ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާއި އިގުތިޞާދާ ބެހޭ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ބާސެލޯ ނަސަންދުރާގައި ކުރިއަށްދިޔަ މި ފޯރަމްގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގެ މަސައްކަތްތަކުގައި ތަފާތު ދާއިރާތަކުން ފާހަގަކޮށްލެވޭ ކަންކަމަށް އަލިއަޅުވާލާފައިވެއެވެ. އޭގެތެރޭގައި އެޤައުމުތަކުގެ ވިޔަފާރިތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، އެހީ ދޭ ޤައުމުތަކާއި، ޖަމްޢިއްޔާތަކާއި، ދިރާސާވެރިންގެ މެދުގައި ޚިޔާލުބަދަލުކުރުމާއި، ފާހަގަކޮށްލެވޭ ކަންކަމަށް މަޝްވަރާކުރުން ހިމެނެއެވެ.
މި ފޯރަމް މެދުވެރިކޮށް ސިޑްސްގެ ޤައުމުތަކަށް ވިޔަފާރިއާއި އިޤްތިޞާދީގޮތުން ކުރިއެރުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލާފައިވެއެވެ. ހަމައެހެންމެ އެޤައުމުތަކުގައި އިންވެސްޓްމަންޓްތައް ދެމެހެއްޓުމަށް މިހާރު ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ޚިޔާލުބަދަލުކޮށް، ޤައުމުތަކުގެ ތަޖުރިބާގެ އަލީގައި ހައްލު ހޯދުމަށް މަސައްކަތްކޮށްފައިވެއެވެ.
30 އަށްވުރެ ގިނަ ޤައުމުން ބައިވެރިވި މި ފޯރަމަކީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ވިޔަފާރިވެރިންގެ ޖަމިއްޔާތަކާއި، އިންވެސްޓަރުންނާއި، މަދަނީ ޖަމިއްޔާތަކާއި، ޢިލްމީ އަދި ދިރާސާކުރާ ފަރާތްކުގެ ޙިއްސާއާއެކު ބޭއްވި ފޯރަމެކެވެ. ޖުމްލަ 200 އަށްވުރެ ގިނަ ބައިވެރިން ހިމެނޭ މި ފޯރަމްގައި 5 ޕެނަލްއަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މާކެޓްޕްލޭސްއަކާއި، އިންވެސްޓްމަންޓު ޝޯކޭސްތަކެއްގެ އިތުރުން ނެޓްވޯކިން ފުރުޞަތުތައް ކުރިއަށްގެންގޮސްފައިވެއެވެ.
މި ފޯރަމްގެ މަޤްސަދަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، ދުނިޔޭގެ ސަމާލުކަމަށް އެކަންކަން ގެނައުމާއި، ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރުމެވެ. ވަކިން ޚާއްސަކޮށް ތަރައްޤީއަށް ބޭނުންވާ މާލީ ވަޞީލަތްތައް ހޯދުމަށް އިތުރު މަގުތައް ހޯދުމަކީ މިފަދަ ފޯރަމެއްގެ ބޭނުމެވެ.
މިއީ، ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމްގެ ގޮތުގައި މިފޯރަމް ބާއްވާތާ 10 އަހަރު ފުރޭ އަހަރެވެ. މި ފޯރަމް ބާއްވަން ފަށާފައިވަނީ 2024ވަނަ އަހަރު އެންޓީގާ އެންޑް ބާބިއުޑާގައި ބޭއްވި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤުވާމީ ބައްދަލުވުމުގައި ފާސްކުރި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ 10 އަހަރުގެ ތަރައްޤީގެ ތަޞައްވުރު "އެންޓީގާ އެންޑް ބާބިއުޑާ އެޖެންޑާ ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އަބާސް)" ފާސްކުރުމަށްފަހު ބާއްވާ މިފޯރަމާއި އެކުގައެވެ.
ރާއްޖޭގައި މި ފޯރަމް ބޭއްވުމަކީ، ހައްސާސް މައްސަލަތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގައި ރާއްޖެއިން އަދާކުރާ ދައުރު އިއާދަކުރުމަށް މުހިންމުކަމެކެވެ. އަދި އެކި ދާއިރާތަކުން ބައިނަލްއަޤުވާމީ މައިދާނުގައި ބަސްވިކޭ ޤައުމަކަށް ރާއްޖެވުމަށް ކުރަމުންދާ މަސައްކަތަށް މިކަމުގެ ސަބަބުން ބާރުލިބެއެވެ. މިއަހަރުގެ މި ފޯރަމް ރާއްޖޭގައި މިބާއްވަނީ، 2024 ވަނަ އަހަރު ބޭއްވި ސިޑްސްގެ ހަތަރުވަނަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައި، ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި ގުޅުންތައް ބަދަހިކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް އަދި ކުރެއްވުމަށް ބާރުއެޅުއްވި އެޅުއްވުމުގެ ސަބަބުން ކަމަށް ސަރުކާރުން ވިދާޅުވެއެވެ.