ޚަބަރު

ޔަހޫދީންނަށް ފިޔަވަޅު އަޅަން 100 އަށްވުރެ ގިނަ ޑިޕްލޮމެޓުން ގޮވާލައިފި


ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތިގެ ޚާރިޖީ ދާއިރާގައި މީގެ ކުރިން މަސައްކަތްކޮށްފައިވާ 102 ޑިޕްލޮމަޓުން ދެ ޤައުމުގެ ސަރުކާރަށް ގޮވާލައިފިއެވެ.

ދެ ޤައުމުގެ ސަރުކާރަށް ފޮނުވި ސިޓީއެއްގައި ޑިޕްލޮމަޓުންގެ އިއްތިޙާދުން ބުނީ ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ގެންގުޅޭ ސިޔާސަތުތަކަކީ އޭގެ ސަބަބުން ފަލަސްޠީނުގެ މުޅި ދައުލަތް ދާއިމީ ގޮތަކަށް ފުހެވިގެން ދިޔުމުގެ ނުރައްކާ ކުރިމަތިވާ ފަދަ ސިޔާސަތުތަކެއް ކަމަށެވެ.

އެ ބޭފުޅުން ވަނީ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާ ދެ ޤައުމުން ވެސް ފަލަސްޠީނުގައި ބައިނަލްއަޤްވާމީ ޤާނޫނުތައް ދެމެހެއްޓުމަށް އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ފާހަގަކޮށްފައެވެ. އަދި ޔަހޫދީންނަށް ލިބޭ ކޮންމެ ހައްޤެއް ފަލަސްޠީނުގެ ރައްޔިތުންނަށް ވެސް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ވެސް ދެ ޤައުމުގެ ސަރުކާރަށް ގޮވާލާފައިވެއެވެ.

ސިޓީގައި އިތުރަށް ބުނީ ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރު ސުންނާފަތި ކުރުމާއި، ފަލަސްޠީނުގެ ބިންތައް ފޭރިގަނެ އެ ބިންތަކުގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ޔަހޫދީންގެ އަނިޔާވެރިކަމާއި، އެ މީހުންނަށް ޔަހޫދީ އަސްކަރިއްޔާއާއި ސިފައިން ދެމުންދާ ހިތްވަރަކީ ބަޔަކު ނަސްލުހޭދު ކުރުމަށް ކުރާ މަސައްކަތްތަކެއް ކަމަށް ބެލެވޭނެ ކަމަށެވެ. ޔަހޫދީންނަކީ ހަޤީޤީ ދިމުޤުރާތީ ސިފަތައް ހުރި ބައެއްގެ ގޮތުގައި ދުނިޔެ ބަލައިނުގަންނަ ކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ.

ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފައި ވަނީ 2025ވަނަ އަހަރުގެ ތެރޭގައެވެ. ސިޓީގައި ބުނީ އެ ނިންމުން ހަޤީޤަތުގައި ތަންފީޛު ވާނީ ވަގުތުން ވަގުތަށް އެ ދެ ޤައުމުގެ ސަރުކާރުން އެދެވޭ ފިޔަވަޅުތަކެއް އަޅާ ނަމަ ކަމަށެވެ. ދެ ޤައުމަކީ ވެސް ހަނގުރާމައިގެ ޖަރީމާ ހިންގާ މީހުންނާއި އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ކުރާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށް ޤަބޫލުކުރާ ދެ ޤައުމު ކަމަށް ވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ. އަދި މި ޙާލަތުގައި ދެ ސަރުކާރުން އެ ފިކުރާ އެއްގޮތަށް ޢަމަލު ނުކުރާނަމަ، ދެ ޤައުމަކީ ވެސް ދެ ފުށް ދެ ގޮތް ޤައުމުތަކެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ސިޓީގައި ޔަހޫދީންނާ ދެކޮޅަށް އެޅުމަށް އެދޭ ފިޔަވަޅުތައް ވެސް ބަޔާންކޮށްފައިވެއެެވެ. އެ ގޮތުން ވިލާތުގެ އިއްތިޙާދާއި ޔަހޫދީން، އަދި އިނގިރޭސިވިލާތާއި ޔަހޫދީންނާ ދެމެދު ޤާއިމްކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުންތަކަށް ޢަމަލުކުރުން މެދުކަނޑައިލުމާއި، ދެ ޤައުމު މެދުވެރިވެ ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓައިލުމާއި، ޔަހޫދީންނަށް އަސްކަރީ އެއްބާރުލުން ދިނުން ހުއްޓައިލުން ހިމެނެއެވެ. އަދި ޔަހޫދީން ޤާއިމްކޮށްފައިވާ އަވަށްތަކާއެކު ވިޔަފާރިކުރުން މަނާ ކުރުމާއި، އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުން ދެ ޤައުމުގެ ރައްޔިތުންނަށް ބިން ގަތުން މަނާ ކުރުމާއި، އުންރުވާ މެދުވެރިކޮށް ޣައްޒާއަށް އިންސާނީ އެހީ އެތެރެ ކުރެވޭނެ ކަން ކަށަވަރުކުރުުން ހިމެނެއެވެ. އަދި ޣައްޒާއަށް ނޫސްވެރިންނާއި ޑިޕްލޮމަޓުންނާއި ޤަނޫނުހަދާ މަޖިލީހުގެ މެންބަރުންނަށް ރައްކާތެރިކަމާއެކު ހިމާަޔަތް ލިބިގެން ޣައްޒާއަށް ވަދެވޭނެ މަގު ތަނަވަސްކޮށްދިނުން ހިމެނެއެވެ.

ސިޓީގައި ސޮއިކުރައްވާަފައިވާ ބޭފުޅުންގެ ތެރޭގައި އިނގިރޭސިވިލާތުން އދއަށް ކަނޑައަޅާފައި ހުުންނަވާ ސަފީރުގެ މަޤާމު މީގެ ކުރިން ޢަދާ ކުރައްވާފައިވާ ޖެރަމީ ގްރީންސްޓޮކްއާއި އެމްއަރ ޖޯންސް ޕެރީ ހިމެނެއެވެ. ފަރަންސޭސިވިލާތުގެ ކުރީގެ މެދުއިރުމަތީގެ ޑިރެކްޓަރުން ކަމަށްވާ އީވް އޯބަން ޑަ ލަ މެޒޫޒްޔަރއާއި ޑަނީ ބޮޝާ ވެސް ސިޓީގައި ސޮއިކުރައްވާފައިވެއެވެ. އެ ބޭފުޅުންނަކީ ގިނަ އަހަރުތަކެއް ވަންދެން ޚާރިޖީ މަސައްކަތުގައި އުޅުއްވާފައިވާ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ހަނގުރާމަ ފެށި ފަހުން، ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގައި ނަމެއްގައި ސޮއިކުރުމާ ހަމައަށް ޔަހޫދީން ވަނީ މައުސޫމް ކުޑަކުދިންނާއި ކުށެއް ނެތް އަންހެނުން ހިމެނޭ ގޮތަށް ޣައްޒާގެ 73،400 މީހުން ޝަހީދުކޮށްލައިފައެވެ. ޔަހޫދީންގެ ހަމަލާތަކުގައި 174،300 މީހުންނަށް ޒަޚަމްވެފައިވެއެވެ. އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް ޔަހޫދީން ވަނީ ޣައްޒާގެ 1،266 ރައްޔިތުން ޝަހީދުކޮށްލައި، 4،200އަށް ވުރެ ގިނަ މީހުންނަށް ޒަޚަމްކޮށްލައިފައެވެ. ޣައްޒާގެ ބިނާރުތަކުގެ 90 އިންސައްތައަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައި، ނުވަތަ އެއްކޮށް ސުންނާފަތިވެފައެވެ.