ޚަބަރު

އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ އާސީޒަންގެ ގުރުއަތުލުން ބާއްވައިފި


  • މިފަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު

އޭޝިއާގެ ކްލަބް ތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓުގެ އާ ސީޒަންގެ ގުރުއަތުލުން ބާއްވައިފިއެވެ.

މިއީ އޭއެފްސީއިން ޗެމްޕިއަންސް ލީގު އެލީޓް މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 24 އިން 32 އަށް އިތުރު ކުރިފަހުން ބާއްވާ ފުރަތަމަ ފަހަރެވެ. މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި ބޭއްވި ގުރުއަތުލުމުގައި މިފަހަރުގެ މުބާރާތުގައި ވާދަކުރާ 32 ޓީމު ވަނީ އީސްޓް އަދި ވެސްޓް ރީޖަނުގެ އުސޫލުން 16 ޓީމުގެ ދެ ގްރޫޕަކަށް ބަހާލެވިގެން ގޮސްފައެވެ. އަދި މިއިން ކޮންމެ ރީޖަނަކަށް ނިސްބަތްވާ 16 ޓީމު ލީގު އުސޫލުން ހޯމް އެންޑް އެވޭ ފޯމެޓަށް 8 މެޗު ކުޅޭނެއެވެ.

މިފަހަރުގެ މުބާރާތުގައި ވެސްޓް ރީޖަންގައި ހިމެނެނީ ސައުދީ އަރަބިއާގެ 5 ޓީމާއި އެކުވެރި އަރަބި އިމާރާތުގެ 4 ޓީމު، ގަތަރުގެ 3 ޓީމު، އީރާންގެ 2 ޓީމު އަދި އުޒްބަކިސްތާން، އިރާގާއި އުރުދުން އިން ކުރެ ކޮންމެ ޤައުމަކުން އެއްޓީމެވެ. އީސްޓް ރީޖަނަށް ބަލާލާއިރު ހިމެނެނީ ޖަޕާންގެ 5 ޓީމު، ދެކުނު ކޮރެއާގެ 4 ޓީމު، ތައިލަންޑްގެ 3 ޓީމު، ޗައިނާގެ 2 ޓީމު އަދި އޮސްޓްރޭލިއާ، މެލޭޝިއާ އާއި ވިއެޓްނާމްއިން ކޮންމެ ޤައުމަކުން އެއް ޓީމެވެ.

ވެސްޓް ރީޖަނަށް ބަލާލާއިރު އެންމެ ފާހަގަ ކޮށްލެވޭ އެއް މެޗަކަށް ވެގެންދާނީ ވޭތުވެދިޔަ ދެސީޒަންގެ ޗެމްޕިއަން ކަމަށްވާ ސައުދީ އަރަބިއާގެ އަލް އަހްލީ އާއި މިމުބާރާތުް 2024 ވަނަ އަހަރު ކާމިޔާބު ކުރި ޔުއޭއީގެ އަލް އައިންގެ މެދުގެ ކުރިމަތިލުމެވެ. މިމުބާރާތް ވެގެންދާނީ އަލް އަހްލީއަށް ވޭތުވެދިޔަ ދެސީޒަން ކާމިޔާބު ކޮށްދިން ކޯޗު މަތިއަސް ޖެއިސްލަރ އިންގްލިޝް ޕްރިމިއަރ ލީގުގެ ނިއުކާސްލް ޔުނައިޓެޑަށް ބަދަލުވެ އަދި އާކޯޗު މަރީނޯ ޕުސިޗްގެ ބެލުމުގެ ދަށުން ކުޅޭނެ ފުރަތަމަ މުބާރާތެވެ. މީގެއިތުރުން ގަތަރުގެ ތިން ޓީމު ކަމަށްވާ އަލް ސާދު، އާލް ޝަމާލް އަދި އަލް ގަފާރާ އާއެކު އަލް އަހްލީ ކުޅުމަށް ހަމަޖެހިފައިވާއިރު ބާކީ 4 މެޗުގައި އަލް އަހްލީ ވާދަކުރާނީ ޔުއޭއީގެ ޝަބާބު އަލް އަހްލީ އާއި އަލް ވަސްލް އަދި އުޒްބަކިސްތާންގެ ނެފްޓްޗީ އަދި ޕަޙްޓަކޯ އާއެވެ.

އީސްޓް ރީޖަނަށް ބަލާލާއިރު މިމުބާރާތް މީގެކުރިން ކާމިޔާބު ކޮށްފައިވާ ޖަޕާންގެ ކަޝިމާ އެންޓްލަރސް އާއި ދެކުނު ކޮރެއާގެ ޖެއޮންބުކް މޮޓަރސްގެ ކުރިމަތިލުން ފާހަގަ ވެގެންދެއެވެ. މީގެއިތުރުން ތައިލަންޑްގެ ބުރިރާމް ޔުނައިޓެޑް، ޕޯޓް އެފްސީ އަދި ރަޓްޗަބުރީ އެފްސީ އާއިވެސް ކަޝިމާ ބައްދަލުކުރާނެެއެވެ. އަދި މިމުބާރާތުގައި އަލަށް ވާދަކުރާ ވިއެޓްނާމްގެ ޗޮންގ އާން ހަނޯއީ އާއި ދެކުނު ކޮރެއާގެ ޑައެޖޮން ސިޓިޒެން އާއި ޕޮހާންގ ސްޓީލަރސް އަދި އޮސްޓްރޭލިއާގެ ނިއުކާސްލް ޖެޓްސް އާވެސް ބައްދަލުކުރާނެއެވެ.

މިފަހަރުގެ މުބާރާތުގައި އީސްޓް އަދި ވެސްޓަށް ނިސްބަތްވާ 16 ޓީމުގެ މެދުގައި ލީގު އުސޫލުން 8 މެޗު ކޮންމެ ޓީމެއް ކުޅުމަށްފަހު ދެ ގްރޫޕުން އެންމެ މަތިން ޕޮއިންޓް ލިބޭ 8 ޓީމު ނޮކްއައުޓް ބުރަށްދާނެއެވެ. އަދި ނޮކް އައުޓްގައި ކުޅޭ 16 މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ ސަރަހައްދަށް ބަލައިގެންނެވެ. އަދި އެއަށްފަހު އެމެޗުތަކުން ކޮންމެ ގްރޫޕަކުން މޮޅުވާ 4 ޓީމު ފައިނަލް ފޭސްއަށް ދަތުރު ކުރާނެއެވެ. މިމުބާރާތުގެ ލީގު ފޭސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 17 އިން ފެށިގެން މިއަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 17 އަށެވެ. ކްއާޓަރ ފައިނަލް، ސެމީ ފައިނަލް އަދި ފައިނަލް މެޗުގެ މައްޗަށްއެކުލެވޭ ފައިނަލް ފޭސް ކުޅުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 23 އިން މެއި މަހުގެ އެއްވަނަ ދުވަހަށް ސައުދީ އަރަބިއާގައެވެ.