ޚަބަރު

ބަނގްލަދޭޝްއަށް ބްރެޒިލް ޤައުމީ ޓީމު ގެންދަނީ


ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމު ބަނގްލަދޭޝް އަށް ގެންދިއުމަށް ދެ ގައުމުން މަޝްވަރާ ކޮށްފި އެވެ.

މި ގޮތުން މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ އިއްޔެ ބަނގްލަދޭޝްގަ އެވެ. އެއީ އަންނަ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު އިންޑިޔާގައި ބްރެޒިލް ކުޅޭ މެޗުގެ އިންތިޒާމްތައް އިންސްޕެކްޓް ކުރަން ދިޔަ ޓީމާއެކުގަ އެވެ. މި ގޮތުން މި ޓީމުން ވަނީ ބަނގްލަދޭޝްގެ ހޮޓާތަކާއި ދަނޑުތަކާއި ޗޭންޖިން ރޫމުތަކާއި އަދި ބަޝުންދުރަ ކިންގްސްގެ ވަސީލަތްތައް ބަލައިފަ އެވެ.

ބަނގްލަދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ ވާހަކަ ދެކެވުނީ ބްރެޒިލްގެ ގައުމީ ޓީމު އިންޑިޔާގައި ކުޅޭ މެޗުގެ ކުރިން ނުވަތަ ފަހުން ބަނގްލަދޭޝްގައި މެޗެއް ނުވަތަ ޕްރެކްޓިސް ސެޝަނެއް ކުރިއަށް ގެންދިއުމަށެވެ. އަދި މިއީ ވުން ގާތްކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ބްރެޒިލްގެ ވެފުދުން ބަނގްލަދޭޝްގެ ފުޓްބޯޅައިގެ ވަސީލަތްތައް އިތުރަށް ފުރިހަމަ ކުރަން ބޭނުންވާ ކަމަށެވެ. މި ގޮތުން ސްޓޭޑިއަމުގެ ގޭޓާއި ކުޅިބަލާ ތަންތަނާއި ހާއްސަކޮށް ޗޭންޖިން ރޫމްތައް އިތުރަސް ތަރައްގީ ކުރަން ބޭނުންވާ ކަމަށެވެ. އަދި މިކަމަށް ވަގުތު އެބައޮތް ކަމަށް ވެސް އޭނާ ބުންޏެވެ.

އިންޑިޔާއާއެކު ބްރެޒިލްގެ ގައުމީ ޓީމު މެޗު ކުޅޭ ދުވަސްވަރު ބަނގްލަދޭޝް ތިބޭނީ ފީފާ އާސިއާން ކަޕް ކުޅުމަށް އިންޑޮނީޝިޔާގަ އެވެ. މި ފުރުސަތު ބަނގްލަދޭޝް އަށް ލިބުނީ ބްރެޒިލް މެޗު ކުޅެންވެގެން އިންޑިޔާއިން ފުރުސަތު ދޫކޮށްލުމުންނެވެ.

ނަމަވެސް ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ ބަނގްލަދޭޝްގައި ތިބި ފަސް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ދުނިޔޭގެ އެންމެ ކާމިޔާބު ބްރެޒިލަށް ސަޕޯޓް ކުރާ ބަނގްލަދޭޝްގެ އެތައް ހާސް ސަޕޯޓަރުންނާ ބައްދަލު ކުރުމަކީ ބޭނުންތެރި ކަމެއްކަން ބްރެޒިލްގެ ވަފުދުން ގަބޫލު ކުރި ކަމަށެވެ.