ޚަބަރު

މޯލްޑިވްސް ޕްރޯ: ތާރީޚީ ސެމީ ފައިނަލުން އާމިން އާއި ޚުޝްރުވާން ބަލިވެއްޖެ


  • މިއީ ރާއްޖޭގެ އެތުލީޓުންނަށް މި މުބާރާތުގެ އޯޕަން ކެޓަގަރީއަކުން ސެމީ ފައިނަލަށް ދެވުނު ފުރަތަމަ ފަހަރު

  • ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަން އިޔަން ވަނީ ހޯދައިފައި

  • ރާއްޖެއިން އަމާޒަށް ވާސިލްވި

ކ. ތުލުސްދޫގައި ކުރިއަށްދިޔަ ބޮޑީބޯޑިން ވޯލްޑް ޓުއާގެ އިވެންޓް "މޯލްޑިވްސް ޕްރޯ 2026" ގެ މެންސް ރައިސިންގ ކެޓަގަރީގެ ސެމީ ފައިނަލުގައި ވާދަކޮށް ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަހުމަދު އަދި އަރަމުން އަންނަ ޒުވާން ތަރި އާމިން އުމަރު މޫސާ ބަލިވެއްޖެއެވެ.

މިއީ ބޮޑީބޯޑިންގ ވޯލްޑް ޓުއާ އިވެންޓެއްގެ އޯޕަން ކެޓަގަރީގައި ވާދަކޮށް ރާއްޖޭގެ އެތުލީޓުންތަކެއް ސެމީ ފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގެ ހީޓުތައް ބުރާސްފަތި ދުވަހު ކުރިއަށްދިޔައިރު، ސެމީ ފައިނަލުގެ ފުރަތަމަ ހީޓުގައި އަލީ ޚުޝްރުވާން އަހުމަދު ނުކުތީ ޕިއެރޭ ލުއިސް ކޮސްޓެސް (ޕީއެލްސީ)އާ ދެކޮޅަށެވެ. މި ހީޓު ޕީއެލްސީ ކާމިޔާބުކުރީ 0.8 ޕޮއިންޓްގެ ކުޑަ ތަފާތަކުންނެވެ.

މި ހީޓުގައި ޕީއެލްސީ މުޅިއެކު 14.40 ސްކޯކުރިއިރު، ޚުޝްރުވާން އަށް ސްކޯކުރެވުނީ 13.60 އެވެ.

މި ހީޓުގައި ޕީއެލްސީ އެންމެ މަތިން ސްކޯކުރީ ހަތަރުވަނަ އަދި ހަތްވަނަ ރާޅުގައެވެ. ހަތަރުވަނަ ރާޅުގައި 7.00 ސްކޯކުރިއިރު، ހަތްވަނަ ރާޅުގައި 7.40 ސްކޯކުރިއެވެ.

ޚުޝްރުވާން އެންމެ މަތިން ސްކޯކުރީ ތިންވަނަ އަދި ފަސްވަނަ ރާޅުގައެވެ. ތިންވަނަ ރާޅުގައި ޚުޝްރުވާން އަށް 8.25 ގެ ސްކޯއެއް ލިބުނުއިރު، ފަސްވަނަ ރާޅުގައި 5.35 ސްކޯކުރިއެވެ.

ސެމީ ފައިނަލުގެ ދެވަނަ ހީޓުގައި އާމިން ނުކުތީ އާމިޑޭއާ ދެކޮޅަށެވެ. މި ހީޓު އާމިޑޭ ކާމިޔާބުކުރީ 3 ޕޮއިންޓްގެ ތަފާތަކުންނެވެ. މި ހީޓުން އާމިޑޭއަށް މުޅިއެކު 15.50 ސްކޯއެއް ލިބުނުއިރު، އާމިން އަށް ސްކޯކުރެވުނީ 12.50 އެވެ.

އާމިޑޭ އެންމެ މަތިން ސްކޯކުރީ ފުރަތަމަ އަދި ހަތަރުވަނަ ރާޅުގައެވެ. ފުރަތަމަ ރާޅުން އާމިޑޭއަށް 8.00 ގެ ސްކޯއެއް ލިބުނުއިރު، ހަތަރުވަނަ ރާޅުން 7.50 ސްކޯކުރިއެވެ.

އާމިން އެންމެ މަތިން ސްކޯކުރީ ތިންވަނަ އަދި ހަތަރުވަނަ ރާޅުގައެވެ. ތިންވަނަ ރާޅުން އާމިން އަށް 7.00 ގެ ސްކޯއެއް ލިބުނުއިރު، ހަތަރުވަނަ ރާޅުން 5.50 ސްކޯކުރިއެވެ.

އާމިން އާއި ޚުޝްރުވާން އަށް މެންސް ރައިސިންގ ކެޓަގަރީގެ ޕޯޑިއަމް ފިނިޝްއެއް ލިބުނުއިރު، ޖޫނިއާ ރައިސިން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އިޔަން އަހުމަދެވެ.

މި ފަހަރުގެ މުބާރާތައް ރާއްޖެއިން ނުކުތީ ޕޯޑިއަމް ފިނިޝްއަކަށް އަމާޒު ހިފައިގެންނެވެ. އެ އަމާޒަށް ރާއްޖެއިން މި ވަނީ ވާސިލްވެފައެވެ.