ކުޅިވަރު

"މިއީ ކޮންޓްރެކްޓް އާ ކުރަންވީ ވަގުތު، ބަލޮންޑޯ ހޯދުމުގެ ބާރެއް ނެތް"


ބަޔާން މިއުނިކާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް އާ ކުރަން މަޝްވަރާ ކުރަން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް އިނގިރޭސި ކެޕްޓަން ހެރީ ކޭން ބުނެފި އެވެ.

"އަހަރެން ކުލަބާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އޮތީ އެންމެ އަހަރެއް. އެހެންވީމާ މިއީ އެކަމާ މަޝްވަރާ ކުރަން އެންމެ ރަނގަޅު ވަގުތު. އަހަރެން މިހުރީ ކުލަބާއެކު ކުރިއަށްދާން ތައްޔާރަށް،" އުމުރުން 32 އަހަރުގެ ފޯވަޑް ބުންޏެވެ.

100 މިލިއަން ޔޫރޯ އަށް ޓޮޓެންހަމުން މީގެ ދެ ސީޒަން ކުރިން ބަޔާންއާ ގުޅުނު ފަހުން ކޭން ދަނީ ގިނަ ގޯލުތަކެއް ޖަހައި މޮޅަށް ކުޅެމުންނެވެ. ހުސްވި ސީޒަނުގައި ޖަރުމަނު ލީގުގައި އެންމެ ގިނަ ގޯލު ޖަހައިގެން ރަންބޫޓު ހޯދީ ވެސް އޭނާ އެވެ. އަދި އޭނާ ވަނީ އިނގިރޭސި ގައުމީ ޓީމަށް ވޯލްޑް ކަޕުގެ ތިން ވަނަ ވެސް ހޯދައިދީފަ އެވެ. މިހެންވެ މި އަހަރުގެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުން އެންމެ ގާތް އެއް ކުޅުންތެރިއަކީ އޭނާ ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ. ނަމަވެސް ކޭން ބުނީ މިއީ އޭނާގެ އަތުގައި އޮތް ބާރެއް ނޫން ކަމަށެވެ. އޭނާ އިޝާރާތް ކުރީ އެއީ ކެޕްޓަނުންނާއި ކޯޗުން އަދި ނޫސްވެރިން ވޯޓު ދީގެން ހޮވާ މަގާމަކަށްވާތީވެ އެކަމަށެވެ.

"ބަލޮންޑޯ އެވޯޑަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު އެވޯޑް. އެކަމަކު ބަލޮންޑޯ ހޯދުމުގެ ބާރެއް އަހަރެން އަތަކު ނެތް. ކުޅެގެން (އެވޯޑް ހޯދަން) އަހަރެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފިން. ދެން އެ ބާރު މިހާރު އޮތީ އެހެން ބަޔަކަށް. އެވޯޑް ލިބިއްޖެނަމަ އަހަރެން ވަރަށް އުފާވާނެ. އެއީ ޔަގީން ކަމެއް. އެކަމަކު އަހަރެންނަށް ހީވަނީ އަދި މިއީ އެވާހަކަ ދައްކަން އަވަސް ވަގުތެއްހެން. އަދި އެވޯޑް ނައިޓާ ދެމެދު ބާކީ ދެ މަސް ނޫނީ ތިން މަސް އެބައޮތް،" ކޭން ބުންޏެވެ.