ޚަބަރު

ޙައްޖާޖީންނަށް ބޭހާއި ޞިއްޙީ ސާމާނު ހޯދުމަށް ސްޓޭޓް ފާމާއާއެކު މަޝްވަރާކޮށްފި


  • މީގެ ކުރިން ހައްޖާޖީންނަށް ބޭނުންވާ ބޭސް ހޯދީ އެކި ފަރާތްތަކުން

  • ބޭސް ހޯދުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރި

ހައްޖާއި އުމްރާގެ އަޅުކަމަށް ފުރާ ދިވެހި ހައްޖާޖީންނަށް ބޭނުންވާ ބޭހާއި ޞިއްޙީ ސާމާނު ހޯދުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑާ ދެެމެދު މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤުސަދަކީ، ހައްޖުވެރިންނަށް ބޭނުންވާ ޒަރޫރީ ބޭހާއި ޞިއްޙީ ސާމާނު ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގައި ދެ މުއައްސަސާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެކަމާ ގުޅޭ އިންތިޒާމުތައް ހަރުދަނާ އުސޫލެއްގެ ދަށުން ކުރިއަށް ގެންދިއުމެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ސްޓޭޓް ފާމާއިން ވިދާޅުވީ، މީގެކުރިން ހައްޖާޖީންނަށް ބޭނުންވާ ބޭސް ހޯދަމުން އައީ އެކި ފަރާތްތަކުންކަން ޙައްޖު ކޯޕަރޭޝަނުން ފާހަގަކުރެއްވި ކަމަށެވެ. ނަމަވެސް، ބޭސް ހޯދުމުގެ ކަންކަން އެއް ނިޒާމެއްގެ ދަށުން މިއަށްވުރެ ރަނގަޅަށް އިންތިޒާމު ކުރުމަށްޓަކައި، ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ގަތުމަށް އެ ކޯޕަރޭޝަނުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

ބޭހާއި ޞިއްޙީ ސާމާނު ފޯރުކޮށްދޭ މައި ކުންފުނީގެ ހައިސިއްޔަތުން، ސްޓޭޓް ފާމާއަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފެންވަރު ރަނގަޅު ބޭހާއި ޞިއްޙީ އާލާތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވާ ކުންފުންޏެވެ. އެހެންކަމުން، ހައްޖު ކޯޕަރޭޝަނާއެކު ޤާއިމުކުރާ މި ގުޅުމަކީ، ޤައުމީ މުއައްސަސާތަކަށް ބޭނުންވާ ޞިއްޙީ ސާމާނު ފޯރުކޮށްދިނުމުގައި ސްޓޭޓްފާމާއަށް އެހީތެރިވެދެވޭނެ މުހިންމު އިތުރު ދާއިރާއެއް ކަމަށް އެ ކުންފުނިން ދެކެއެވެ.

މި ބައްދަލުވުމުގައި ދެ ފަރާތުގެ މެދުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮށްފައިވަނީ، ހައްޖު އަދި އުމްރާ ދަތުރުތަކުގައި ދިވެހިންނަށް އެންމެ ފުރިހަމަ ޞިއްޙީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކައި، ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ހޯދުމުގެ ކަންކަން ދެމެހެއްޓެނިވި އަދި ހަރުދަނާ އުސޫލަކުން ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުންނެވެ.