ޚަބަރު

ހިންދް ރަޖަބްގެ ކާރަށް ހަމަލާ ދިން ކަމަށް ޔަހޫދީން އެއްބަސްވެއްޖެ


ފަލަސްޠީނުގެ މައުސޫމް ކުޑަކުއްޖެއް ކަމަށްވާ ހިންދް ރަޖަބް ޔަހޫދީން ރަހުމުކުޑަކޮށް ޝަހީދުކޮށްލިތާ ދެ އަހަރު ފަހުން ހިންދް ދަތުރުކުރި ކާރަށް ހަމަލާ ދިން ކަމަށް ޔަހޫދީން ފުރަތަމަ ފަހަރަށް އިޢުރިފާފްވެއްޖެއެވެ.

2024ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 24ވަނަ ދުވަހު ޔަހޫދީން އުމުރުން އެންމެ ފަސް އަހަރުގެ ހިންދް ޝަހީދުކޮށްލާފައި ވަނީ އެ ކުއްޖާ އޭނާގެ ޢާއިލާއާއެކު ދަތުރުކުރި ކާރެއްގެ ތެރޭގައި ތާށިވެފައި އިންދާއެވެ. ޣައްޒާ ސިޓީއިން އެ ޢާއިލާ ނިކުތުމަށް މަޖުބޫރު ކުރުވުމުން އެ ޢާއިލާ ދިޔައީ ކާރުގައި އެހެން ސަރަޙައްދަކަށް ދިޔުމަށް ދަތުރުކުރަމުންނެވެ. އެ ކާރު ދުއްވަ ދުއްވާ ހުއްޓާ ޔަހޫދީން ވަނީ އެ އުޅަނދަށް އަމާޒުކޮށް 300އަށްވުރެ ގިނަ ވަޒަން ބޭނުންކޮށް ބަޑީގެ ހަމަލާތައް ދީފައެވެ. އެ ހަމަލާތަކުގައި ކާރުގައި ތިބި ހިންދްގެ ޢާއިލާގެ ހުރިހާ މެންބަރުން ވަނީ ޝަހީދުވެފައެވެ. އެ ހަމަލާތަކުގައި ސަލާމަތްވެފައި ވަނީ ހަމައެކަނި ހިންދްއެވެ. އެއީ ޒަޚަމްތަކަކާ އެކުގައެވެ.

ކާރުގެ ތެރޭގައި ހިންދް ތާށިވެފައި އިންދާ ފަލަސްޠީނުގެ ރެޑް ކްރެސެންޓުގެ މެންބަރުން ވަނީ އޭނާ ސަލާމަތް ކުރުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ޔަހޫދީން ވަނީ ހިންދްއާ ހަމައަށް ރެޑް ކްރެސެންޓުގެ މަސައްކަތްތެރިންނަށް ނުދެވޭ ގޮތަށް އެ މީހުންނަށް ހުރަސް އަޅައިފައެވެ. އެ ކުއްޖާ ސަލާމަތް ކުރުމަށް ފޮނުވި އެމްބިއުލެންސްއަށް ވެސް އެ ކުއްޖާއާ ހަމައަށް ފޯރާފައެއް ނުވެއެވެ. އެމްބިޔުލަންސްގައި ތިބި މީހުން ދިޔައީ ފަރުވާ ނުދެވުމުގެ ސަބަބުން ހިންދް ޝަހީދުވަންދެން އެ ކުއްޖާއާ މުވާސަލާތު ކުރަމުންނެވެ. ފަހު ވަގުތާ ޖެހެން ދެން ވެސް ހިންދް ދިޔައީ އޭނާ ސަލާމަތް ކުރުމަށް އާދޭސް ކުރަމުންނެވެ. ހިންދްގެ ވޭނީ އާދޭސްތައް އަޑުއިވޭ އޯޑިޔޯ ކްލިޕަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބިފައިވެއެވެ.

އަލްޖަޒީރާއިން ކުރި ތަހުޤީޤަކުން އެނގޭ ގޮތުގައި ޔަހޫދީ ޓޭންކަރަކުން ހިންދްގެ ޢާއިލާ ދަތުރުކުރަމުން ދިިޔަ ކާރަށް ހަމަލާ ދީފައި ވަނީ ގާތްގަނޑަކަށް 13 މީޓަރު ދުރުންނެވެ. އެ ދުރުމިނުން ކާރު ތެރޭގައި ތިބި އާންމުން ސާފުކޮށް ޔަހޫދީ ސިފައިންނަށް ފެންނާނެއެވެ. ހަމަލާގައި ހިންދް ޝަހީދު ނުވާ ކަން ވެސް ޔަހޫދީންނަށް ސާފުކޮށް ފެންނާނެއެވެ.

އެ ހާދިސާއާ ގުޅިގެން ޔަހޫދީން ފުރަތަމަ ބުނަމުން ދިޔައއީ ހިންދްގެ ޢާއިލާ ދަތުރުކުރި ސަރަޙައްދުގައި ވެސް އެ ޔަހޫދީ ސިފައިން އެ ދުވަހު ޙަރަކާތްތެރި ނުވާ ކަމަށެވެ. ނަމަވެސް ނޫސްވެރިން ކުރި ތަހުޤީޤުތަކަށް ފަހު ޔަހޫދީން ވަނީ އެ ދުވަހު ޣައްޒާ ސިޓީގެ ބައެއް އަމާޒުތައް ރޭޑުކޮށްފައިވާ ކަމަށް ބުނެފައެވެ. މި އަހަރުގެ ޖަނަވަރީ މަހު ޔަހޫދީން ވަނީ އެ މައްސަލަ މުރާޖަޢާ ކުރަމުންދާ ކަމަށް ބުނެފައެވެ. އެހާ ހިސާބަށް ވެސް އެ އުޅަނދަށް ހަމަލާ ދިން ކަމަށާއި ހިންދްއާއި އޭނާގެ ޢާއިލާ ޝަހީދުކޮށްލި ކަމަށް ޔަހޫދީން އިޢުތިރާފް ވެފައެއް ނުވެއެވެ.

އޮގަސްޓު މަހުގެ 19ވަނަ ދުވަހު ޔަހޫދީ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ވަނީ ހިންދްގެ ޢާއިލާ ދަތުރުކުރި ކާރަށް ބަޑިޖަހާފައިވާ ކަމަށް ފުރަތަމަ ފަހަރަށް އިޢުތިރާފްވެފައެވެ. ހިންދްގެ މަރުގެ އިތުރުން 2025ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ޝަހީދުކޮށްލި ފަލަސްޠީނުގެ 15 މެޑިކުންގެ މަރާ ގުޅޭ ޖިނާޢީ ތަހުޤީޤެއް ކުރާނެ ކަމަށް ޔަހޫދީން ބުނެފައިވެއެވެ.

ދެ ހާދިސާއަކީ ވެސް ބައިނަލްއަޤްވާމީ ދުނިޔެގެ ސަމާލު ކަން ހޯދި ދެ ހަމަލާއަށް ވިއިރު، ޔަހޫދީން މި ފަދަ ހަމަލާތައް ތަހުޤީޤު ކުރާނެ ކަމަށް ބުނަނީ ނަމެއްގައެވެ. ޔަހޫދީންގެ މަކަރުވެރި ރޭވުމުގެ ދަށުން ހިންގާ މި ފަދަ ތަހުޤީޤުތަކުގައި ޔަހޫދީން ކުށްވެރިވުމަކީ ނާދިރު ކަމެކެވެ. ޣައްޒާގެ ރައްޔިތުން ވެސް ބުނަމުން ދަނީ ޔަހޫދީންގެ ތަހުޤީޤުގެ ސަބަބުން ހިންދްއާއި އޭނާގެ ޢާއިލާއަށް އިންސާފު ލިބޭނެ ކަމަށް ޤަބޫލު ނުކުރާ ކަމަށެވެ.

ހިންދްގެ މާމަ ބުނީ ހިންދުގެ މަރުގެ އިތުރުން ޣައްޒާގައި ޝަހީދުކޮށްލާފައިވާ އެތައް ހާސް ކުޑަކުދިންގެ މަރާ ގުޅޭ ބައިނަލްއަޤްވާމީ ތަހުޤީޤެއް ކުރަން ޖެހޭ ކަމަށެވެ. އަދި މުޖުރިމުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.