ޚަބަރު

ބޮޑުތަކުރުފާނު މަގު: އަންނަ ބުދަދުވަހު ތާރުއަޅަން ފަށަނީ


  • މުޅީ މަޝްރޫޢު ޖުލައި 26އަށް ނިންމަނީ

  • ޕޭމަންޓު ހެދުމުގެ މަސައްކަތްތައް ކުރިއަށްއޮތް 2ދުވަސްތެރޭ ނިންމާލެވޭނެ

  • ސެގްމެންޓު 2ގެ ޝީޓްޕައިލްގެ މަސައްކަތްތައް އަންނަ ހަފްތާތެރޭ ފެށޭނެ

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މިހާރު ހަދަމުންދާ ސަރަހައްދުގައި ތާރުއެޅުމުގެ މަސައްކަތް އަންނަ ބުދަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެތެރެއިން މިހާރު ކުރަމުންދަނީ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 4 ސެގްމެންޓެއްގެ މަސައްކަތެވެ. އެއީ އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާހަމައަށް އޮންނަ ސަރަޙައްދެވެ. މި ސަރަޙައްދުގެ މަސައްކަތް ފެށީ މިއަހަރުގެ މާރޗްމަހުގެ ތެރޭގައެވެ.

އެމްޓީސީސީން ވިދާޅުވީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ސެގްމެންޓު، 3،4،5 ގެ ގާތްގަނޑަކަށް ހުރިހާ މަސައްކަތެއްނިންމާ ތާރު އެޅުމަށް މިހާރު ތައްޔާރުކޮށްފައިވާކަމަށެވެ. އެއީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާހަމައަށް އޮންނަ ސަރަޙައްދެވެ.

މަގު ހެދުމުގެ މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން އެ މަޝްރޫޢުގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރްވަސް ޢަބްދުﷲ ފާއިޒް ވިދާޅުވީ، މަގު ހެދުމުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށެވެ.

އަދި ޕޭމަންޓު ހެދުމުގެ ނުނިމި ހުރި ބައެއް މަސައްކަތްތައް ކުރިއަށްއޮތް 2ދުވަހެއްހާ ދުވަހުގެތެރޭގައި ނިންމާލެވޭނެކަމަށާއި، ސެގްމެންޓު 2ގެ ޝީޓްޕައިލްގެ މަސައްކަތްތައް އަންނަ ހަފްތާތެރޭ ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

ޝަރްވަސް ވިދާޅުވީ، ތާރު އެޅުމަށް ބޭނުންވާ މެޝިނަރީޒްތައް މޮބިލައިޒްކުރުމުގެ މަސައްކަތްތައް އަންނަމަހުގެ 1ގައި ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.
މިއާއެކު، ހްނވޭރު ފެރީ ޓާމިނަލުން ފެށިގެން ކާނިވަލްގެ ޕާކިންޒޯނާހަމައަށް އޮންނަ ސަރަޙައްދު ބަންދކުރުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ކާނިވަލްގެ ޕާކިން ޒޯން ބޭނުންކުރެވޭނެކަމަށް ވިދާޅުވިއެވެ.

ތާރުއެޅުމަށް ބޭނުންވާ މެޝިނަރީޒްތައް މޮބަލައިޒްކުރުމާއެކު އެ ސަރަޙައްދު ބަންދުކުރަން ނިންމެވީ، މެޝިނަރީސްތައް މޮބިލައިޒްކޮށްފައި ބަހައްޓާނެ ޖާގަ ބޭނުންވާތީކަމަށް ޝަރްވަސް ވިދާޅުވިއެވެ.

ޝަރްވަސް ވިދާޅުވީ، ތާރު އެޅުމަށް ހަމަޖެހިފައިވަނީ 2 ބަޔަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ފުރަތަމަ ތާރުއަޅާނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށްކަމަށް ވިދާޅުވިއެވެ.

"މިވަގުތު އަޅުގަނޑުމެން ޕްލޭން ކުރަނީ ތާރު އެޅުމަށް ބޭނުންވާ މެޝިނަރީޒް މޮބިލައިޒްކުރުމާއި ޖުލައި 1ގަ ފެށުމަށް ތައްޔާރުވެފަ ވަނީ. ތާރު އަޅާނީ ދެބަޔަކަށް ބަހާލައިގެން. މެޝިނަރީޒްތައް މޮބިލައިޒްކުރަން ފެށުމާއެކީގަ އެ މަސައްކަތްވެސް ފެށިގެންދާނެ." ޝަރްވަސް ވިދާޅުވިއެވެ.

ބޮޑުތަކުފާނު މަގުގައި މިހާރު މަސައްކަތް ކުރިއަށްދާ ސަރަޙައްދުގެ ހުރިހާ މަސައްކަތްތަކެއް ނިންމާ ޖުލައި26ގެ ކުރިން ނިންމާލުމަށް މަސައްކަތްކުރަމުންދާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

މުޅި މަޝްރޫޢުގެ މަސައްކަތްތައްނިމި އާންމުންނަށް ހުޅުވާލުމާއެކު، މަގު އިތުރަށް ތަނަވަސްވެ ހިނގާބިނގާވެ އުޅޭ މީހުންނަށްވެސް ބޮޑު ލުއިފަސޭހައއެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.