ކުޅިވަރު

ޖަޕާން ކުޅެން އެންމެ އިންޗިއެއް ވެސް ދީގެން ނުވާނެ: ސްވިޑްން ކޯޗު


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ޖަޕާން ކުޅެގަންނަން އެންމެ އިންޗިއެއް ވެސް ދީގެން ނުވާނެ ކަމަށް ސްވިޑްންގެ ކޯޗު ގްރެހަމް ޕޮޓާ ބުނެފި އެވެ.

އޭނާ މިހެން ބުނީ މޮޅުވެގެން ދެ ޓީމަށް ވެސް ދެ ވަނަ ބުރަށް ދެވެން އޮތީތީ އެވެ. މެޗު އެއްވަރުވެއްޖެނަމަ ސްވިޑްން ޖެހޭނީ ތިން ވަނަ ޓީމެއްގެ ގޮތުގައި ދެ ވަނަ ބުރަށް އިންތިޒާރު ކުރާށެވެ. ގްރޫޕް އެފްގައި ނެދެލޭންޑްސް އާއި ޖަޕާނަށް ހަތަރު ޕޮއިންޓް އަދި ސްވިޑްން އަށް ތިން ޕޮއިންޓް ލިބިފައިވާއިރު ޓިއުނީޝިޔާ އަށް ޕޮއިންޓެއް ނުލިބެ އެވެ. ދެ ވަނަ ބުރަށްދާނީ ގަދަ ދެ ޓީމެވެ.

"ޖަޕާންގެ ކޯޑިނޭޝަންސް އާއި ޖަޕާނުގެ ރޭވުންތެރިކަމާއި މަސައްކަތުގެ ރޭޓަށް ބަލާއިރު އަހަރުމެން މި މެޗުގައި ވަރަށް ބޮޑަށް އެ މީހުންނަށް ކުޅެން ލިބޭ ދަނޑުގެ ޖާގަ ހަނި ކުރަން ޖެހޭނެ. އަހަރުމެން އެ މީހުންނަށް ދަނޑު ބޮޑު ކޮށްދީފިއްޔާ އެމީހުން މޮޅުވާނެ. އެހެންވީމާ ވީހާ ވެސް ދަނޑު ކުޑަކޮށް އަހަރުމެން ދިފާއު ކުރަން ޖެހޭ އޭރިޔާ ކުޑަކުރަން ޖެހޭނެ،" ކޯޗު ޕޮޓާ ބުންޏެވެ.

އޭނާ ބުނީ ޖަޕާނަކީ ވަރަށް ރޭވުންތެރި ޓީމެއް ކަމަށާއި އޭނާގެ ޓީމުގެ ހަލުވި އެޓޭކަރުންނަށް ފުރުސަތު ހޯދައިދެވޭނީ ވެސް ދިފާއު ވަރުގަދަ ކޮށްގެން ކަމަށެވެ.

"އަހަރުމެންގެ އެޓޭކް ވަރުގަދަ. އެ މީހުންނަށް އެ ފުރުސަތު ހޯދައިދެވޭނީ ދިފާއު ވަރުގަދަ ކޮށްގެން. އަހަރުމެން މެޗު ފެށުނީއްސުރެ ނިމެންދެން ފަހަތް ވަރަށް ރަނގަޅަށް ބަލަހައްޓަން ޖެހޭނެ. މިއީ އަހަރުމެން ގޯލު ވެސް ޖަހަން ޖެހޭނެ މެޗެއް،" ކޯޗު ބުންޏެވެ.

މި މެޗާ ބެހޭ ގޮތުން ޖަޕާނުގެ ކޯޗު ހާޖިމީ މޮރިޔާސޫ ބުނީ ސްވިޑްގެ ފޯވަޑް ލައިނާ މެދު ވަރަށް ބޮޑަށް ފަރުވާތެރިވާނެ ޖެހޭނެ ކަމަށެވެ.

"އެ މީހުންނަކި އެޓޭކިން ޑިޕާޓްމަންޓް ވަރަށް ވަރުގަދަ ޓީމެއް. މި މުބާރާތުގައި ފެނިގެންދާ އެޓޭކިން ޕާޓްނާޝިޕްތަކުގެ ތެރެއިން އެންމެ ވަރުގަދަ އެއް ޕާޓްނާޝިޕަކީ އެއީ. އެހެންވީމާ އެކަމަށް ސަމާލުކަން ދީގެން އަހަރުމެން ކުޅެން ޖެހޭނީ. އަހަރުމެންގެ އެންމެ މުހިންމު ކަމަކީ ޓީމު ވޯކް. ގުޅިގެން މަސައްކަތް ކޮށްފިނަމަ އެ މީހުންގެ އެޓޭކް ހުއްޓުވޭނެ،" މޮރިޔާސޫ ބުންޏެވެ.

ސްވިޑްންގެ އެޓޭކް ބަލަހައްޓަނީ އާސެނަލްގެ ވިކްޓަރ ޔޯކެރެޝް އާއި ލިވަޕޫލްގެ އެލެގެޒެންޑާ އިސާކެވެ.