ޚަބަރު

އަލް ނަސްރަށް އެނބުރި އައުން ރޮނާލްޑޯފެށީ ލަނޑަކުން


  • މިމެޗު އަލް ނަސްރު ކާމިޔާބު ކުރީ 4 ލަނޑު ސުން ލަނޑުން

ފީފާ ވޯލްޑް ކަޕަށްފަހު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި އައިސް އަލް ނަސްރަށް ކުޅުނު ފުރަތަމަ މެޗު ލަނޑަކާއެކު ފަށައިފިއެވެ.

ރޮނާލްޑޯ ލަނޑު ޖަހާފައިވަނީ ސައުދީ ޕްރޯ ލީގުގައި އަލް ނަސްރު، އަލް ރިޔާދު އާއި ދެކޮޅަށް ކުޅެ 4 ލަނޑު ސުން ލަނޑުން މޮޅުވި މެޗުގައެވެ. މިމެޗުގައި ރޮނާލްޑޯ ކުޅެން އަރާފައިވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އަދި މިމެޗުގައި ރޮނާލްޑޯ ކާމިޔާބު ކޮށްދީފައިވަނީ 83 ވަނަ މިނެޓުގައި ޖެހި އެޓީމުގެ ފަހު ލަނޑެވެ. މިއީ އުމުރުން 41 އަހަރުގެ ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ކާމިޔާބު ކުރި 977 ވަނަ ލަނޑެވެ.

އަލް ނަސްރުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު އެޓީމަށް ޖަހައިދީފައިވަނީ އަބްދުﷲ އަލް އަމްރީއެވެ. އަދި ދެވަނަ ލަނޑު އެންޖެލޯ ގެންރިއަލް ކާމިޔާބު ކޮށްދިން އިރު ތިންވަނަ ލަނޑު ޖަހައިދިނީ ޕޯޗުގަލްގެ ފޯވަޑް ޖާއޮ ފީލިކްސްއެވެ.

މިކާމިޔާބީ އާއެކު އަލް ނަސްރު އުޅެނީ ދެމެޗުން ލިބިފައިވާ 6 ޕޮއިންޓާއި ފައިދާ 7 ލަނޑާއެކު ތާވަލްގެ އެއްވަނައިގައެވެ. ދެވަނައިގާ އުޅެނީ އަލް ހިލާލްއެވެ.

މިމުބާރާތުގައި އަލް އިއްތިހާދާއި އަލް ޤަދުސިއާ ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ އަލް އިއްތިހާދެވެ. މިމެޗުގައި އަލް އިއްތިހާދުން ކާމިޔާބު ކުރި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޖޯޖު އިލެނިޙޭނާއެވެ. މިމެޗުގައި އަލް ގަދުސިއާގެ ފޯވަޑް ހޫލިއަން ކުއިނޯނޭސް އެޓީމަށް ތިން ފަހަރު މަތިން ލަނޑު ޖަހައިދިން ނަމަވެސް މިތިން ލަނޑުވެސް ވަނީ އޮފް ސައިޑް ކަމަށް ދައްކާފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ މާގިނަ އިރުތަކެއް ނުވެ އަލް އިއްތިހާދަށް ކުޅޭ ސެނެގާލްގެ ޑިއޮން ލޮޕީއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމާއި ގުޅިގެން މެޗުގެ ބާކީ ބައި އެޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ.

މިމެޗުގެ މީގެ އެއް ދުވަސް ކުރިން އަލް ގަދަސިއާއަށް ސޮއިކުރި ނެދަލަންޑްސްގެ ޓިޔާނީ ރެއިންޑަރސްވެސް ކުޅެން އަރުވާފައިވެއެވެ. ނަމަވެސް މިއާއެކުވެސް މިމެޗުގެ ނަތީޖާއަށް އިތުުރު ބަދަލެއް އައިސްފައެއް ނުވެއެވެ.