ފީފާ ވޯލްޑް ކަޕާއި ގުޅިގެން ޔޫތު ހަބުގައި ކުރިއަށްގެންދާ ގޭމިންގ ކާނިވަލްގެ ތެރެއިން، ރާއްޖެއަށް ފުޓުބޯޅައިގެ ދާއިރާއިން ރަން ވަނަތަކެއް ހޯދައިދީފައިވާ ދެ ލެޖެންޑުންނާއި ބައްދަލުކޮށްލުމުގެ ފުރުސަތު ހޯދައިދީފިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ގޭމިންގ ކާނިވަލް އޮންނާނީ ކޮންމެ ހުކުރު ދުވަހަކު މާލޭ ޔޫތު ހަބުގައެވެ.
ވޯލްޑް ކަޕް ފެށުމާއެކު ސިލްސިލާކޮށް ކުރިއަށްގެންދާ މި ކާނިވާ ތެރެއިން، އެކި ކުޅިވަރުތައް ކުޅެލުމުގެ އިތުރުން ގުރުއަތުން ހޮވޭ ފަރާތްތަކަށް އެކި އިނާމުވެސް ލިބެއެވެ. މި ކާނިވާ ތެރެއިން ފުޓުބޯޅައާ ގުޅުންހުރި އެކި ކުޅިވަރުތަކުގެ އިތުރުން ޓާގެޓް ޝޫޓިންގ ފަދަ ކުޑަކުދިން ޝައުގުވެރިވާ އެތަކެއް ކުޅިވަރުތަކެއް ކުޅެލެވެއެވެ.
މީގެ އިތުރުން މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައްވެސް މި ކާނިވާ ތެރެއިން ކުރިއަށްދާނެއެވެ.
މި ކާނިވާ ތެރެއިން ކުރިއަށްދާ ގިނަ ބަޔަކު އެންމެ ޝައުގުވެރިވާނެ އެއް ކަމަކަށް ވާނީ، ރާއްޖޭގެ ފުޓުބޯޅަ ލެޖެންޑުންނާ ބައްދަލުކޮށްލުމުގެ ފުރުސަތު ލިބުމެވެ. އެގޮތުން އިއްޔެގެ ކާނިވާގެ ބައިވެރިންނަށް ވަނީ ރާއްޖެއިން ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނޭ ދެ ކުޅުންތެރިންކަމަށްވާ، ރާއްޖޭގެ ގޯލު ބަލަހައްޓައިދިން ސެންޗޫރިއަން ކީޕަރު، ޢިމްރާން މުޙައްމަދު އަދި ގައުމީ ޓީމުގައި އެތައް އަހަރެއް ވަންދެން މުހިންމު ދައުރެއް އަދާކުރި މުޙައްމަދު ޢުމައިރާ ބައްދަލުކޮށްލުމުގެ ފުރުސަތު ލިބިފައެވެ.
އަންނަ ޖުލައި މަހުގެ 19 ވަނަ ދުވަހާ ހަމައަށް، ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު މި ކާނިވާ ކުރިއަށްދާނެއެވެ.
ދިވެހިންގެ މެދުގައި ވޯލްޑް ކަޕުގެ ފޯރި އިތުރުކުރުމަށްޓަކައި ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއިން ދަނީ އެތަކެއް މަސައްކަތެއް ކުރަމުންނެވެ. އެގޮތުން ވޯލްޑް ކަޕް ފެށުމާއެކު ކޮންމެ ހުކުރު ދުވަހަކު ކުރިއަށްގެންދާ މި ކާނިވަލުގެ އިތުރުން، ދިވެހި ފުޓުބޯޅައަށް އެކި ގޮތްގޮތުން ހިދުމަތްކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހާއްސަ ހަފްލާއެއްވެސް ބާއްވާފައި ވެއެވެ.