ކަޕް ވިނާސް ކަޕުގެ ލީގު ބުރުގެ ފަހު މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް މާޒިޔާއިން ކުޅުނު މެޗުގައި މާޒިޔާގެ ފަރާތުން ފެނުނީ ރަނގަޅު ކުޅުމެއް ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުރުޗާ ބުނެފިއެވެ.
އާދީއްތަ ދުވަހުގެރޭ ކަޕް ވިނާސް ކަޕުގެ ލީގު ބުރުގެ ފަހު މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗަށް ނުކުތްއިރު، ވެސް މި ދެ ޓީމަށް ވަނީ މުބާރާތުގެ ފައިނަލުގެ ޖާގަ ކަށަވަރުވެފައެވެ.
މެޗަށްފަހު "ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު ޓުރުޗާ ބުނީ މެޗުގައި މާޒިޔާއިން ހާސިލްކުރަން ބޭނުންވިކަންކަން ހާސިލްވިކަމަށެވެ. އެގޮތުން މި މެޗަށް މާޒިޔާއިން ނުކުތީ ޓީމު ރޮޓޭޓްކޮށް ބައެއް ކުޅުންތެރިންނަށް ފުރުސަތުދީ އެ ކުޅުންތެރިންގެ ކުޅުން ބަލާލުމަށް ކަމަށެވެ. އެކަން މާޒިޔާއަށް ހާސިލުވި ކަމަށް ޓުރުޗާ ފާހަގަކުރިއެވެ.
ޓުރުޗާ ބުނީ މާޒިޔާއިން އަދިވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން ލިބޭ ފުރުސަތުގެ ބޭނުން މާޒިޔާއިން ހިފަން ޖެހޭ ކަމަށް ކޯޗު ފާހަގަކުރިއެވެ. ޓުރުޗާ ބުނީ މާޒިޔާއިން ފައިނަލަށް ނުކުންނާނީ ފުރަތަމަ ފަހަރަށް ކަޕް ވިނާސް ކަޕް ކާމިޔާބުކުރަން ކަމަށާއި، ދިވެހި ފުޓުބޯޅަައިގައި މާޒިޔާއަށް ހާސިލުނުވެ އޮތް ހަމައެކަނި ކާމިޔާބީއަކީ އެއީ ކަމަށެވެ.
ނިއުރޭޑިއަންޓާއި، މާޒިޔާ ބައްދަލުކުރާ ކަޕް ވިނާސް ކަޕުގެ ފައިނަލް މެޗު ކުރިއަށް ދާނީ އަންނަ ބުދަ ދުވަހުގެރެއެވެ.