ދައުލަތުގެ ދަރަނިތައް އަދާކުރަމުން ދިއުމުން، ރާއްޖެއަށް ބޮޑެތި އިންވެސްޓެމެންޓްތައް ގެނައުމަށް އިންވެސްޓަރުން ޝައުޤުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވަޒީރު ހަސަން ޒަރީރު ވަނީ ދަރަނި އަދާކުރުމުގެ ފައިދާތައް ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ ދަރަނިތައް އަދާކުރުމަކީ އަބަދުވެސް ހުރިހާ ސަރުކާރެއްގައިވެސް ކުރަމުން އައި ކަމެއް ކަމަށެވެ. ނަމަވެސް އެންމެ ބޮޑު އަދަދެއްގެ ގޮތުގައި ދެއްކީ މިސަރުކާރުން ދާދިފަހުން ދެއްކި 500 މިލިޔަން ޑޮލަރުގެ ސުކޫކުކަމަށް ވަޒީރު ވިދާޅުވިއެވެ.
މާލީ ވަޒީރު ވިދާޅުވީ މި ދަރަނި އަނބުރާ ދެއްކުމާއި އަދި ދައުލަތުން އަދާކުރަން ޖެހޭ ދަރަނީގެ އިލްތިޒާމުތައް އަދާކުރަމުން ދިއުމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ. އަދި މިކަން މިހާރު ބައްދަލުވާ އިންވެސްޓަރުންގެ ފަރާތުންވެސް އެނގިގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެ އިންވެސްޓަރ ކޮންފިޑެންސް އިތުރުވެގެން ދިޔަކަން އެނގޭ ސަބަބަކީ އަޅުގަނޑުމެންނާއި މިހާރު ބައްދަލުވާ ގިނަ އިންވެސްޓަރސް ދިވެހިރާއްޖެއާއި މެދު ޕޮޒިޓިވް ވިސްނުމެއް ގެންގުޅުއްވާ ބޮޑެތި އިންވެސްޓްމެންޓްތައް ކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެ ލޯނު އަޅުގަނޑުމެންނަށް އެ ލޯނު ދެއްކުނީމަ އަދި ލޯން ސާވިސިން ކަންތައް ކުރިއަށް ގެންދެވުނީމަ، ކައިރި މުސްތަޤުބަލެއްގެ ތެރޭގައި ބޮޑެތި އިންވެސްޓްމެންޓްތައް އަންނާނެ ކަމުގެ އުއްމީދު، އަޅުގަނޑުމެންގެ އެބައޮތް." މާލީ ވަޒީރު ވިދާޅުވިއެވެ.
މާލީ ވަޒީރު ވިދާޅުވީ ދަރަނި އަދާކުރުުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ލިބި ރާއްޖޭގެ ކްރެޑިޓް ރޭޓިންވެސް ރަނގަޅުވެ ވެފައިވާ ކަމަށެވެ.
ކުރީގެ ސަރުކާރުން 2021 ވަނަ އަހަރު ނެގި 500 މިލިޔަން ޑޮލުގެ ސުކޫކް އެއްކޮށް އެއްފަހަރާ އަނބުރާ ދައްކާފައިވަނީ މިދިޔަ އެޕްރީލް މަހުއެވެ. މި 500 މިލިޔަން އެމެރިކާ ޑޮލަރުގެ ސުކޫކާއި، އޭގެ ކޫޕަން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިޔަން އެމެރިކާ ޑޮލަރު ސަރުކާރުންވަނީ އިތުރު ލޯނެއް ނުނަގައި އެއްފަހަރާ ދައްކައި ޚަލާސްކޮށްފައެވެ.
ސަރުކާރުން އަދާކުރަން ޖެހޭ ދަރަނިތައް އިތުރު ދަރަންޏެއް ނުނަގައި އަދާކުރަމުން ދިއުމާއެކު މިހާތަނަށް 9.5 ބިލިޔަން ރުފިޔާ ދަރަނީގެ ގޮތުގައި ވަނީ ދައްކާފައެވެ. މިއަހަރު ބަޖެޓުގައި އަދާކުރަން ޖެހޭ ދަރަނީގެ ގޮތުގައި ހިމަނާފައިވަނީ 12.9 ބިލިޔަން ރުފިޔާއެވެ.