ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒު ކުރަން ފާށާއިރު ރާއްޖެއަށް މުދާ އެކްސްޕޯޓްކުރާ ވިޔަފާރިތައް ހިމެނިގެން ނުދާނެކަމަށް މާލީ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ޑެސްޓިނޭޝަން ޕްރިންސިޕަލަކީ އެ މުދަލެއް ނުވަތަ ޚިދުމަތެއް ވިއްކާ ނުވަތަ ގަންނަ ތަނެއްގައި އެ މުދަލަކަށް ނުވަތަ އެ ޚިދުމަތަކަށް ޖީއެސްޓީ ނެގުމެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމަނާފައިވާނީ، އޮފް ޝޯ ބުކިންގ ޕްލެޓްފޯމުތަކާއި ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނަށް ފޯރުކޮށްދޭ މުދަލާއި ޚިދުމަތުގެ އަގުން ޖީއެސްޓީ ނެގުމުގެ އުސޫލުތައް ޤާނޫނުގައި ބަޔާންކުރުމަށެވެ.
ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒު ކުރުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވަޒީރުގެ ނައިބު އަދި މީރާގެ ބޯޑުގެ ޗެއަރޕާސަން އަހުމަދު ސާއިދު މުސްޠަފާ ވިދާޅުވީ ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރުމަކީ ކުއްލިއަކަށް އައި ކަމެއް ނޫން ކަމަށެވެ. މިގޮތުން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުގެ ފަންނީ ލަފާއާއި މިކަން ދިރާސާ ކުރެވި ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ބަލަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑެސްޓިނޭޝަން ޕްރިންސިޕަލް ތަޢާރަފް ކުރުމަކީ މުޅިން އައު ޓެކުހެއް ނެގުން ނޫންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މިހާރު ޤާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ތެރެއިން ރާއްޖޭގެ ޓެކްސް ނިޒާމަށް ނުވަންނަ ފައިސާ ހޯދުމަށް އެކަނި ކަމަށެވެ.
"ފުރިހަމައަށް ތަންފީޒުކުރާނަމަ ބައެއް ކަންކަން އަޅުގަނޑުމެންނަށް ގެނެވިދާނެ. އޭގެ ބުރަ ދިވެހިރާއްޖޭގެ އެންޑް ކޮންސިއުމަރުން އުފުލަން ޖެހޭނެ. އެހެންނަމަވެސް އަދުގެ ސަރުކާރުގެ ސިޔާސަތަކީ މި ދަނޑިވަޅުގައި ޓެކްސް ނިޒާމަށް ގެނެވޭ ބަދަލަކީ ބޭރުގައި ހުންނަ ފަރާތެއް މެދުވެރިކޮށް މިހާރު ނުލިބިދާ ޖީއެސްޓީ ލިބޭނެ ގޮތަކަށް ކަންކަން ބައްޓަން ކޮށްގެން އައުން. ޑެސްޓިނޭޝަން ޕްރިންސިޕަލްގެ ދެން ހުރި ބާކީ ބައިތައް ދިވެހި ރައްޔިތުންނަށް ޓެކުހުގެ އެއްވެސް ބުރައެއް އުފުލަން ޖެހިދާނެތީ، ސިޔާސަތުގެ ތެރެއިން ވެފައިވާ ވަޢުދާއި އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ޓަކައި" މާލީ ވަޒީރުގެ ނައިބު ސާއިދު ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، މިރާގެ އެސިސްޓެންޓް ކޮމިޝަނަރ ޖެނެރަލް މުޙައްމަދު ޢަލީ ވަޙީދު ވިދާޅުވީ މި ޤާނޫނު މަޖިލީހުން ފާސްވާ ހާލަތަކަށް މީރާއިން ތައްޔާރަށް އޮތް ކަމަށެވެ. މިގޮތުން ނިޒާމުގެ ތެރެއިން ބަދަލުތަކެއް ގެނެސް އެކަމާއި ގުޅޭ އުސޫލްތަކެއް ބަޔާންކުރާނެ ކަމަށް ވިދާޅުވިއެވެ.
މިކަން ތަންފީޒުކުރުމުގައި ބޭރު ޤައުމުތަކުގައިވެސް ގޮންޖެހުންތަކެއް ފުރަތަމަ ދިމާވިކަން ފާހަގަކުރައްވަމުން އޭނާ ވަނީ މިކަމަކީ މިހާރު ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ތަންފީޒުކުރާ ސިޔާސަތަކަށްވުމުން އެކަމުގެ އެއްބާރުލުން ބޮޑެތި ވިޔަފާރިތަކަށް މިހާރު ލިބޭ ކަމަށެވެ.
"މުޅި ނިޒާމު އެހެން ޤައުމުތަކުގައި ތަންފީކުރަން ފެށުމާއެކު އެކަންތައް ވަނީ ނެތިގެން ގޮސްފައި. ބޮޑެތި ބައެއް ޤައުމުތަކުގައި ހާއްސަކޮށް އެމެޒޯން ކަހަލަ ޕްލެޓްފޯމްތަކުގައި ރެސިސްޓެންސް ދެއްކި ނަމަވެސް މިހާރު ކުރަމުންދަނީ. އަޅުގަނޑު މިހެން ދެންނެވިއަސް، މިހާރު އޮތް ބިލުގައި އީކޮމާސް ޕްލެޓްފޯމްތަކުގެ ވާހަކައެއް ނެތް. އޮތީ އިންބައުންޑް ޓުއަރިޒަމް ޕްރޮޑަކްޓުތަކުގެ ވާހަކަ އޭގެ ތެރެއަށް ވަދެގެންދާނީ އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ޓުއަރ އޮޕަރޭޓަރުން އެކަނި" ވަހީދު ވިދާޅުވިއެވެ.
މިރާއިން ވަނީ މި ބަދަލު ގެނައުމަށް މީރާއިން ތައްޔާރުވަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ޓެކްސް ނެގުމަށް ނިޒާމީ ގޮތުން ގެންނަން ޖެހޭ ބަދަލުތަކާއި ސިސްޓަމްތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށާއި، މި ބިލު ޤާނޫނަކަށްވެގެން އަންނަ ހާލަތުގައި މިކަން ތަންފީޒުކުރުމުގެ ފުރިހަމަ އުސޫލްތަކެއް އަދި ޤަވާއިދުތަކެއް އެކުލަވާލާނެކަމަށްވެސް މީރާއިން ވިދާޅުވިއެވެ.