ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ބެއިންޖިންގައި މުހިންމު ބައްދަލުވުންތަކެއް ބާއްވައިފިއެވެ. ޗައިނާއަކީ ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.
މި ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން ޗައިނާ މާކެޓުގައި ކުރިއަރުވައި އިތުރަށް ފުޅާކުރުމަށް ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރެއްގެތެރެއިންނެވެ. މިމަހުގެ 1 އިން 11 އަށް ކުރާ މި ދަތުރުގައި ސަރުކާރާއި، ސަރުކާރު ހިއްސާވާ ފަތުރުވެރިކަމުގެ ސިނާޢަތާއި ގުޅުންހުރި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ. މި ދަތުރުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އިސްވެރިންގެ އިތުރުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލް ގައުމީ އެއަރލައިން، މޯލްޑިވިއަންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ އިސް ޖަމިއްޔާތައް ބައިވެރިވެއެވެ. މި ދަތުރުގައި ރާއްޖޭގެ ވަފުދުގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވަނީ، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހާރިސް މުޙައްމަދާއި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީއެވެ.
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ޗައިނާގެ އެއަރލައިންތަކާއި، ޓުއަރ އޮޕަރޭޓަރުން ހިމެނޭހެން މުހިއްމު ނެޓްވޯކިންގ އިވެންޓެއް ބާއްވާފައިވާ ކަމަށެވެ.
މި އިވެންޓުގައި ޗައިނާގެ ފަތުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ގިނަ ސްޓޭކްހޯލްޑަރުން ބައިވެރިވިއެވެ.
ފަތުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ހާރިސް މުހައްމަދު ވަނީ ލަގްޒަރީ ރިސޯޓްތަކާއި ގެސްޓްހައުސްތަކުން ފެށިގެން ޑައިވިން، ވެލްނެސް، ސަގާފީ ތަޖުރިބާތަކާއި އާއިލީ ފަތުވެރިކަމަށް ރާއްޖޭގައި ހުރި ފުރުސަތުތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައެވެ. މި ހަރަކާތުގައި މިހާރު ހުރި ޕާޓްނަޝިޕްތައް ހަރުދަނާ ކުރުމުގެ މަގުފަހިވެ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޗައިނާގެ ޓްރެވަލް ޓްރޭޑްއާ ދެމެދު އެއްބާރުލުން ދިނުމަށް އައު ފުރުސަތުތަކެއް ވަނީ ފަހިވެގެންގޮސްފައެވެ.
The Maldivian delegation met with Cross Horizons, a marketing and cultural exchange consultancy connecting international destinations with China's travel trade. Discussions centered on new promotional campaigns and collaboration opportunities to bring the Maldives closer to… pic.twitter.com/v74GTes1zM
— Ministry of Tourism and Civil Aviation (@MoTmv) July 3, 2026
އަދި ބައިނަލްއަގްވާމީ މަންޒިލްތަކާއި ޗައިނާގެ ޓްރެވަލް އިންޑަސްޓްރީ ގުޅުވައިދޭ މާކެޓިން އެންޑް ކަލްޗަރަލް އެކްސްޗޭންޖް ކޮންސަލްޓެންސީއެއް ކަމަށްވާ ކްރޮސް ހޮރައިޒަންސްއާ ވެސް ދިވެހިރާއްޖޭގެ ވަފުދުން ވަނީ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ.
މަޝްވަރާތަކުގައި އަލިއަޅުވާލާފައިވަނީ އައު ޕްރޮމޯޝަނަލް ކެމްޕޭންތައް ފެށުމާއި ޗައިނާގެ ދަތުރުވެރިންގެ މެދުގައި ދިވެހިރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމާއި މުޅި ޗައިނާގެ ޓްރެވަލް ވިޔަފާރިތަކާ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި މަރކެޓް އިތުރަށް ފުޅާކުރުމަށް މަޝްވަރާކުރެއްވިއެވެ. ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު މާކެޓެކެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ މިހާތަނަށް ޗައިނާއިން 168,677 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ، ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19.8 އިންސައްތައިގެ ކުރިއެރުމެކެވެ.