ރާއްޖޭގެ އާބާދީއަށް އައިސްފައިވާ ބަދަލުތަކާއި ރަށްރަށުގެ ކުރިމަގާ ގުޅުންހުރި މަޢުލޫމާތު ހިމެނޭ "ޕަލްސް - އާބާދީގެ ވިންދު 2045" އެގްޒިބިޝަން ފަށައިފިއެވެ.
ނޭޝަނަލް އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެގްޒިބިޝަން ރަސްމީކޮށް ހުޅުވައިދެއްވީ ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ އާއި އ.ދ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވަނީ ހުންނަވާ މަންދޫބު، ހައި ޒަންގއެވެ.
އާއްމުކޮށް ހުޅުވާލާއިގެން ކުރިއަށްގެންދާ މި އެގްޒިބިޝަނުގެ އަލީގައި އާބާދީ އާއި އިޖުތިމާޢީގޮތުން އަންނާނެ ބަދަލުތަކާއެކު 2045 ވަނަ އަހަރަށް ރާއްޖޭގެ މިސްރާބު ހުރި ގޮތުގެ މަޢުލޫމާތުތައް، ޒަމާނީ ގޮތެއްގައި ފޯރުކޮށްދޭނެ މަގު ފަހިކޮށްދީފައިވެއެވެ. އެގްޒިބިޝަންގެ މަޢުލޫމާތުތައް ގެނެސްދީފައިވަނީ ޑިޖިޓަލް ގްރާފާއި އެހެނިހެން ޑިޖިޓަލް ކުރެހުން ފަދަ އާޓިސްޓިކް ގޮތްތައް ބޭނުންކޮށްގެންނެވެ.
އެ އެގްޒިބިޝަން ބައްލަވާލެއްވުމަށްފަހު ޕީއެސްއެމްނިއުސް އަށް މަޢުލޫމާތުދެއްވަމުން، ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ ޒުވާން ޖީލު ޝައުގުވެރިވާނެ ގޮތަކަށް ތަފާސްހިސާބުފަދަ މަޢުލޫމާތުތައް ގެނެސްދިނުން ވަރަށް މުހިންމުކަމަށެވެ. މި އެގްޒިބިޝަންއަކީ މަޢުލޫމާތު ހޯދުމަށް ޝައުގުވެރި މާހައުލެއް ޤާއިމްކޮށްދީފައިވާ އެގްޒިބިޝަނެއްކަަމަށް ވަޒީރު ވިދާޅުވިއެވެ.
"މިއީ ވަރަށް ޝައުގުވެރި އެގްޒިބިޝަނެއް. މިއީ މިފަދަ ފުރަތަމަ އެގްޒިބިޝަން." ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.
މިއެގްޒިބިޝަނާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޔޫއެންއެފްޕީއޭގެ ރާއްޖޭގެ އޮފީހުގެ ވެރިޔާ ޝާދިޔާ ވިދާޅުވީ ރާއްޖޭގައި ތަފާސްހިސާބުތައް އެއްކުރިނަމަވެސް، ކަންކަން ޕްލޭންކުރުމުގައި އެމަޢުލޫމާތުގެ ބޭނުން އެންމެ ފުރިހަމައަށް ނުހިފޭކަން ފާހަގަކުރެވޭކަމަށެވެ. އެހެންކަމުން މި އެގްޒިބިޝަންގެ ބޭނުމަކީ މީހުންނާ ގުޅޭގޮތަށް ޒަމާނީ ވަސީލަތްތަކުގެ ބޭނުންކޮށްގެން ތަފާސްހިސާބުގެ މަޢުލޫމާތު ބުނެދިނުންކަމަށް އޭނާ ވިދާޅުވިއެވެ.
"ތަންކޮޅެއް ތިލަކޮށް، އާޓިސްޓިކްކޮށް މި ގެނެސްދެނީ މި މައުލޫމާތު. ޑޭޓާ ވިޒުއަލައިޒޭޝަންގެ ފަސްޓް އެޓެމްޕްޓް މިއީ. ވަރަށް ޒުވާން ޓީމެއް މިކަމުގައި ހަރަކާތްތެރިވަނީ." ޔޫއެންއެފްޕީއޭގެ ރާއްޖޭގެ އޮފީހުގެ ވެރިޔާ ޝާދިޔާ ވިދާޅުވިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އެގްޒިބިޝަން ކުރިއަށްދާނީ އޮގަސްޓް 18-20އަށް އާޓް ގެލަރީގައެވެ.