ޚަބަރު

ހަމަލާތައް ހުއްޓައިލައި އީރާނާއި އެމެރިކާއިން އަލުން މަޝްވަރާ ފަށަނީ


ހުޅަނގު އޭޝިޔާގައި ބަދަލުކުރަމުންދާ ހަމަލާތައް ހުއްޓައިލުމަށާއި، ހުރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި އަލުން މަޝްވަރާތައް ފެށުމަށް އީރާނާއި އެމެރިކާއިން އެއްބަސްވެއްޖެއެވެ. އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ނާޒުކު ފައްތަރެއްގައި އޮތް ވަގުތީ ޞުލްޙައިގެ އެއްބަސްވުން ސަލާމަތްކުރެވުމުގެ އުންމީދު ބޮޑުވެފައިވާ ކަމުގައެވެ. ޖޫން 17 ގައި ސޮއިކުރި އިބުތިދާއީ އެއްބަސްވުމުގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ މަޝްވަރާތައް ޖޫން 30 ވަނަ ދުވަހު ޤަޠަރުގައި އަލުން ފެށުމަށް ވަނީ ހަމަޖެހިފައެވެ. ހަމަލާތައް މެދުކަނޑައިލަން ނިންމާފައި މި ވަނީ ހުރްމުޒް ކަނޑުއޮޅީގައި އުޅަނދުތަކަށް އީރާނުން ހަމަލާދެމުންދާ ކަމުގެ ތުހުމަތުކޮށް އެމެރިކާއިން އީރާނަށް ބޮންއަޅަން ފެށުމާއެކު، ދެ ފަރާތުން ވެސް އެއްބަސްވުމާ ޚިލާފުވި ކަމުގެ ތުހުމަތުތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޖޫން 27 ވަނަ ދުވަހު އީރާންގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ވަނީ ކުވަޔިތާއި ބަޙްރަޔިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާތަކެއް ދީފައެވެ. އީރާނުން ހަމަލާތައް ދީފައި ވަނީ، އެއްބަސްވުމަށް އިޙުތިރާމު ނުކޮށްފިނަމަ އީރާން "ވުޖޫދުން ފޮހެލާނެ" ކަމުގައި ވިދާޅުވެ، ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވުމާ ގުޅިގެންނެވެ. އެމެރިކާއިން ބުނީ، އީރާންގެ ހަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމަށާއި، ބޮޑު ގެއްލުމެއް ވެސް ލިބިފައި ނުވާ ކަމުގައެވެ. ނަމަވެސް، ބަޙްރަޔިންގެ ޢާންމުން ދިރިއުޅޭ އިމާރާތަކަށް ގެއްލުންވެ، އެ ޤައުމުން ވަނީ އެކުވެރި ދައުލަތްތަކުގެ (އދ) ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ގޮވައިލާފައެވެ.

އީރާނާއި އެމެރިކާއިން ސޮއިކޮށްފައިވާ އެއްބަސްވުމަށް ހުރަސްއެޅުމުގެ ހީލަތްތެރި ނިޔަތުގައި ޔަހޫދީ ފައުޖުން ވެސް ވަނީ ލުބްނާންގެ ރަށްތަކަށް އަމާޒުކޮށް ނިރުބަވެރި ހަމަލާތަކެއް ދީފައެވެ. މިއީ، ލުބްނާން ސަރުކާރާއި ޔަހޫދީ ދައުލަތާ ދެމެދު ހަމަލާތައް މެދުކަނޑައިލުމަށް ޖޫން 26 ވަނަ ސޮއިކޮށްފައިވާ އެއްބަސްވުމާ ވެސް ޚިލާފަށް ދީފައިވާ ހަމަލާތަކެކެވެ. ތެހްރާނުން ބުނީ، ސަރަޙައްދީ އެއްބަސްވުން ދެމެހެއްޓޭނީ ލުބްނާނުގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ޖަރީމާތައް ހުއްޓައިލައިގެން ކަމުގައެވެ. ފެބުރުވަރީ 28 ގައި އެމެރިކާއާއި ޔަހޫދީން ފެށި ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވުމުގެ ޙަޤީޤީ ބޭނުމަކީ އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމުގެ މަޝްވަރާތައް ކުރިއަށްގެންދިއުން ކަމުގައި ވޮޝިންގޓަނުގެ މަޞްދަރުތަކުން ބުންޏެވެ.

ކުވަޔިތުން ބުނީ، އީރާނުން ފޮނުވައިލި ދެ ބެލިސްޓިމް މިސައިލް ދިފާޢުކޮށް، ވައްޓައިލާފައިވާނެ ކަމަށާއި، އެ ހަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައެވެ. ނަމަވެސް، ޖޫން 27 ވަނަ ދުވަހު ގެއްލުނު ކަމަށް ރިޕޯޓުކޮށްފައިވާ އުޅަނދެއްގެ ފަޅުވެރިއަކު މަރުވެ، އިތުރު ފަޅުވެރިއަކު ޒަޚަމުވެފައިވާ ޤަޠަރުން ރިޕޯޓުކުރިއެވެ. އެއީ، އީރާންގެ ހަމަލާއަކާ ގުޅިގެން ހިނގި ހާދިސާއެއް ކަން ސާފެއް ނޫނެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން ސްވިޓްޒަލެންޑުގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސްއާއި އީރާންގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލިބާފް އިސްވެ ކުރިއަށް ގެންދެވި މަޝްވަރާތަކަށްފަހު އެމެރިކާއިން އީރާނަށް ލުއިތަކެއް ދިން ނަމަވެސް، ސަރަޙައްދުގެ ޙާލަތު އަދިވެސް ދަނީ ނާޒުކުވަމުންނެވެ.