ރައްޔިތުންގެ މަޖިލީހުގެ ހިންގަމުން މިދާ މިއަހަރުގެ ދެވަނަ ދައުރު މިމަހުގެ 27ވަނަ ދުވަހާ ހަމައަށް އިތުރުކުރަން ފާސްކޮށްފިއެވެ. މިއީ މި ދައުރުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކުރުމަށް ހުށަހެޅުއްވީ ރިޔާސަތުންނެވެ. އެގޮތަށް ހުށަހެޅުއްވީ މި ދައުރުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުންނާއި ކޮމިޓީތަކުގައިވެސް ގިނަ މަސައްކަތްތަކެއް ހުރުމުން އެ މަސައްކަތްތައް ނިންމުމަށް ކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދުގައިވާގޮތުން ކޮންމެ އަހަރަކުވެސް 3 ދައުރަކަށް ބަހާލައިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާނެއެވެ. ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެއި 15ގެ ނިޔަލަށް ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ދެވަނަ ދައުރު ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 15ވަނަ ދުވަހާ ހަމައަށް ކުރިއަށްދާއިރު ތިންވަނަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ އެކަކުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.
އެހެންކަމުން ގަވާއިދުގައިވާގޮތުން މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް މިދިޔަ ހޮނިހިރު ދުވަހަށް ނިންމަންޖެހެއެވެ. ނަމަވެސް އެ މުއްދަތު މި ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް މިދިޔަ ހަފުތާގައި ވަނީ މުއްދަތު އިތުރުކޮށްފައެވެ. ދެވަނަ ފަހަރަށް މި މުއްދަތު ބަދަލުކޮށްފައިވަނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށެވެ.
ދައުރު ހަމަވި ނަމަވެސް މިމުއްދަތުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު މަސައްކަތްތައް ނުނިމޭނަމަ އެ ދައުރެއްގެ މުއްދަތު އިތުރުކުރެއެވެ. މިގޮތަށް ދައުރުގެ މުއްދަތު އިތުރު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ފާސްކޮށްގެންނެވެ.
މަޖިލީހުގެ މިހިނގާ ދައުރު ދެވަނަ ފަހަރަށް އިތުރުކުރުމަށް ފާސްކޮށްފައިވަނީ 58 މެންބަރުންގެ ވޯޓުންނެވެ.