ބޭރު ފައިސާއިން އާމްދަނީ ލިބޭ ގިނަ ފަރާތްތަކުން ކަޅުބާޒާރު މެދުވެރިކޮށް ފައިސާ ދައުރު ކުރަމުންދާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ގަވަރުނަރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މުނައްވަރު ވިދާޅުވީ، އިޤްތިޞާދީ ތަފާސްހިސާބުތަކަށް ބަލާއިރު މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މި އަހަރުގެ މާރިޗު އަދި އޭޕްރީލް މަހުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދީ ދުވެލި މަޑުޖެހުނު ކަމަށެވެ. އެހެން ކާރިސާތަކާ އަޅާބަލާއިރު މި ހަނގުރާމައިގެ އަސަރު ދެކޮޅުންވެސް ރާއްޖޭގެ އިޤްތިޞާދަށް ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު މަދުވުމުގެ އިތުރުން ރާއްޖެއަކީ މުދަލާއި ތެލަށް ބޭރު ދުނިޔެއަށް ބަރޯސާވެފައިވާ ޤައުމަކަށްވުމުން އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރި ކަމަށް ވިދާޅުވިއެވެ. ހަނގުރާމަ އަދިވެސް އެއްކޮށް ނިމުމަކަށްނައި ނަމަވެސް ފަހުގެ ހިސާބުތަކުން ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް އަންނަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޖުމްލަ ފަތުރުވެރިން އައި މިންވަރު ދަށްވި ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީ ވަނީ 1 އިންސައްތަ އިތުރުވެފައެވެ. އަދި ބޭންކިންގ ދާއިރާގެ ހިސާބުތަކުން ދައްކާ ގޮތުގައި ބޭރު ފައިސާއިން ލިބޭ އާމްދަނީއާއި ބޭންކް ޑިޕޮސިޓްތަކުގެ އިތުރުން ކްރެޑިޓް ގްރޯތަށްވެސް ވަނީ 18 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ.
ރަސްމީ ރިޒާވްއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ގަވަރުނަރު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާއި ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ކުރިއާ އަޅާބަލާއިރު ދެގުނަ މައްޗަށް އަރާފައިވާތީ ތެލަށް ކުރަންޖެހޭ ހޭދަ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި ރަސްމީ ރިޒާވްގެ މިންވަރު މަތިކުރުމަށް އެމްއެމްއޭއިން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ، ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ކަޅުބާޒާރުގެ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ޑޮލަރު މާކެޓަށް ވަގުތީ ހީނަރުކަމެއްއައި ނަމަވެސް މި މިންވަރަށް ބްލެކް މާކެޓު ފުޅާވާންޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވިއެވެ.
ގަވަރުނަރު ވިދާޅުވީ، މަނީ ޗޭންޖަރުންނަށް ޚާއްޞަކޮށްގެން މޮނިޓަރިންގ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާ ކަމަށެވެ. ތަންފީޒީ އިދާރާތަކާ ގުޅިގެން ހެދި ދިރާސާތަކުން ދައްކާ ގޮތުގައި ބޭރު ފައިސާއިން ބޮޑު އާމްދަނީއެއް ލިބޭ ގިނަ ފަރާތްތަކުން މަނީ ޗޭންޖަރުން މެދުވެރިކޮށް ކަޅުބާޒާރުގައި ބޮޑެތި ޢަދަދުތަކުން ފައިސާ ދައުރުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން މި ޢަމަލުތައް ހުއްޓުވައި، ޤާނޫނު ތަންފީޒުކުރުމަށް ހަދަންޖެހޭ ތަޙުޤީޤުތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި ޤަވާޢިދާ ޚިލާފަށް ޢަމަލުކުރިކަން ފާހަގަކުރެވުނު އެއް މަނީ ޗޭންޖަރެއްގެ ޚިދުމަތް މިހާރު ބަންދުކޮށްފައިވާ ކަމަށްވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވިއެވެ.