ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން މިމަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރައިން ކުރިއަށްގެންދާ މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 އިން 15 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މި ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތު އޮންނާނީ އޮގަސްޓް 14 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ސަޢުދީ އަރަބިއްޔާގެ ކިންގް ފަހަދު ޔުނިވަރސިޓީ އޮފް ޕެޓްރޯލިއަމް އެންޑް މިނަރަލްސްގެ ޕްރޮފެސަރ ޑޮކްޓަރ މުސްފިރު ބިން އަލީ އަލްޤަޙްޠާނީއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ. ޢިލްމުވެރިންގެ ބައްދަލުވުމުގެ އެކި ދަންފަޅިތަކުގައި ދީނީ އެކި މުހިއްމު މަޢުޟޫއުތަކަށް ބަހުސް ކުރުމާއި ތަފާތު މަޢުޟޫއުތަކަށް ޢިލްމުވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން އަލުން ބާއްވަން ފަށާފައިވަނީ 2024 ވަނަ އަހަރުއެވެ. އަދި 2025 ވަނަ އަހަރުވެސް މި ބައްދަލުވުން ބާއްވާފައިވެއެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ދީނީ ޢިލްމުވެރިން އެއް ތަނަކުން ބައްދަލުވެ، މުހިއްމު މަޢުޟޫޢުތަކަށް ވާހަކަ ދެކެވޭ މުހިއްމު ބައްދަލުވުމަކަށްވެފައިވާކަން ފާހަގަަކޮށްލެވެއެވެ.