މާލޭގެ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން، ސީއެޗްއެސީގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް މިއަހަރު ފަހުކޮޅު ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ތަޢުލީމާއި މަތީތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ސީއެޗްއެސީގެ 7 ފަންގިފިލާގެ އައު އިމާރާތް އެޅުމަށް މިއަހަރުގެ ފެބްރުއަރީ މަހު ހަވާލުކޮށްފައިވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
މާލެ ސަރަޙައްދުގައި ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ތަޢުލީމީ ދާއިރާގެ މަޝްރޫޢުތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ މާލެ ސަރަޙައްދުގައި އިތުރު ސްކޫލްތައް އިމާރާތް ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އޭގެތެރެއިން ސީއެޗްއެސްސީގެ އައު އިމާރާތުގެ މަސައްކަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ އެ މަސައްކަތް ކުރިއަށްގެންދިޔުމަށްޓަކައި މިހާރު ކުރިއަށްދަނީ ކުރެހުންތައް އެޕްރޫވް ކުރުމުގެ މަރުހަލާކަމަށެވެ. އަދި އުންމީދަކީ މިއަހަރުގެ ފަހުކުއާޓަރުގައި އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުންކަމަށްވެސް ވަޒީރު ވިދާޅުވއިެވެ.
ތަޢުލީމާ ބެހޭ ވަޒީރު ވިދާޅުވީ ހުޅުމާލޭގައިވެސް އިތުރު 2 ސްކޫލެއް އިމާރާތް ކުރުމަށް ނިންމާފައިވާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ވޮކޭޝަނަލް އެޑިއުކޭޝަން ހިމަނައިގެން އޭލެވެލްއަށް ކިޔަވއިދޭ ސްކޫލަކާއި ގްރޭޑް 1 އިން 10 އަށް ކިޔަވައިދޭނެ އިތުރު ސްކޫލެކެވެ. އަދި މާލޭ ވޮކޭޝަނަލް ހައި ސްކޫލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެތަންތަން އިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށްޓަކަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.
"ސަރުކާރުގެ އަމާޒަކީ ގްރޭޑް 10 އާ ހަމައަށް ދަރިވަރުން ކިޔެވުން ހުއްޓާލާ ހުއްޓާލުން ނިމުމަކަށް ގެނައުން. މާލޭ ވޮކޭޝަނަލްއިން ފުރުޞަތުތަކެއް ދެވިއްޖެނަމަ ކުރެވެނީ ޒުވާނުން ބާރުވެރިކުރުމަށްޓަކައި އެޅޭ ފިޔަވަޅެއް. ވަޒީފާގެ ފުރުޞަތުތައް ތަނަވަސްވާއިރު އެކުދިންނަކީ ހުނަރުވެރި ކުދިންނަށް ވާން އެބަޖެހޭ " ތަޢުލީމާއި މަތީތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވިއެވެ.
މާލޭގެ ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަންގެ އައު އިމާރާތް ތަރައްޤީކުރުމުގެ މަޝްރޫޢަކީ މަތީ ސާނަވީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގައި ކިޔަވައިދިނުމުގެ ޖާގަ އިތުރުކުރުމަށްޓަކައި ކުރިއަށްގެންދެވޭ މުހިންމު މަޝްރޫޢެކެވެ.
މި އިމާރާތް ތަރައްޤީ ކުރަނީ 15 ކްލާސްރޫމާއި 4 ސައިންސް ލެބާއި ސްޓާފް ރޫމް ހިމެނޭހެންނެވެ. އަދި ލީޑިން ޓީޗަރ ރޫމާއި އެޑްމިން އޮފީހުގެ އިތުރުން 3 ލިފްޓް އަދި ޕާކިން ސަރަޙައްދެއްވެސް ހިމެނޭނެއެވެ.
ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަނަކީ "ސައިންސް އެޑިއުކޭޝަން ސެންޓަރ"ގެ ނަމުގައި 3 ޖުލައި 1979 ގައި ހުޅުވި ސްކޫލެކެވެ. މިއީ ރާއްޖޭގައި މަތީ ސާނަވީ ތަޢުލީމަށް ޚާއްސަ އެންމެ ގިނަ ދުވަސްވީ ސްކޫލެވެ.
ސްކޫލް މާލޭގައި ހިންގަމުން އައީ ލިލީމަގުގައި ހުންނަ އިމާރާތުގައެވެ. ނަމަވެސް 2023ވަނަ އަހަރު ސީއެޗްއެސްސީ، އައު އިމާރާތާއެކު ހުޅުމާލެއަށް ބަދަލުކުރިއެވެ. 8 ފަންގިލާގެ އިމާރާތަކީ 1200 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ. މިއާއެކު މާލޭގެ ސްކޫލް މުޅިން އުވާލިއެވެ.
ގިނަ ދަރިވަރުންނަށް މަތީ ސާނަވީއަށް ފުރުޞަތު ދިނުމަށާއި އަދި މާލޭގައި މަތީ ސާނަވީ ސްކޫލެއް ނެތުމުގެ ސަބަބުން ކުރިމަތިވަމުންދިޔަ ދަތިތަކަށް ޙައްލު ގެނައުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މާލޭގެ ސްކޫލް ހިމެނޭހެން އަލުން ކިޔަވައިދިނުން ފެށުމަށެވެ.
މި ނިންމެވުމުގެ ދަށުން 800 އަށްވުރެ ގިނަ ދަރިވަރުންނާއެކު، 2024، ސެޕްޓެންބަރު 1ވަނަ ދުވަހު، މާލޭ ސީއެޗްއެސްސީގެ ކިޔެވުން އަނެއްކާވެސް ވަނީ ފަށާފައެވެ. އަދި އަލަށް އިތުރުކުރާ އިމާރާތާއެކު، މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުޞަތު އިތުރު ގިނަ ދަރިވަރުންތަކަކަށް ލިބޭނެއެވެ.