ކުޅިވަރު

އާސެނަލްގެ ހުށަހެޅުމާއެކު ވިނީޝިއަސް ރެއާލްގެ ފަރިތަކުރުންތަކާ ދުރަށް


އާސެނަލްގެ ހުށަހެޅުމެއް އޮތުމާއެކު ރެއާލް މެޑްރިޑުގެ ފަރިތަކުރުންތަކަށް ނުނުކުމެ ވިނީޝިއަސް ޖޫނިއާ މަޑު ޖެހިލައިފި އެވެ.

ބްރެޒިލް ވޯލްޑް ކަޕުން ކެޓުމާއެކު ޗުއްޓީ ފެށި ކުޅުންތެރިޔާ މި ހަފުތާގައި ރެއާލްގެ ފަރިތަކުރުންތަކަށް ނުކުންނަން ޖެހޭނެ އެވެ. ނަމަވެސް ސްޕޭނުގެ މީޑިއާތަކުން ބުނަނީ ޓީމުގެ އެންމެ މުހިންމު އެއް ފޯވަޑް މި ހަފުތާގައި ފަރިތަ ނުކުރާނެ ކަމަށެވެ. ސަބަބަކީ އޭނާގެ ކުރިމަގާމެދު ބަހުސްތަކެއް ކުރެވޭތީ އެވެ.

ވިނީޝިއަސް އާއި ރެއާލް މެޑްރިޑާ ދެމެދު ހަދާފައިވާ ކޮންޓްރެކްޓް ކުރިއަށް އޮތް ސީޒަނަށް ފަހު ހަމަވާނެ އެވެ. ރެއާލް ބޭނުންވަނީ މި އެއްބަސްވުން އާކުރާށެވެ. އެއީ ޓީމުގެ އެންމެ މުސާރަބޮޑު ކުޅުންތެރިޔާ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭއަށް ވެސް ލިބޭ މުސާރަ ވިނީޝިއުސް އަށް ވެސް ލިބޭ ގޮތަށެވެ. ނަމަވެސް މިކަމަށް ކުޅުންތެރިޔާ އަދި ވަކިއެއްޗެއް ނުބުނެ އެވެ. އެކަމަކު ރެއާލްއިން އެމްބާޕޭއަށްވުރެ ބޮޑު މުސާރައެއް ވިނީޝިއުސް އަށް ހުށަނާޅާނެ ކަމަށްވެ އެވެ.

މީޑިއާތަކުން ތުހުމަތު ކުރާ ގޮތުގައި ވިނީޝިއަސްގެ ދެ ޑިމާންޑެއް އެބައޮތެވެ. އެއީ އެމްބާޕޭ އަށްވުރެ މުސާރަ ބޮޑުވުން ނުވަތަ އޭނާގެ އިމޭޖްރައިޓްސް އާއި ސްޕޮންސާޝިޕުން މިހާރު ލިބޭ ފައިސާގެ ބޮޑުބައެއް ކުޅުންތެރިޔާ އަށް ލިބޭ ގޮތަށް އެއްބަސްވުމުގައި ހިމެނުމެވެ. އިމޭޖް ރައިޓްސް މިހާރު އޮތް ގޮތުން ރެއާލް އާއި ވިނީޝިއަސް އަށް ވެސް ލިބެނީ 50 ޕަސެންޓެވެ.

ވިނީޝިއަސް ވަނީ ފާއިތުވެދިޔަ އަށް ސީޒަނުގައި ރެއާލް އަށް 128 ގޯލު ޖަހައިދީފަ އެވެ. އޭނާ އަށް ހަފުތާއަކު ލިބެނީ 520000 ޔޫރޯ އެވެ. ނަމަވެސް ކުރިމަގާމެދު ގޮތެއް ނުނިމިގެން އުޅޭއިރު ވިނީޝިއަސް ގަތުމަށް އާސެނަލް އޮތީ ބިޑް ކުރަން ތައްޔާރަށެވެ.

އައިވަރީ ކޯސްޓްގެ ޔޭން ޑިއޮމަންޑްގެ ރެއާލްއިން މިހާރު ވަނީ ހޯދައިފަ އެވެ. އެއީ ވިނީޝިއަސް ކޮންޓްރެކްޓް އާކުރަން އެއްބަސް ނުވާނަމަ އޭނާ ވިއްކާލުމުގެ ޕްލޭނުގެ ތެރެއިން ގަތް ކުޅުންތެރިއެއް ކަމަށް ވެސް ސްޕޭނުގެ މީޑިއާތަކުން ތުހުމަތު ކުރެ އެވެ. ޑިއޮމަންޑާއި ވިނީޝިއަސްގެ އެޖެންޓަކީ ވެސް އެއް ފަރާތަކަށްވާއިރު އާސެނަލްގެ އިތުރުން ސައޫދޫ ކުލަބުތަކުން ވެސް އޭނާ ގަތުމަށް ވަރަށް ބޮޑަށް ޝައުގުވެރިވެ އެވެ.