ޚަބަރު

ގްރާންޓުތަކާއި ސަބްސިޑީއަށް ކުރި ޚަރަދު 8 ބިލިޔަން ރުފިޔާއަށް


  • މިއީ %44 ގެ އިތުރުވުމެއް

  • ސަބްސީޑީއަށް 3.4 ބިލިޔަން ރުފިޔާ ޚަރަދުކުރި

މިދިޔަ ހަފުތާގެ ނިޔަލަށް ގްރާންޓުތަކާއި ސަބްސިޑީއަށް ކުރި ޚަރަދު 8 ބިލިޔަން ރުފިޔާއަށް އަރާފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މިކަމަށް ޚަރަދުކުރި އަދަދާ އަޅާބަލާއިރު %44 އިތުރު އަދަދެކެވެ.

ސަރުކާރުން ސަބްސިޑީ ދެނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ތަކެއްޗާއި ޚިދުމަތްތައް ދިނުމަށް ހިނގާ ޚަރަދާއި، ކޮންޓްރޯލް އަގުގެ ފަރަގު ފޫބެއްދުމަށެވެ. އަދި އަސާސީ މުދަލާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހިނގާ ޚަރަދަށްވުރެ އަގު ހެޔޮކޮށް ރައްޔިތުންނަށް މިފަދަ ތަކެއްޗާއި ޚިދުމަތްތައް ފޯރުކޮށްދިނުމަކީވެސް ސަބްސިޑީ ފޯރުކޮށްދިނުމުުގެ ބޭނުމެކެވެ.

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާގޮތުގައި މިމަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް ގްރާންޓުތަކާއި ސަބްސިޑީއަށް މުޅި ޖުމްލަ 8.08 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މިކަމަށް ޚަރަދުކުރި 5.6 ބިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %44 ގެ އިތުރުވުމެކެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސަބްސިޑީއަށް ކުރި ޚަރަދު ވަނީ ބޮޑުތަނުން އިތުުރުވެފައެވެ. އެގޮތުން މިމަހުގެ 13ވަނަ ދުވަހުގެ ނިޔަަލަށް ސަބްސީޑީއަށް މުޅި ޖުމްލަ 3.4 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުން ވަނީ ސަބްސިޑީއަށް 1.9 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ. އެހެންކަމުން މިއީ %78.4 ގެ އިތުރުވުމެކެވެ.

ސަބްސިޑީއަށް ކުރި ޚަރަދު އިތުރުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލުމުގެ ސަބަބުން، ކަރަންޓު އުފެއްދުމަށް ވިއްކާ ތެލުގެ ސަބްސިޑީއަށް ހިނގި ޚަރަދު ބޮޑުވުމުންކަން މާލީ ވުޒާރާއިން ފާހަގަކުރައްވައެވެ.

މާލީ ވުޒާރާއިން ވިދާޅުވީ، ބައިނަލްއަޤްވާމީ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތަކުން އާންމުންނަށް ކުރާ އަސަރު ކުޑަކޮށްދިނުމުގެ ގޮތުން ސަރުކާރުން ފޯރުކޮށްދޭ ސަބްސިޑީގެ ސަބަބުން އަސާސީ މުދަލާއި ޚިދުމަތްތަކުގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ.

ސަބްސިޑީއަށް ފަހު ދެން އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ކައުންސިލްތަކަށް ފޯރުކޮށްދޭ ގްރާންޓުތައް ދިނުމަށެވެ. އެގޮތުން އަހަރުގެ މިހާތަނަށް ކައުންސިލްތަކަށް ބްލޮކް ގްރާންޓުތައް ދިނުމަށް 1.4 ބިލިޔަން ރުފިޔާ ޙަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މިކަމަށް ދޫކޮށްފައިވަނީ 1.2 ބިލިޔަން ރުފިޔާއެވެ. މިއީ %17 ގެ ކުރިއެރުމެކެވެ.

ގްރާންޓުތަކާއި ސަބްސިޑީގެ ތެރޭގައި އާސަންދައިގެ ޚިދުމަތްވެސް ހިމެނެއެވެ. އަހަރުގެ މިހާތަނަށް އާސަންދައިގެ އެކި ސްކީމުތަކަށް ދައުލަތުން ވަނީ 1.3 ބިލިޔަން ރުފިޔާ ޙަރަދުކޮށްފައެވެ. 2025ވަނަ އަހަރުގެ މި މުއްދަތުގައި އާސަންދައަށް ޚަރަދުކޮށްފައިވަނީ 1.1 ބިލިޔަން ރުފިޔާއެވެ. މިއީ %14 ގެ މަތިވުމެކެވެ.

އާސަންދައަށް ކުރި ޚަރަދު އިތުރުވެފައިވީނަމަވެސް މެޑިކަލް ވެލްފެއާއަށް ކުރި ޚަރަދު ވަނީ ދަށްވެފައެވެ. އެގޮތުން އަހަރުގެ މިހާތަނަށް މެޑިކަލް ވެލްފެއާއަށް 149 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކޮށްފައިވަނީ 194 މިލިޔަން ރުފިޔާއެވެ. މިއީ %23 ގެ ދަށްވުމެކެވެ.