ޚަބަރު

މެންޓަލް ހެލްތު ހޮސްޕިޓަލް އަޅާނީ އެންމެ ގިނަ މީހުން ފަރުވާ ހޯދާ މާލޭގައި


  • ތިން އަހަރު ތެރޭގައި 70،000އަށްވުރެ ގިނަ މީހުން ނަފްސާނީ ފަރުވާ ހޯދާފައިވޭ

  • 45،000 މީހުން ފަރުވާ ހޯދީ މާލެ ސަރަހައްދުން

މާލޭގައި މެންޓަލް ހެލްތު ހޮސްޕިޓަލު އަޅަން ނިންމީ އެންމެ ގިނަ މީހުން ފަރުވާ ހޯދާ ސަރަހައްދަށްވާތީ ކަމަށް ޞިއްޙަތާއި އާއިލާ އާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން، ރާއްޖޭގައި އަޅަން ނިންމާފައިވާ މެންޓަލް ހެލްތު ހޮސްޕިޓަލާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ޞިއްޙަތާއި އާއިލާ އާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވީ މެންޓަލް ހެލްތު ހޮސްޕިޓަލެއް މާލެ ސަރަހައްދުން ބޭރުގައި ޤާއިމްކުރުމަށް ވަކި ދިރާސާއެއްކުރެވިފައި ނެތް ނަަމަވެސް އެފަދަ ތަނެއް ޤާއިމްކުރާއިރު އެތަނެއް ހުންނަ ސަރަޙައްދަކުން ޚިދުމަތް ހޯދަމުން އަންނަ މީހުންގެ އަދަދާއި ލިބެންހުރި ވަސީލަތްތަކަށް ބަލަންޖެހޭނެ ކަމަށެވެ. އެގޮތުން، ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި 70،000 އަށްވުރެ ކޮންސަލްޓޭޝަން ކުރިއަށްގެންގޮސްފައިވާއިރު، މީގެ ތެރެއިން 45،000 މީހުން ފަރުވާ ހޯދާފައިވަނީ މާލެ ސަރަހައްދުގައި ކަމަށް ވިދާޅުވިއެވެ.

ނަފްސާނީ ފަރުވާއަކީ ވަކި ޚާއްސަ ކަންތައްތަކެއް ހިމެނޭ ފަރުވާގެ ނިޒާމެއް ކަމަށްވާތީ އެފަދަ ވަކި ހޮސްޕިޓަލެއް ހުރުން މުހިންމުކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެ ޚިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތަކާއި ބަލި މީހުންވެސް ގިނައީ މާލެ ސަރަހައްދުގައި ކަމަށެވެ. އަދި މި ހޮސްޕިޓަލް މާލޭގައި އެޅުމަށް ސަރުކާރުން ނިންމަވައި، ހުޅުމާލެއިން 10،000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވާކަމަށްވެސް ވިދާޅުވިއެވެ.

"ފާއިތުވި އަހަރުތަކުގެ ތެރޭގައި ޞިއްޙީ ފަރުވާގެ ނިޒާމުގެ ތެރެއިން ނަފްސާނީ ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިގައި ނެތުމުންނާއި ސަރުކާރުތަކުން އެފަދަ ކަމަކަށް ދީފައިވާ އަހައްމިޔަތު ކުޑަވުމުގެ ސަބަބުން އެކަށިގެންވާ ގޮތެއްގައި ފަރުވާ ދެވިފައިނުވޭ. ނަފްސާނީ ބަލިތަކަކީ ރައްޔިތުންގެ މެދުގައި ހިތް ނުތަނަވަންސަކަމާއި ބިރުވެރިކަން އުފެދިފައިވާ ބައްޔެއް. މިއީ ރާއްޖެއަށް އެކަނި އޮތްކަމެއް ނޫން. އެހެންކަމުން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަން ޖެހިލުންވެ، ލަސްވުންފަދަކަންކަން ދިމާވޭ، މިފަދަ ޚާއްސަ ބަލިތަކަށް ފަރުވާނެ ނިޒާމު އެކަށައަޅަނީ އެހެންވެ،" ސިއްޙަތާއި އާއިލާ އާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަދުުގެ ސަރުކާރުން ނަފްސާނީ ފަރުވާ ފޯރުކޮށްދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށާއި މީގެ ނަތީޖާއެއްގެ ގޮތުން ގުރައިދޫގައި ޤާއިމްކޮށްފައިވާ މަރުކަޒުގައި ތިބި 60 މީހުންނަށް ފަރުވާދެވި، އަނބުރާ މުޖުތަމަޢަށް ނެރެވިފައިވާ ކަމަށެވެ. އަދި ސަރުކާރުން ޤާއިމްކޮށްފައިވާ މެންޓަލް ހެލްތު ހެލްޕް ލައިނަށް މިދިޔަ އަހަރު 10،000 އަށްވުރެ ގިނަ ކޯލު ލިބި، ފަރުވާ ދީފައިވާ ކަމަށާއި މިއީވެސް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.

ސައިކޭޓްރިކް ޚިދުމަތް މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމުންދާކަން ފާހަގަކުރައްވައި ވަޒީރު ޤީލާ ވިދާޅުވީ މާލެ ސަރަހައްދުގައި ގާއިމުކުރާ މެންޓަލް ހެލްތު ހޮސްޕިޓަލު ވެގެންދާނީ ޒަމާނީ ވަސީލަތްތަކާއެކު ފުރިހަމަ ފަރުވާގެ ނިޒާމެއް ޤާއިމުވެފައިވާ ތަނަކަށް ކަމަށެވެ.