އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަހާ ގުޅުވައިގެން ބީސީސީން ބާއްވާ "އެމްއެސްއެމްއީ ޕިޗް" މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި އަހަރުގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާ ގުޅިގެން ބާއްވާ މިމުބާރާތުގައި ބައިވެރިވެވޭނީ 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.
މި މުބާރާތަކީ ޒުވާނުންގެ މެދުގައި އީޖާދީ ވިސްނުމާއި، ވިޔަފާރީގެ ވިސްނުން ކުރިއަރުވައި، އައު ވިޔަފާރި ޚިޔާލުތައް ހުށަހެޅުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ދެ މީހުންގެ ޓީމެއް އެކުލަވާލަންޖެހޭއިރު، ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮތީ އެންމެ ފުރަތަމަ ކުރިމަތިލާ 10 ޓީމަށެވެ.
މި މުބާރާތުން އެއްވަނައަށް ހޮވޭ ޓީމަކަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޒުވާނުންނަށް އެމީހުންގެ ވިޔަފާރި ޚިޔާލުތައް ދައްކާލުމަށާއި، ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ހުނަރު ތަރައްގީކޮށް، ދާއިރާގެ ތަޖުރިބާކާރުންނާ ބައްދަލުކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއްކަމަށް ބީސީސީން ވަނީ ބުނެފައެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް ބީސީސީގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފައިވާ ޕޯސްޓުތަކުގައިވާ ކިއުއާރު ކޯޑު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.
މި ހަރަކާތަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދާއިރާ ވަރުގަދަކޮށް، ޒުވާން ވިޔަފާރިވެރިންގެ އީޖާދީ ޚިޔާލުތައް ހަގީގީ ވިޔަފާރިތަކަށް ބަދަލުކުރުމަށް އެހީތެރިވުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުން ބީސީސީ އާއި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މުހިންމު ޙަރަކާތެކެވެ. އަދި މިއީ ޕްރައިވެޓް ސެކްޓަރ ކުރިއަރުވައި، އައު ޖީލުގެ ވިޔަފާރިވެރިން އުފެއްދުމަށް މުޅި ރާއްޖޭގައި ސަރުކާރުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ބީސީސީން ވަނީ ބުނެފައެވެ.