ޚަބަރު

އެސްއެމްއީ ޑިޖިޓަލްގެ ކޮންވެންޝަނަލް ލޯނުތައް އިސްލާމީ އުސޫލަށް ބަދަލުކުރަނީ


  • އޯޕަންޑޭ އޮންނާނީ މިމަހުގެ 15 ވަނަ ދުވަހު

  • އޯޕަންޑޭ ކުރިއަށްދާނީ ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗްގައި ހެނދުނު 9 އިން ހަވީރު 4 އަށް

އެސްއެމްއީ ޑިޖިޓަލް އިން މިހާތަނަށް ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމީ އުސޫލުން ރީފައިނޭންސް ކުރުމަށްޓަކައި ޚާއްސަ އޯޕަންޑޭއެއް ބޭއްވުމަށް ނިންމައިފިއެވެ. މި އޯޕަންޑޭ އޮންނާނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

މި ހަރަކާތް ކުރިއަށް ދާނީ ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗްގައި ހެނދުނު 9 އިން ހަވީރު 4 އަށެވެ.

މި އޯޕަންޑޭގެ މައިގަނޑު މަގްސަދަކީ އެސްއެމްއީ ޑިޖިޓަލް އިން މިހާތަނަށް ދޫކޮށްފައިވާ ހުރިހާ ކޮންވެންޝަނަލް ލޯނެއް އިސްލާމީ އުސޫލުން ރީފައިނޭންސްކޮށް، ޝަރީއާ ކޮމްޕްލަޔަންޓް ފެސިލިޓީތަކަށް ބަދަލުކުރުމުގެ މަރުހަލާތައް ވަގުތުން ފުރިހަމަކުރުމުގެ އިންތިޒާމު ހަމަޖެއްސުންކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ. މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މިހާރު ވަނީ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ރީފައިނޭންސިންގ އޮފާތައް ފޮނުވާފައިކަމަށް އެ ބޭންކުން ބުނެއެވެ.

މި ހަރަކާތުގެ ތެރެއިން އެސްއެމްއީ ޑިޖިޓަލްގެ ޓީމުގެ އެހީތެރިކަމާއެކު، ކަސްޓަމަރުންނަށް ލިބިފައިވާ އޮފާތައް ބަލައި، އިތުރު މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އޮފާ ގަބޫލުކުރާ ފަރާތްތަކަށް އައު އެއްބަސްވުމުގައި ސޮއިކޮށް، ރީފައިނޭންސް ކުރުމުގެ މަރުހަލާ މި ހަރަކާތުގެ ތެރެއިން ނިންމާނެއެވެ. ރީފައިނޭންސް ކުރަން އަންނައިރު އައިޑެންޓިފިކޭޝަން ކަށަވަރު ކުރުމަށްޓަކައި އައިޑީ ކާޑު ގެންނަންވާނެކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

އިސްލާމިކް ފައިނޭންސަށް ލޯނު ބަދަލުކުރުމުން ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބޭނެކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި އިސްލާމީ އުސޫލުން އައު ފެސިލިޓީއެއް އެކުލަވާލުމާއި، ފައިސާ އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ލިބި، މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަވުން ހިމެނެއެވެ.

މީގެއިތުރުން، އެކި ސަބަބުތަކާހުރެ ގަވާއިދުން ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް، އައު އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ކުރިއަށް އޮތް 6 މަސްދުވަހު ގަވާއިދުން ފައިސާ ދައްކައިގެން ކްރެޑިޓް ރިކޯޑު ރަނގަޅު ކުރުމުގެ ފުރުސަތު ލިބޭނެއެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަގުގައި އެސްއެމްއީ ޑިޖިޓަލްއިން އިތުރު ފައިނޭންސިންގ ހޯދުމުގެ ފުރުސަތުވެސް ފަހިވާނެކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

މި ބަދަލަކީ އެސްއެމްއީ ޑިޖިޓަލް އަކީ ފުރިހަމަ އިސްލާމިކް ފައިނޭންސް ފޯރުކޮށްދޭ މާލީ އިދާރާއަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެއްގެ ގޮތުގައި އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.