ތ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ވައިގެ މަގުން ޔޫއޭވީއާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކޮށްގެން ކުރިއަށްދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ފެތުމާގުޅިގެން މީހުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ގެއްލިފައިވަނީ ޕޮލިސް ސާޖަންޓު ޢަލީ ނާފިޢު (33 އަހަރު) އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (39 އަހަރު)އެވެ. އަދި ގެއްލިގެން ހޯދަމުންދާ ތިން ވަނަ މީހަކީ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، އުމުރުން 35 އަހަރުގެ މުޙައްމަދު ޙަމްދޫނެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށާއި އެ ތިން މީހުންވެސް އަަދި ނުފެންނަކަމަށެވެ. މީހުން ހޯދުމުގެ މަސައްކަތް ވައިގެ މަގުން ޔޫއޭވީއާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކޮށްގެން ހޯދުމުގެ މަސައްކަތް ކުރިއަށްދާ އިރު، ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުންގެ އުޅަނދުފަހަރު ދަނީ ހޯދުމުގެ މަސައްކަތްކުރަމުންނެވެ.
8 މީހުންނާއެކު ހުވަދުއަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 22:40 އެހައިކަންހާއިރުކަމަށް އެ އިދާރާއިން މައުލޫމާތުދެއްވައެވެ. "ފްރެންޑް 4" ނަމަކަށް ކިޔާ މި ދޯންޏަކީ ތ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ދޯންޏެކެވެ. ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދިޔަ ސަޕްލައި ދޯންޏެކެވެ.
މިދޯނި ފެތި އަޑިއަށްދިޔަ ހާދިސާ ހިނގިއިރު ދޯނީގައި ތިބި 8 މީހުން ތިބިއިރު އޭގެތެރެއިން 7 މީހުން ވަނީ ސަލާމަތްކޮށްފައެވެ.