އީރާނުން އުފައްދާ ތެޔޮ ވިއްކުމަށް އެމެރިކާއިން ހުއްދަ ދީފައެވެ.
އެތައް އަހަރަކަށްފަހު އީރާނުގެ ތެޔޮ ބައިނަލްއަޤްވާމީ ބާޒާރުތަކުގައި ވިއްކުމުގެ ހުއްދަ އެމެރިކާއިން ދީފައި މި ވަނީ މެދުއިރުމަތީގެ ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމަށް ރަސްމީ އެއްބަސްވުމެެއް އެކުލަވައިލުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެމެރިކާއިން މަސައްކަތް ކުރަމުންދަނީ ރަސްމީ އެެއްބަސްވުމުގެ ތެރޭގައި އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަައް އިންސްޕެކްޓު ކުރެވޭނެ މަގުފަހި ކުރުމުގެ އިތުރު އަގެއް ނެގުމެއް ނެތި ހުރްމުޒް ކަނޑުއޮޅި ހުރަސް ކުރެވޭނެ ގޮތެއް ހިމެނުމަށެވެ. މިދިޔަ ހަފްތާގެ ތެރޭގައި އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި އިބްތިދާޢީ އެއްބަސްވުމުގެ ދަށުން އެމެރިކާއިން ވަނީ އީރާނުގެ ސާފުނުކުރާ ތެލާއި ޕްޓްރޯލިއަމްގެ އުފެއްދުންތަކާއި، އެއާ ގުޅުންހުރި ޚިދުމަތްތައް ދިނުން މަނާކޮށްފައި އޮތް އޮތުން ވަގުތީގޮތުން އުވައިލުމަށް އެއްބަސްވެފައެވެ. އަދި އެ ފަދަ ވިިޔަފާރީގެ މުއާމަލާތްކާ ގުޅުންހުރި ބެންކު މުއާމަލާތްތަކާއި އިންޝުރަންސްގެ އިތުރުން މުދާ އެއް ތަނުން އަނެއް ތަނަށް އުފުލުމަށް ވެސް ފުރުޞަތު ދިނުމަށް އެއްބަސްވެފައިވެއެވެ.
އީރާނުގެ ތެޔޮ ވިއްކުމަށް އެމެރިކާއިން މިހާރު ދޫކޮށްފައިވާ ލައިސެންސުގެ ދަށުން އީރާނުން އުފައްދާފައިވާ ސާފުނުކުރާ ތެލާއި ޕެޓްރޯކެމިކަލްއާއި ޕެޓްރޯލިއަމް އުފެއްދުންތައް 60 ދުވަހުގެ މުއްދަތަށް، އޮގަސްޓު 21ވަނަ ދުވަހާ ހަމައަށް ވިއްކޭނެއެވެ. ވިޔަފާރި މުއާމަލާތެއް ނިންމުމަށް ނުވަތަ ޑެލިވެރީ ކުރުމަށް ނުވަތަ އުޅަނދަކުން ބޭލުމަށް ބޭނުން ޖެހިއްޖެ ހިނދެއްގައި އީރާނުގެ ތެޔޮ އެމެރިކާއަށް އެތެރެކުރުމަށް ކަމަށް އެ ލައިސެންސުން ފުރުޞަތުދެއެވެ. 1979ވަނަ އަހަރުގެ އިންޤިލާބަށް ފަހު އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އޭގެ ފަހުން އެމެރިކާއިން އީރާނުގެ ތެޔޮ ހަރުދަނާ ގޮތަކަށް އިމްޕޯޓުކޮށްފައެއް ނުވެއެވެ.
އެެމެރިކާގެ މާލީ ވަޒީރު، ސްކޮޓް ބެސެންޓް ވިދާޅުވީ ސްވިޒަލެންޑުގައި މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި ވާހަކަ ދެކެވިފައިވާ ގޮތަށް، ހުރަހެއް ނެތި އަދި އަގެއް ނެގުމަކާ ނުލައި އުޅަނދު ފަހަރަށް ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރެވޭނެ ކަމަށް އީރާނުން ބުނެފައިވާ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ އެޓޮމިކް ހަކަތައާބެހޭ އިދާރާ، އައިއޭއީއޭގެ އިންސްޕެކްޓަރުން އީރާނުގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު ދޭނެ ކަމަށް އެ ޤައުމުން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 2 މިލިއަނެއްހާ ފީފާގެ ތެޔޮ ބަރުކޮށްގެން ދަތުރުކުރި ދެ އުޅަނދެއް ވަނީ ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައެވެ. މިއީ އެމެރިކާއާއި އީރާނާ ދެމެދު އިބްތިދާޢީ އެއްބަސްވުން ޤާއިމްކުރި ފަހުން އެ ކަނޑުއޮޅިން ދަތުރުކުރަމުންދާ އުޅަނދުފަހަރު އިތުރުވަމުންދާ ކަމުގެ ނިޝާނެކެވެ. ހަނގުރާމައިގެ ކުރިން ދުވާލެއްގެ މައްޗަށް 125އެއްހާ އުޅަނދު ދިޔައީ މި ކަނޑުއޮޅި ހުރަސްކުރަމުންނެވެ.