ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން މާލެ-ވިލިމާލެ އެއްގަމު މަގުން ގުޅާލައިފިއެވެ. ތިލަމާލޭ ބުރިޖަކީ، މާލެ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ އެއް މަޝްރޫޢެވެ.
ތިލަމާލެ ބުރިޖުގެ މަޝްރޫޢު ކުރިއަށްގެންދާ އިންޑިއާގެ އެފްކޮންސް ކުންފުނިން ވިލިމާލެއާއި މާލެ ގުޅުވައިދޭ ފަހު ސެގްމަންޓު މިހާރު ގުޅާލާފައިވާއިރު، ބްރިޖުގެ މައި އޮނިގަނޑުގެ މަސައްކަތް މުޅިން ވަނީ ފުރިހަމަވެފައެވެ. ދެން ކުރިއަށްދާނީ، ފިނިޝިންގގެ މަސައްކަތްތައް ކަމަށް އެފްކޮންސްއިން ވިދާޅުވެއެވެ. މީގެ ތެރޭގައި މަގުގެ ތާރު އެޅުމާއި، ރައްކާތެރިކަމުގެ ރޭލިންގްސް ހަރުކުރުމާއި، މަގު ބައްތި ހަރުކުރުން ފަދަ މަސައްކަތްތައް ހިމެނެއެވެ.
ބުރިޖުގެ މައި އޮނިގަނޑު ގުޅާލެވުނު ނަމަވެސް، ބުރިޖު މަތިން އާންމުންނަށް ދަތުރުކުރަން ފެށޭނީ، ފިނިޝިން މަސައްކަތްތައް އެއްކޮށް ފުރިހަމަވުމުން ކަމަށް އެފްކޮންސްއިން މައުލޫމާތުދެއެވެ.
މި މަޝްރޫޢުގައި މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާނެއެވެ. މި ރަށްތައް ހުރަސްކުރުމަށް، މާލެއާއި ވިލިމާލޭގެ އިތުރުން ވިލިމާލެއާއި ގުޅިފަޅާ ދެމެދު ބްރިޖެއް އަޅާނެއެވެ. އަދި ގުޅިފަޅާއި ތިލަފުށިވެސް ގުޅުވާލާނީ މިފަދަ ބްރިޖަކުންނެވެ. މިމަސައްކަތްތައް މިހާރު ބާރަށް ކުރިއަށްދާއިރު ވިލިމާލެއާއި ގުޅިފަޅާއި ދެމެދު ބްރިޖުގެ ސެގްމެންޓްތައް ތަނބުތަކާއި ގުޅުވާލުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ. އަދި މިވަގުތުވެސް ބާކީ ސެގްމެންޓްތައް ގުޅާލުމަށް ދަނީ، މަސައްކަތް ކުރަމުންނެވެ.
މިމަސައްކަތުގެ އިތުރަށް، ބްރިޖުގެ ގުޅިފަޅުގެ ތެރެއިންދާ ހައިވޭގެ މަސައްކަތާއި، ތިލަފުއްޓާއި ބްރިޖު ގުޅޭ ސަރަހައްދުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދެއެވެ. މިހުރިހާ މަސައްކަތެއްވެސް ކުރިއަށް ގެންދަނީ، އެކުއެކީގައެވެ.
ޖުމްލަ 6.7 ކިލޯމީޓަރުގެ ތިލަމާލެ ކެނެކްޓްވިޓީ ބްރިޖުން 4 ރަށެއް އެއްކޮށް ގުޅާލާނެއެވެ. މި ރަށްތައް ގުޅާލުމަށް ޖުމްލަށް 1،222 ސެގްމެންޓެއް ބޭނުން ކުރާއިރު، މި ސެގްމެންޓުތައް ބެހެއްޓުމުގެ މަސައްކަތް ވަނީ ނިމުމާއި ގާތަށް ގޮސްފައެވެ.
ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި މި ބުރިޖުގެ މަސައްކަތަކީ، ގްރޭޓަރ މާލެ ސަރަޙައްދާއި މުޅި ރާއްޖޭގެ އިޤްތިޞާދަށްވެސް ވަރަށް މުހިންމުކަން ބޮޑު މަޝްރޫޢެކެވެ. މިގޮތުން ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، މި ބްރިޖު ވެގެންދާނީ ތިލަފުއްޓާއި މާލެއާ ދެމެދު މުދާ އުފުލުމުގެ މައި މަގަށެވެ. ބްރިޖު ގުޅިގެންދާ އިންޑަސްޓްރިއަލް ޒޯން އަދި ޓީޖެޓީ ހިމެނޭ ސަރަހައްދު ސަރުކާރުން ތަރައްޤީ ކުރާނީ، މުދާ ގުދަން ކުރުމާއި މުދާ ބޭލުމުގެ ސަރަހައްދަކަށެވެ. މި ސަރަހައްދުގައި ވިޔަފާރި ބަނދަރުގެ 20 އިންސައްތަ މަސައްކަތް ކުރިއަށްދާނެއެވެ.
ސަރުކާރު ހަވާލުވެ އެންމެ ފުރަތަމަ ފެށި މަސައްކަތްތަކުގެ ތެރޭގައި ބުރިޖުގެ މަސައްކަތް އަވަސް ކުރުމަށް އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރުންނާއެކު މަސައްކަތްތައް ފެށިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ބޮޑުވަޒީރާއި އެ ޤައުމުގެ ސަރުކާރާއި އެކު ބޭއްވެވި ބައްދަލުވުންތަކުގައި މިކަމަށް އެދިވަޑައިގެންފައެވެ. މި ސަރުކާރު ހަވާލުވިއިރު ބްރިޖުގެ މަސައްކަތުގެ ނިމިފައި އޮތީ އެންމެ 30 އިންސައްތަ މަސައްކަތެވެ. ނަމަވެސް މިހާރު 75 އިންސައްތަ އަށްވުރެ ބޮޑު ބައި ވަނީ އެއްކޮށް ނިންމާލާފައެވެ.
މުޅި މި މަޝްރޫޢަށް 500 މިލިޔަން ޑޮލަރު ހޭދަވާނެއެވެ. އެއީ، 7 ބިލިޔަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ، އިންޑިއާ ސަރުކާރުން ދޭ 100 މިލިޔަން ޑޮލަރުގެ ގްރާންޓާއި، 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ. އަދި މި މަޝްރޫޢަށް ދިވެހި ސަރުކާރުންވެސް ޚަރަދު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ، އަންނަ އަހަރުގެ ނިޔަލަށް ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ނިންމުމަށެވެ.