ޚަބަރު

ސޫރިޔާގެ ބަނދަރުތަކުގެ މުސްތަޤުބަލާމެދު ރަޝިޔާއާއެކު އެއްބަސްވުމަކަށް


އަށާރަ މަސް ދުވަހަށް ދެމިގެންދިޔަ މަޝްވަރާތަކަށްފަހު، ސޫރިޔާގެ ޠަރްޠޫސްގައި ހުރި އަސްކަރީ ބަނދަރާއި، ޙުމަޔިމީމްގައި ހުރި އަސްކަރީ ވައިގެ މަރުކަޒުގެ މުސްތަޤުބަލާމެދު ސޫރިޔާއާއި ރަޝިޔާއިން އެއްބަސްވުމެއް އެކުލަވައިލައިފިއެވެ. ސޫރިޔާގެ ޚާރިޖީ ވުޒާރާއިން ވަނީ މި ކަމާ ގުޅޭ އެއްބަސްވުމެއް އެކުލަވައިލާފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. ޠަރްޠޫސާއި ޙުމަޔިމީމްގައި ހުރި އަސްކަރީ މަރުކަޒުތަކަކީ، މެދުއިރުމައްޗާއި މެޑިޓެރޭނިޔަން ސަރަޙައްދުތަކުގައި ހުރި ރަޝިޔާގެ ކޮންޓުރޯލު އޮތް ހަމައެކަނި މަރުކަޒުތަކެވެ. ރަޝިޔާއިން އެ މަރުކަޒުތައް ބޭނުންކުރަން ފަށާފައި ވަނީ ސޫރިޔާގެ އަހުލީހަނގުރާމައިގެ ތެރެއިންނެވެ. ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު 2024 ވަނަ އަހަރު ވެރިކަމުން ދުރުކުރި ފަހުން، ދެ ޤައުމުން ދިޔައީ އެ ތަންތަނުގެ މުސްތަޤުބަލާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަމުންނެވެ.

މި އެއްބަސްވުމުގެ ދަށުން ޙުމަޔިމީމް އެއާޕޯޓާއި ޠަރްޠޫސް ބަނދަރުގެ ބައެއް ސަރަޙައްދުތަކުގެ މަދަނީ ވަސީލަތްތައް ބެލެހެއްޓުމާ ސޫރިޔާގެ ސަރުކާރުން ޙަވާލުވާނެއެވެ. އަދި، ދެ ފަރާތުގެ މަސްލަޙަތު ޙިމާޔަތްކުރެވޭނެ އައު އިންތިޒާމުތަކެއްގެ ދަށުން، އެ ތަންތަނަކީ ދެ ފަރާތުން ގުޅިގެން އަސްކަރީ ތަމްރީނުތަކާއި ހަރަކާތްތައް ހިންގާ ތަންތަނަށް ބަދަލު ކުރެވިގެންދާނެއެވެ. ތިން މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި މި ބަދަލުތަަކަށް ގެނެސް، ތަންފީޒު ކުރަން ފެށޭނެ ކަމުގައި ސޫރިޔާގެ ޚާރިޖީ ވުޒާރާއިން ހާމަކުރެއެވެ.

ސޫރިޔާގެ ކަސްޓަމްސް އަދި ވިޔަފާރި ބަނދަރުތަކާ ބެހޭ އިދާރާއިން ވެސް ބުނީ، ކުރިން ރަޝިޔާއިން ބަލަހައްޓަމުން ދިޔަ ޠަރްޠޫސް ބަނދަރުގައި އިޤުތިޞާދީ މަސައްކަތްތައް ކުރިއަށްދިޔަ ސަރަޙައްދުތަކާ ސޫރިޔާގެ ސަރުކާރުން ޙަވާލުވާނެ ކަމުގައެވެ. އޭގެ ތެރޭގައި 'ހަތަރު ނަންބަރު ޖެޓީ' ހިމެނޭއިރު، އެ ތަނުގައި މަދަނީ ވިޔަފާރީގެ މަސައްކަތްތައް ފުޅާކުރުމަށް ލޮޖިސްޓިކްސް މަރުކަޒެއް ޤާއިމުކުރުމަށް ރަޝިޔާއިން މަސައްކަތް ކުރަމުންދާ ކަމުގައި މީގެ ކުރިން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް، އެ މަރުކަޒު ދެން އޮންނާނީ ސޫރިޔާގެ ސަރުކާރުގެ ބާރުގެ ދަށުގައެވެ. އަދި، އެ ތަން ބަލަހައްޓައި، ހިންގުމުގެ ބާރު ސޫރިޔާގެ ކަސްޓަމްސް އަދި ބަނދަރުތަކާބެހޭ އިދާރާއަށް ލިބިގެންދާނެ ކަމުގައި ވެސް ސޫރިޔާ ސަރުކާރުގެ މަޞްދަރުތަކުން ބުނެއެވެ.