޭޝަން ޕްރޮގްރާމްގެ މިހާރު ކުރިއަށްދާ މަރުހަލާއަކީ، ތަމްރީނު ދޭނެ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ، ޓީއޯޓީ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމް ކުރިއަށް ދާނީ ޖޫން 21 އިން 28ގެ ނިޔަލަށެވެ.

ޖުމްލަ 27 ބައިވެރިންނާއި އެކު ކުރިއަށްދާ، އެ ޓްރެއިނިން ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ވެސް މީޑިއޭޝަން ޓްރެއިނަރުން ހިމެނޭ ޕޫލްއެއް ތަމްރީންކުރުމެވެ.

މީޑިއޭޓަރުން ތަމްރީންކުރުމުގައި މަސަސައްކަތް ފަށާނީ އަންނަ ޖުލައި މަހުއެވެ.