ޚަބަރު

މިދިޔަ އަހަރު އެމްޓީސީސީއަށް 85 މިލިޔަން ރުފިޔާގެ ސާފު ފައިދާއެއް


  • ޖުމްލަ އާމްދަނީ 2.1 ބިލިޔަން ރުފިޔާ

  • އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިމާރާތްކުރުމާއި ފަޅު ފުންކުރުމުން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 85 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

އެމްޓީސީސީން އާންމުކޮށްފައިވާ މާލީ ހިސާބުތައް ދައްކާގޮތުގައި، ނިމިދިޔަ އަހަރާ އަޅާބަލާއިރު، ޓެކްސް އުނިކުރުމަށްފަހު އެ ކުންފުންޏަށް ލިބުނު ސާފު ފައިދާ 88 އިންސައްތަ ވަނީ އިތުރުވެފައިވެއެވެ. މިއީ އެމްޓީސީސީގެ މާލީ ހާލަތު ކުރިއަށް ރަނގަޅުވެފައިވާކަން ހާމަކޮށްދޭކަމެއްކަމަށް އެ ކުންފުނީގެ އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެމްޓީސީސީން ފާހަގަކުރައްވާ ގޮތުގައި، މާލީ ނަތީޖާއަށް އައި މި ކުރިއެރުމުގެ މައިގަނޑު ސަބަބުތަކަކީ، ކުންފުނި ހިންގުމުގެ ޚަރަދުތައް ކުޑަވުމާއި، ކުރީ އަހަރުގެ މަޝްރޫއުތަކާ ގުޅިގެން ހިނގި ބޮޑެތި ޚަރަދުތައް މިދިޔަ އަހަރު ހިނގާފައި ނުވުމެވެ. މީގެއިތުރުން، އެމްޓީސީސީން ކުރިއަށްގެންދާ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ މަސައްކަތްތަކަށާއި އާންމު ދަތުރުފަތުރުގެ ޚިދުމަތްތަކަށް އެހީތެރިވުމުގެ ގޮތުން ލިބުނު ބަދަލާއި ސަބްސިޑީތަކަކީވެސް މި ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ.

އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގައި، އެމްޓީސީސީއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2,134 މިލިޔަން ދިވެހި ރުފިޔާ ލިބިފައިވެއެވެ. މިއީ ކުންފުނީގެ އެކި ދާއިރާތަކުގެ ހިންގުން އެއް މިންވަރެއްގައި ހިފެހެއްޓިފައިވާކަން ހާމަކޮށްދޭ ނަތީޖާއެއްކަމަށް އެމްޓީސީސީން ޤަބޫލުކުރެއެވެ.

ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިމާރާތްކުރުމާއި ފަޅު ފުންކުރުމުގެ ދާއިރާއިންނެވެ. އެގޮތުން 2024 ވަނަ އަހަރު އެ ދާއިރާއިން 1,721 މިލިޔަން ރުފިޔާ ލިބިފައިވާއިރު، 2025 ވަނަ އަހަރު ވަނީ 1,722 މިލިޔަން ރުފިޔާގެ އާމްދަނީއެއް ހޯދާފައެވެ. ވިޔަފާރި ނުވަތަ ޓްރޭޑިންގ ދާއިރާއިން 244 މިލިޔަން ރުފިޔާ މިއަހަރު ލިބިފައިވާއިރު، 2024 ވަނަ އަހަރު 267 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ދަތުރުފަތުރުގެ ދާއިރާއިން ލިބުނު އާމްދަނީއަށް ބަލާއިރު 2024ވަނަ އަހަރު 149 މިލިޔަން ރުފިޔާ ލިބިފައިވާއިރު އެ ދާއިރާއިން މިދިޔަ އަހަރު ލިބުނީ 150 މިލިޔަން ރުފިޔާއެވެ.

ރިއަލް އެސްޓޭޓް ދާއިރާ އަދިވެސް އޮތީ މަޝްރޫޢުތައް ތަރައްޤީކުރުމާއި މާކެޓުގައި މަގާމު ކަށަވަރުކުރުމުގެ މަރުހަލާގައި ކަމުން، 2024 ވަނަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް އެ ދާއިރާއިން އާމްދަނީއެއް ލިބިފައެއް ނުވެއެވެ. ކުންފުނީގެ އެހެނިހެން މަސައްކަތްތަކުން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 19 މިލިޔަން ރުފިޔާއެވެ. މިއީ ކުރީ އަހަރު ލިބުނު 20 މިލިޔަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.

2025 ވަނަ އަހަރުގެ އާމްދަނީއަށް ކުޑަ ބަދަލެއް އައި ނަމަވެސް، އެމްޓީސީސީގެ ހިންގުމުގެ ފައިދާ ވަނީ 179 މިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ ކުރީ އަހަރުގެ 166 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 8 އިންސައްތައިގެ ކުރިއެރުމެކެވެ.

މި ކުރިއެރުން ލިބިފައިވަނީ، ދައުލަތުގެ މުހިންމު އުމްރާނީ މަޝްރޫޢުތަކާއި އާންމު ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުންފުނިން އަދާކުރާ ދައުރުގެ އަގުވަޒަންކޮށް، ސަރުކާރުން ދެއްވި ބަދަލާއި ސަބްސިޑީގެ އެހީގައެވެ. މި އެހީގެ ސަބަބުން، މަޝްރޫޢުތަކުގެ ފައިސާ ލިބުން ލަސްވުމާއި ކަނޑައެޅިފައިވާ އަގުތަކެއްގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ ސަބަބުން ކުރިމަތިވި މާލީ ދަތިތައް ކުޑަކުރެވި، ކުންފުނީގެ މައިގަނޑު ދާއިރާތަކުގެ ހިންގުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވިއެވެ. މީގެ އިތުރުން، ޚަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމާއި ހިންގުމުގެ ދާއިރާގައި ގެންގުޅުނު ސިޔާސަތުތަކަކީވެސް ފައިދާ އިތުރުވުމަށް މެދުވެރިވި ސަބަބުތަކެކެވެ.