ޚަބަރު

ބޭރުގެ މަސްބޯޓުތަކެއް ހުއްޓުވަން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ


  • ބޯޓުތައް ހަރަކާތްތެރިވަނީ ގދ. ފިިޔޯރީއާ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން

  • ދެ ބޯޓެއް ހަރަކާތްތެރިވާކަމަށް ވަނީ ރިޕޯޓްކޮށްފައި

ގދ. އަތޮޅާއި ފުވައްމުލަކު ސިޓީއާ ދެމެދު ބޭރުގެ މަސްބޯޓުތަކެއް އުޅޭކަން ފާހަގަކުރެވިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން މި އޮޕަރޭޝަނާ ގުޅޭ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ. އެ އިދާރާއިން ވިދާޅުވީ މި މަސްބޯޓުތައް ހަރަކާތްތެރިވަމުންދަނީ ގދ. ފިިޔޯރީއާ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

ގދ. އަތޮޅާއި ފުވައްމުލަކާ ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން، ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން، އިރުން ހުޅަނގަށް ދަތުރުކުރަމުންދަނީ ބޭރުގެ 2 މަސްބޯޓެއް ކަމަށް ރިޕޯޓް ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި މައްސަލައިގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަނެތި ވަންނަ މަސްބޯޓުތައް އެމްއެންޑީއެފުން ހުއްޓުވައި ފުލުހުންނާ ހަވާލުކުރެއެވެ.