ކުޅިވަރު

ޖިބޫޓީ ފުޓުބޯޅަ ފެޑެރޭޝަނުން ފީފާގެ ފައިސާއަށް ހެދީ މަކަރު


ޖިބޫޓީ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާއިން އެ ގައުމަށްދިން ފައިސާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ތުހުމަތު ކޮށްފި އެވެ.

އެފްރިކާގެ ހުޅަނގު އުތުރުގައި އޮތް ފަސްލައްކަ މީހުންގެ ކޭޕް ވާޑޭ ވޯލްޑް ކަޕް ކުޅުމާއެކު އެފްރިކާ އާއި ކުދި ގައުމުތަކުގައި މިހާރު އެންމެ ބޮޑަށް ކުރަމުންދާ ބަހުސަކީ އެ މީހުންނަށް ވޯލްޑަށް ކޮލިފައި ނުވެވެންވީ ސަބަބަކީ ކޮބާތޯ ބެލުމުގެ ބަހުސެވެ. މިއާއެކު ބައެއް ގައުމު ތަކުގެ ފުޓްބޯޅަ ފެޑަރޭޝަން އޮޑިޓް ކުރުން ފަދަ ކަންކަން ދަނީ ކުރަމުންނެވެ. ޖިބޫޓީގައި ވެސް ދިމާވީ މިފަދަ ގޮތެކެވެ.

އެ ގައުމުގެ ސަރުކާރުން އިދާރާތައް އޮޑިޓްކޮށް ނެރުނު 2024 ވަނަ އަހަރުގެ ރިޕޯޓް އާއްމުވީ ދާދި ފަހުންނެވެ. އެ ރިޕޯޓްގައިވާ ގޮތުން ފީފާ އިން ފުޓްބޯޅަ އަށް ކޮންމެ އަހަރަކު ދޭ އެއް މިލިއަން ޑޮލަރާއި އެނޫން އެހީތަކުގެ ބޮޑު ބައެއް ވަނީ ނަހަމަ ގޮތުގައި ބޭނުން ކޮށްފަ އެވެ. އަދި ގިނަ ކަންކަން ކޮށްފައިވަނީ ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށެވެ. މި ގޮތުން ސައޫދީ އަރަބިއާއިން އެ ގައުމުގެ ފުޓްބޯޅައިގައި އާއިމާރާތް އަޅަން ދިން ފައިސާ އަށް ވެސް ވަނީ އިހުމާލުވެފަ އެވެ.

ތުހުމަތު ތަކާއެކު މިދިޔަ ހަފުތާގައި އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އިސް މެމްބަރެއް ކަމަށްވާ މުހައްމަދު އެލަމް ފަރާހް ވަނީ އިސްތިއުފާ ދީފަ އެވެ. އެނާ ވަނީ ފުޓްބޯޅަ ފެޑަރޭޝަނުގެ މެނޭޖްމަންޓާއި އެތަނުގެ ވަސީލަތްތައް ބޭނުންކުރާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ނަމަވެސް ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ސުލައިމާން ހަސަން ވަބޭރީ ވަނީ މި ތުހުމަތުތައް ދޮގު ކޮށްފަ އެވެ. އޭނާ ވިދާޅުވީ ފީފާއިން ބަރާބަރަށް އެއިދާރާ އޮޑިޓް ކުރާ ކަމަށާއި ފީފާގެ އޮޑިޓުން މިހާތަނަށް އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ ކަމަށެވެ.

އޭނާގެ މިވާހަތަކާ މެދު ފާޑުކިއުންތެރިން ވަނީ މިއީ ފީފާގެ އިންތިހާބު ކުރިއަށް އޮތުމާއެކު ބަލާނެ މައްސަލަތަކެއް ނޫން ކަމަށް ސިފަކޮށްފަ އެވެ. ސަބަބަކީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް އޭޝިޔާ އާއި ޔޫރަޕާއޮ ކޮންކާފުން ދެކޮޅު ހަދަމުންދާއިރު ހަތަރު ވަނަ ދައުރަށް އިންތިހާބު ވުމަށް އެފްރިކާގެ ގިނަ ގައުމުތަކުން ތާއީދު ބޭނުންވެފައިވާތީ އެވެ.