ޚަބަރު

އައި.އެސް.ސީގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް ކެމްބޯޑިއާއަށް


  • ޤާނޫނު ހަދާ މަޖިލިސްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ކޮންފަރެންސްއެއް

  • ކޮންފަރެންސް އޮންނާނީ މިމަހުގެ 26އިން 28އަށް ކެމްބޯޑިއާގެ ފްނޮމް ޕެންގައި

2 ވަނަ އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله ކެމްބޯޑިއާއަށް ފުރާވަޑައިގަންނަވައިފިއެވެ.

ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސް (އައި.އެސް.ސީ) އޮންނާނީ މިމަހުގެ 26 އިން 28 އަށް ކެމްބޯޑިއާގެ ފްނޮމް ޕެންގައެވެ.

މި ކޮންފަރެންސްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުالله، "ޞުލްޙައާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަޤުވާމީ ޤާނޫނުތައް ހަރުދަނާކުރުމާއި ޞުލްޙަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން" މި މައުޟޫއަށް، ވާހަކަފުޅުދައްކަވާނެއެވެ.

މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މައްޗަންގޮޅި ދެކުނު ދާއިރާގެ، މެންބަރު މުޞްޠަފާ ޙުސައިން، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ، އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގަންނަވައެވެ.

އައި.އެސް.ސީއަކީ، ޞުލްޙައާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ހަމަނުޖެހުންތައް ޙައްލުކުރުމުގެ އިތުރުން، ގުޅިފައިވާ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ކޮންފަރެންސްއެކެވެ.