ކުޅިވަރު

ވޯލްޑް ކަޕް ޗެމްޕިއަން ޓީމަށް ތަށި ދެއްވާނީ ރައީސް ޓްރަމްޕް: އިންފަންޓީނޯ


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް ވާދައިގެ ތަށި ދެއްވާނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ބުނެފި އެވެ.

އެ ޖަމާއަތުގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ ޖުލައި 19 ވަނަ ދުވަހު އެމެރިކާގެ ނިއުޖާޒީގައި ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް ތަށި ހަވާލުކޮށްދެއްވަން އޭނާއެކު ޓްރަމްޕް ބައިވެރިވަޑައިގަންނަވާނެ ކަމަށެވެ.

މިއީ އިންފަންޓީނޯގެ ޒައާމަތުގައި އެންމެ ފަހުގެ ވޯލްޑް ކަޕުގައި ވެސް އަމަލުކޮށްފައިވާ ގޮތެވެ. ގަތަރު 2022ގައި ޗެމްޕިއަން އާޖެންޓީނާ ހޯދުމުން ތަށި ހަވާލުކޮށްދެއްވީ އިންފަންޓީނޯގެ އަރިހުގައި ހުންނަވައި ގަތަރުގެ އަމީރެވެ. އަދި އެމެރިކާގައި މިދިޔަ އަހަރު ބޭއްވި ކުލަބު ވޯލްޑް ކަޕްގެ ތަށި ދެއްވީ ވެސް ޓްރަމްޕެވެ. އެ ފަހަރު ތަށި ހަވާލުކުރެއްވުމަށްފަހު ސްޓޭޖުން ފައިބާ ވަޑައިނުގެން ޗެލްސީގެ ކުޅުންތެރިންނާއެކު ޓްރަމްޕް ހުންނެވުމުން ވަރަށް ގިނަ ފާޑުކިއުން ފީފާ އަށް އަމާޒުވި އެވެ.

ގައުމުތަކުގެ ރައީސުން ލައްވައި ފީފާ ވޯލްޑް ކަޕުގެ ތަށި ދެއްވުން ހުއްޓާލާފައި އޮތުމަށްފަހު އަލުން މިކަން ފެށީ އިންފަންޓީނޯ އެވެ. މިއީ ވަރަށް ބޮޑެތި ފާޑުކިއުން އަމާޒުވާ ކަމެކެވެ. އިންފަންޓީގެ ކުރިން ފީފާގެ ރައީސްކަން ކުރެއްވި ސެޕް ބްލެޓާ ވަނީ މިކަން އެއްކޮށް ހުއްޓާލައިފަ އެވެ.

ނަމަވެސް އިހުގައި ގައުމުތަކުގެ ވެރިން ވަނީ ވޯލްޑް ކަޕް ތަށި ޗެމްޕިއަން ޓީމަށް ހަވާލުކޮށްދެއްވާފަ އެވެ. 1982 ވަނަ އަހަރު އިޓަލޫގެ ކެޕްޓަން ޑިނޯ ޒެފަށް ތަށި ހަވާލުކޮށްދެއްވީ ސްޕޭނުގެ ރަސްގެފާނު ހުއާން ކާލޮސް އެވެ. 1966 ވަނަ އަހަރު އިނގިރޭސިން ޗެމްޕިއަންކަން ހޯދުމުން ކެޕްޓަން ބޮބީ މުއާ ތަށި ލިބިގަތީ އިނގިރޭސި ރާނީ ކުއީން އެލިޒަބަތުގެ އަތްޕުޅުންނެވެ.