ޚަބަރު

ކަޅުބާޒާރުގައި ޑޮލަރު ވިއްކުމުގެ ވިޔަފާރީގައި ރިސޯޓް ޗެއިން އަދި ސިޔާސީ ބައެއް މީހުން!


  • 9 މަސްތެރޭ 7 ތަނަކުން 76 މިލިޔަން ޑޮލަރު ކަޅުބާޒާރުގައި މާރުކުރި

  • ހުއްދަ ނަގައިގެން ހިންގާ 63 ތަން ހިމެނޭ

  • ހުއްދަނުނަގާ އެތައް ތަނެއް އަންނަނީ ހިންގަމުން

ޑޮލަރު ކަޅު ބާޒާރު ހިންގުމުގެ ފަހަތުގައި ރިސޯޓް ޗެއިންތަކާއި ކޮންސްޓްރަކްޝަން ކުންފުނިތަކާއި ސިޔާސީ މީހުން އެބަތިބިކަމަށާއި، މި މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި، ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ކަޅުބާޒާރުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ސަރުކާރުން މިވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ.

މިކަމާ ގުޅިގެން ކަމާއި ގުޅޭ ވުޒާރާތަކާއި އެމްއެމްއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އަލީ އިޙްސާން ވިދާޅުވީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ބޭރު ފައިސާ މާރުކުރާ 63 ތަން ހިންގަމުންދާކަމަށެވެ.

މިހާތަނަށް ބެލި ބެލިމުން، ހުއްދަ ނުނަގައި އެއްވެސް ލައިސަންސެއް ނެތި ވަރަށް ގިނަ ފަރާތްތަކުން މަނީ އެކްސްޗޭންޖް ކުރަމުންދާކަން ފާހަގަވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް 7 ތަނަކާ ގުޅޭ މަޢުލޫމާތު އެއްކޮށްފަވާއިރު، އެ 7 ތަނުން ފާއިތުވި 9 މަސްތެރޭގައި 76 މިލިޔަން ޑޮލަރު ކަޅު ބާޒާރުގައި ވިއްކާފައިވާކަމަށް ވަޒީރު އިޙުސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ ޤާނޫނު ބުނާ ގޮތުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަނުނަގައި ކުރުމަކީ ޖިނާޢީ ކުށެއްކަމަށެވެ.

"ޖިނާޢީ ކުށެއް ކޮށްގެން އަމިއްލަ ގޮތުންނާއި ވިޔަފާރިތަކުން ފައިދާ ހޯދުމަކީ މަނީ ލޯންޑަރކުރުން. އެންގިގެންވެސް ނޭންގިވެސް މަނީ ލޯންޑްރިންގައި މި ބައިވެރިވެވެނީ. މި ތަންތަނުން ރާއްޖެއަށް ބޭރު ފައިސާ ވަންނަ މަސައްކަތެއް ނުކޮށް، މަނީ އެކްސްޗޭންޖް މަސައްކަތް މިކުރަނީ. އެކްސްޗޭންޖް ކުރާ ބައެއް މިއީ." ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިކަމުގައި ރިސޯޓް ވިޔަފާރީގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކޮންސްޓަރކްޝަން މަސައްކަތްކުރާ މީހުންނާއި ސިޔާސީ ދާއިރާގައި އުޅޭ ބައެއް މީހުންވެސް ޝާމިލުވާކަމަށެވެ.

"ރިސޯޓް ޗެއިނަކުން އެބަވޭ 9 މަސްތެރޭގައި 4 މިލިޔަން ޑޮލަރު ކަޅު ބާޒާރުގައި ވިއްކާފައި. ކޮންސްޓަރްކަޝަން ރިސޯޓު ހަދަން ޑޮލަރުން އާމްދަނީ ހޯދާފައިވެސް ކަޅު ބާޒާރުގައި އެބަ ވިއްކާ. އަދި ކަޅުބާޒާރުގެ އަގު ކަނޑައަޅަން ސިޔާސީ ބައެއް މީހުންވެސް އެބަ ޝާމިލުވޭ. ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޤާނޫނާއި ޚިލާފަށް ބޮޑެތި ކުށްތަކެއް މީގެތެރޭގައި ހިމެނޭކަމަށެވެ. މި މައްސަލަތައް ބަލައި ޤާނޫނުގެ ދަށުން ބޮޑެތި ފިޔަވަޅުތައް އަޅާނެކަމަށެވެ. ކަޅުބާޒާރުގައި ހުއްދަ ނުނަގާ ޑޮލަރު ވިއްކާ ކޮންމެ ޓްރާންސެކްޝަނަކީ އެއަށް ޤާނޫނުގެ ދަށުން އެމްއެމްއޭއިން ފިޔަވަޅު އަޅާނެކަމަށް ކަމެއްކަމަށް ވިދާޅުވިއެވެ. އެގޮތުން 5 ހާހާއި 1 މިލިޔަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.