ޚަބަރު

ނަތަންޔާހޫ ދެކޮޅަސް އެއްބަސްވުން ދަމަހައްޓަން ޙަމާސް ތައްޔާރު


ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވުމުގެ މަޤުޞަދުގައި އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ޞުލްޙައިގެ އެއްބަސްވުމުގެ މަގުޗާޓަށް ޢަމަލު ކުރުމުގައި ދެމިއޮންނާނެ ކަން ޙަމާސުން ހާމަކޮށްފިއެވެ. ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ މުޖާހިދުންގެ ޖަމާޢަތުން މި ކަން ހާމަކޮށްފައި މި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންނެވުމުގެ މަތިން ޞުލްޙައިގެ މަޝްވަރާތަކުގެ މެދުވެރިންނާއި ޞުލްޙައިގެ ބޯޑުން އެކުލަވައިލި 15 ނުކުތާގެ މަގުޗާޓަށް ޔަހޫދީ ދައުލަތުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އިންކާރުކުރުމާ ގުޅިގެންނެވެ.

ޙަމާސުން ބުނީ، މަގުޗާޓު ތަންފީޒު ކުރުމުގެ ތާވަލެއް އެކުލަވައިލުމުގައި އެ ޖަމާޢަތުން ޒިންމާދާރުކަމާއެކު ދެމިއޮންނާނެ ކަމުގައެވެ. އަދި، މި މަރުޙަލާގައި އެންމެ އިސްކަމެއް ދޭންޖެހޭނީ އެއްބަސްވުމުގެ އެންމެހައި ނުކުތާތަކާއި އިލްތިޒާމްތައް ތަންފީޒު ކުރެވޭ ކަން ކަށަވަރު ކުރުން ކަމުގައި ވެސް އެ ޖަމާޢަތުން ބުނެއެވެ.

މި މަރުޙަލާގެ ނަތީޖާއަކަށް ވާންޖެހޭނީ ޔަހޫދީ ފައުޖުގެ ނިރުބަވެރި ހަމަލާތައް މުޅިން ހުއްޓުވުމާއި، އެ ސަހަރުގެ %65 ބިމަށް އަތްގަދަ ކޮށްފައިވާ ޔަހުދީ ސިފައިން ބޭލުމާއި، ސަރަޙައްދީ ދޮރުތައް ހުޅުވައިލުމާއި، އިންސާނީ އެހީއާއި ވަގުތީ ހިޔާވަހިކަަން ފޯރުކޮށްދިނުމަށް ބޭނުންވާ ސާމާނު އެތެރެ ކުރުމާއި، ސުންނާފަތި ކޮށްލާފައިވާ ޣައްޒާ އަލުން އާރާސްތު ކުރުމުގެ މަސައްކަތް ފެށުމަށް ކަމުގައި ޙަމާސުން ބުނެއެވެ. މީގެ އިތުރުން، ޣައްޒާގެ ވެރިކަން ޙަވާލު ކުރުމަށް ނިންމާފައިވާ ޤައުމީ އިދާރީ ކޮމިޓީގެ މަސްއޫލިއްޔަތު އަދާކުރުމަށް ފުރުޞަތު ދިނުމަށް ވެސް އެ ޖަމުޢިއްޔާއިން ގޮވައިލާފައިވެއެވެ. އެއްބަސްވުން ތަންފީޒު ކުރުމަށް ހުރަސްއެޅޭ ފަދަ ޚިލާފުވުންތައް ޙައްލުކޮށް، އެއްބަސްވުމަށް އެންމެހައި ފަރާތްތަކުން ޢަމަލުކުރާ ކަން ކަށަވަރުކޮށް، ޒިންމާ އުފުލުމަށް މެދުވެރިންނަށާއި، ޖާމިނުވާ ފަރާތްތަކަށާއި ޞުލްޙައިގެ ބޯޑަށް ވެސް ޙަމާސުން ވަނީ ގޮވައިލާފައެވެ.

މީގެ އިތުރުން، ޣައްޒާގެ ރައްޔިތުންގެ ތަކުލީފުތައް ނިމުމަކަށް ގެނައުމަށާއި، އެ މީހުންގެ އިންސާނީ ޙައްޤުތަކާއި ޤައުމީ މަޞްލަޙަތުތައް ޙިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެދެވޭ އަދި ޒިންމާދާރު ގޮތެއްގައި ދެމިއޮންނާނެ ކަމުގެ ޔަގީން ކަން ވެސް ޙަމާސުން އެރުވިއެވެ. ނަމަވެސް، ނިރުބަވެރި ނަތަންޔާހޫ ވަނީ ޞުލްޙައިގެ ބޯޑުން އެކުލަވައިލި 15 ނުކުތާގެ މަގުޗާޓަށް ނޫނެކޭ ބުނެ، އޭގައިވާ ކަންކަން ތަންފީޒު ކުރުމަށް އިންކާރު ކޮށްފައެވެ. އަދި، ޣައްޒާއަށް ވެރިވެގަނެ، ބިންތައް ފޭރިގަންނަމުންދާ ހައްދުފަހަނަ އެޅި ޔަހޫދީ ސިފައިން އެ ބިމުން ބޭލުމަށް ވެސް އޭނާ ދަނީ ދެކޮޅު ހަދަމުންނެވެ.

މި ކަމަށް އިޝާރާތްކޮށް ޙަމާސުން ބުނީ، ޞުލްޙައިގެ ބޯޑުގެ މަގުޗާޓަށް ޢަމަލު ކުރުމަށް ޔަހޫދީންނަށް ބާރުއެޅުމަކީ އެމެރިކާގެ ޒިންމާއެއް ކަމުގައެވެ. ޙަމާސްގެ ސިޔާސީ ގޮފީގެ އިސް މެންބަރު ބާސިމް ނަޢީމް ވިދާޅުވީ، ޔަހޫދީ ދައުލަތުގެ ދާޚިލީ މައްސަލަތަކާއި ނަތަންޔާހޫގެ އަމިއްލަ ސިޔާސީ މަޤުޞަދުތަކަށް ޓަކައި ޞުލްޙައިގެ މަގުޗާޓަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެ މަގުޗާޓަށް ޢަމަލު ކުރުމަށް ނިރުބަވެރި ނަތަންޔާހޫއާއި އޭނާގެ ސަރުކާރަށް އެމެރިކާގެ އިތުރުން ޞުލްޙައިގެ މަޝްވަރާގެ މެދުވެރިން ވެސް ބާރު އަޅަންޖެހޭނެ ކަމުގައެވެ.