ޚަބަރު

މުދަލު ޒަކާތުގެ ނިޞާބަށް ދިވެހި ރުފިޔާއިން ޖެހޭ މިންވަރު ދަށްކޮށްފި


  • މީގެކުރިން ނިޞާބު ހުރީ 21،836.50 ރުފިޔާގައި

  • މިހާރު ނިޞާބަކީ 19،266.10 ރުފިޔާ

މުދަލު ޒަކާތުގެ ނިސާބު ދަށްކޮށްފިއެވެ.

މުދަލު ޒަކާތް ދެއްކުމަކީ، އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލު ޒަކާތް ދެއްކޭނެއެވެ.

ރާއްޖޭގެ ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ، ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރަށްވެސް ބަދަލު އާދެއެވެ.

ދިވެހި ރާއްޖޭގެ ޒަކާތު ހައުސިންގއިން ވިދާޅުވީ، މިއަދުން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ، 19،266.10 ރުފިޔާ ކަމަށެވެ. މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން، މިދިޔަ އޭޕްރީލް 21ގައި މުދަލު ޒަކާތުގެ ނިސާބު ވަނީ ބޮޑުކޮށްފައެވެ. އޭރު ބޮޑުކުރީ، 19،527.90 ރުފިޔާއިން 21،836.50 ރުފިޔާއަށެވެ.

އިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެ ފަދަ ޤައުމުތަކުގައި ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި ފަޤީރުންނަށް އެންމެ ރަނގަޅު ގޮތަކީ، ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިޞާބު ކަނޑައެޅުމެވެ. މުދަލު ޒަކާތުގެ ނިޞާބަކީ، ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.

މީގެކުރިން އިސްލާމިކް މިނިސްޓްރީއަށް މުދަލު ޒަކާތް ދައްކަމުން އައި ނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މީރާއަށެވެ. އެގޮތުން އޮންލައިކޮށް ވެސް މީރާއަށް މުދަލު ޒަކާތް ދެއްކޭނެއެވެ. އަދި އެމީހަކު މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރުވެސް މީރާގެ ވެބްސައިޓު މެދުވެރިކޮށް ބެލޭނެއެވެ.