ޚަބަރު

މަޖީދިއްޔާގެ އޭރާއި މިހާރުގެ ދަރިވަރުން ގުޅުވާލަދޭން "މަޖީދީ ޓޯކްސް"


  • "މަޖީދީ ޓޯކް"ގެ ފުރަތަމަ މެހުމާނަކީ އިސް ދަރިވަރު ޑރ.މަޙުމޫދު ޝަޢުގީ

  • އޭރުގެ ތަޢުލީމީ ދުވަސްވަރުގެ ގިނަ ހަނދާންތައް އާކުރެއްވި

  • މި ހަރަކާތް ކޮންމެ މަހަކު ބޭއްވުމަށް ވަނީ ހަމަޖެހިފައި

މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން "މަޖީދިއްޔާ ޓޯކްސް"ގެ ނަމުގައި ސިލްސިލާ ހަރަކާތެއް ފަށައިފިއެވެ.

މިއީ މަޖީދިއްޔާގެ ތާރީޚާ ގުޅޭގޮތުން އިހުގެ ދަރިވަރުންނާއި މިހާރުގެ ދަރިވަރުން ގުޅުވައިދިނުމަށް ކުރިއަށްގެންދާ ޚާއްސަ ހަރަކާތެއްކަމަށް ސްކޫލްގެ ޕްރިންސިޕަލް އަޙުމަދު މުޖާހިދު ވިދާޅުވިއެވެ. ސިލްސިލާކޮށް ކުރިއަށްގެންދަން ނިންމާފައިވާ މަޖީދިއްޔާ ޓޯކްސްގެ ފުރަތަމަ ޕްރޮގްރާމްގެ މެހުމާނަކީ މަޖީދިއްޔާ ސްކޫލްގެ އިސް ދަރިވަރު އަދި މިހާރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗަންސެލަރ ޑރ.މަޙުމޫދު ޝައުގީއެވެ. މަހުމޫދު ޝަޢުގީ މަޖީދިއްޔާ ސްކޫލުގައި ތަޢުލީމު ހާސިލްކުރައްވާ ގްރެޖުއޭޓްވެވަޑައިތީ 1983ވަނަ އަހަރުއެވެ.

މުޖާހިދު ވިދާޅުވީ މި ޕްރޮގްރާމްގެ އެންމެ މައި މަޤުޞަދަކީ، އޭރުގެ ދަރުވަރުންގެ ކާމިޔާބީގެ ވާހަކަތައް ކިޔައިދީ މިހާރުގެ ދަރިވަރުންނަށް މުހިންމު ފިލާވަޅުތަކެއް ބުނެދިނުންކަމަށެވެ. އަދި މަޖީދިއްޔާގެ އަގުބޮޑު ތާރީޚްގެ ވާހަކަތަކާއި އެ ހަނދާންތައް ދަރިވަރުންނަށް ބުނެދިނުންކަމަށެވެ.

"ކުރީގެ ދަރިވަރުންނާއި މިހާރުގެ ދަރިވަރުން ގުޅުވައިދިނުން މި ޕްރޮގްރާމްގެ މަޤުޞަދަކީ. އަދި އެ ދަރިވަރުން އިންސްޕަޔަރކޮށް މޯޓިވޭޓްކުރުވުން. މަޖީދިއްޔާގެ ފަޚުރުވެރި ލެގަސީ މިހާރުގެ ދަރިވަރުންނާ ހަމައަށް ގެނެސްދިނުން." ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވިއެވެ.

މަޖީދީ ޓޯކްސްގެ ފުރަތަމަ މެހުމާނަކީ މީގެކުރިން ތަޢުލީމީ ވަޒީރު ކަމާއި، ފަތުރުވެރިކަމާ ބެހޭ ވަޒީރުކަން ކުރައްވާފައިވާ އަދި މިހާރުގެ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.މަޙުމޫދު ޝައުގީއެވެ. އެ ބޭފުޅާ ވަނީ، ތަޢުލީމީ ދުވަސްވަރުގެ ހަނދާންތައް އައު ކުރައްވާ، އޭރު ތަޢުލީމު ލިބިގަތުމަށް ގިރާކުރައްވަން ޖެހިވަޑައިގެންކަންކަން ޙިއްސާކުރައްވާފައެވެ. އަދި ކާމިޔާބު ދަރިވަރަކަށް ވުމަށް ޢަޒުމުކަނޑައަޅާ، ކުރިއަށްދިއުމުގައި ދަރިވަރުންނަށް މުހިންމު ފިލާވަޅުތަކެއް ވަނީ ބުނެދެއްވާފައއެވެ.

"މަޖީދިއްޔާ ސްކޫލަކީ ދަންމަރެއް. މުޅި ރާއްޖޭގައި މިއަދު ފެތުރިފައިމިވާ ސަރުކާރުގެ ތަޢުލީމީ ނިޒާމު ފެށިގެން އައީ މަޖީދިއްޔާ ސްކޫލުން. މަޖީދިއްޔާ ސްކޫލް މިސާލު ދައްކައިދެމުން. މަޖީދިއްޔާގެ ކަރިކިއުލަމްއާއި އިތުރު ހަރާކްތައް ނަމޫނާއަކަށް ބަލައިގެން މުޅި ރާއްޖޭއަށް ތަޢުލީމު ފަތުރަމުން ދިޔައީ. އެއީ މަޖީދިއްޔާ ސްކޫލް ދަންމަރަކަށްވާ ސަބަބު." ޑރ.މަޙުމޫދު ޝައުގީ ވިދާޅުވިއެވެ.

"މަޖީދީ ޓޯކްސް" ސިލްސިލާގޮތެއްގައި ކޮންމެ މަހަކު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތުގައި، ތަފާތު ދާއިރާތަކުން މަތީ ރޮނގުތަކުގައި މިހާރު މަސައްކަތްކުރައްވަމުންދާ މަޖީދިއްޔާގެ އިސް ދަރިވަރުންނާއި، އަދި މިހާރު އެ ސްކޫލްގައި ތަޢުލީމު ޙާސިލްކުރަމުންދާ ގިނަ ދަރިވަރުންތަކެއް ބައިވެރިވެފައިވެއެވެ.