ޚަބަރު

ނެއްލައިދޫގެ އައު ޖެންސެޓް ބޭނުންކުރަން ފަށައިފި


  • އަލަށް އިންސްޓޯލްކުރީ 600 ކިލޯވޮޓުގެ އައު ޖެންސެޓެއް

ހދ. ނެއްލައިދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެރަށަށް ގެންދިޔަ 600 ކިލޯވޮޓުގެ އައު ޖެންސެޓް އިންސްޓޯލްކުރުމަށްފަހު، ބޭނުންކުރަން ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

އަތޮޅުތެރޭގެ ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ އެކި މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން އަންނަނީ، ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އާބާދީ ކުދި ރަށްރަށާއި، އާބާދީ ބޮޑު ސިޓީތަކުގައި ވެސް ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމަށް ސަރުކާރުން އަންނަނީ، އައު އިންޖީނު އިންސްޓޯލް ކުރުމުގެ މަސައްކަތްތައް ކުރައްވަމުންނެވެ.

މި މަސައްކަތްތަކުގެ ތެރެއިން ހދ. ނެއްލައިދޫއަށް މިހާރުވަނީ، 600 ކިލޯވޮޓުގެ އައު ޖެންސެޓެއް ގެންގޮސް އިންސްޓޯލްކުރުމަށްފަހު ބޭނުންކުރަން ފަށާފައެވެ. މިއާއެކު އެރަށުގެ ކަރަންޓު މައްސަލަތަކަށް ޙައްލެއް ލިބޭނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

އަލަށް އިންސްޓޯލް ކުރި 600 ކިލޯވޮޓުގެ ޖެންސެޓާއެކު އެ ރަށުގައި ކަރަންޓު އުފެއްދުމުގެ ޤާބިލުކަން 1,200 ކިލޯވޮޓަށް އިތުރުވާނެކަމަށް ފެނަކައިން ވިދާޅުވެއެވެ.

މި ބަދަލާއެކު ނެއްލައިދޫގެ އިންޖީނުގެއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، ޕީކު ގަޑިތަކުގައި ކަރަންޓަށް އޮންނަ ޑިމާންޑަށް އެކަށީގެންވާ ހައްލެއް ލިބި، ރަށުގެ ކަރަންޓު ވިއުގަ އިތުރަށް ހަރުދަނާވާނެ ކަމަށް ބެލެވެއެވެ.