ޚަބަރު

މިޔަންމާގައި އިންސާނީ ހައްޤުތަކުގެ ހާލަތު ގޯހުން ގޯހަށް!


މިޔަންމާގައި އިންސާނީ ޙައްޤުތަކުގެ ޙާލަތު ކުރިން ނުވެއްޓޭހާ ދަށު ދަރަޖައަކަށް ވެއްޓިފައިވާ ކަމުގައި އެކުވެރި ދައުލަތްތަކުން (އދ) އިންޒާރު ކޮށްފިއެވެ. ދެހާސް ފަންސަވީސް ވަނަ އަހަރުގެ ޖޫން މަހާއި 2026 މޭ މަހާ ދެމެދުގެ ޙާލަތައް ރިޢާޔަތްކޮށް އދއިން އެކުލަވައިލި ރިޕޯޓެއްގައި ބުނެފައި ވަނީ، މިޔަންމާގެ އަސްކަރީ ސަރުކާރާއި، ސިފައިންގެ އިތުރުން އަނިޔާވެރި އަރަކާން އާމީ ލަޝްކަރުން އެ ޤައުމުގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން މެރުމާއި، އަނިޔާކުރުމާއި، އަޅުވެތިކޮށް މަސައްކަތް ކުރުވުން ފަދަ ނިޒާމީ ޖަރީމާތައް ހިންގަމުންދާ ކަމުގައެވެ. އަދި ހުއްޓުމެއްނެތް އަނިޔާވެރިކަމާއި، ފުޅާވަމުން އަންނަ ޣައިރުޤާނޫނީ ޞިނާޢީ މަސައްކަތްތަކުގެ ސަބަބުން ޢާންމުންގެ ދިރިއުޅުން ވަރަށް ބޮޑު ތަކުލީފަކަށް ވެފައިވާ ކަމުގައެވެ.

މިޔަންމާގެ ސަރުކާރާއި އަސްކަރިއްޔާގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް 2017 ވަނަ އަހަރު އެތައް ސަތޭކަ ހާސް ރޮހިންޔާއިން އެ ޤައުމު ދޫކޮށް ހިޖަކުރަން ފެށި ހާދިސާއަށް ނުވަ އަހަރު ފާއިތުވެފައިވާއިރު، އަދި 2021 ވަނަ އަހަރު އަސްކަރީ ބަޣާވާތަކުން ކުރީގެ ވެރިޔާ އަންގ ސަން ސޫ ޗީގެ ވެރިކަން ވައްޓައިލިފަހުން ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން ލާއިންސާނީ ޖަރީމާތަކަށް ހުށަހެޅިފައިވާ ކަމުގައި އދގެ ރިޕޯޓުގައި ބުނެފައިވެއެވެ. މިޔަންމާގެ ރައީސްކަމުގެ މަޤާމު މިހާރު ފުރަމުންދާ އަސްކަރިއްޔާގެ ވެރިޔާ މިން އަންގ ލައިންގގެ ސަރުކާރު، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ބޮޑު ބަޔަކުން ބަލައިގަނެފައެއް ނުވެއެވެ. ވެރިކަން ދެމެހެއްޓުމަށް އޭނާގެ ސަރުކާރާއި އަސްކަރިއްޔާއިން ދެމުންދާ ވައިގެ ހަމަލާތަކުގައި މިހާތަނަށް މަރައިލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 8،075 އަށް އުފުލިފައެވެ. އޭގެ ތެރޭގައި 1،774 އަންހެނުންނާއި 1،074 ކުޑަކުދިން ހިމެނޭއިރު، ޙަޤީޤީ ޢަދަދުތައް މިއަށްވުރެ އިތުރުވާނެ ކަމުގައި އދ އިން އަންދާޒާ ކުރެއެވެ.

މިޔަންމާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން 3.6 މިލިޔަނަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާއިރު، 12.4 މިލިޔަން މީހުން ހައިހޫނުގައި ޖެހިފައިވާ ކަމަށާއި، 400,000 އަށްވުރެ ގިނަ މައިންނާއި ކުޑަކުދިންނަށް ކާޑުބަލި ޖެހިފައިވާ ކަމުގައި އދ އިން ބުނެއެވެ. މީގެ އިތުރުން، އުތުރު ރާކައިން ސްޓޭޓްގައި އަނިޔާވެރި އަރަކާން އާމީން ވަނީ 2،000 އެއްހާ އޭކަރުގެ ބިން ފޭރިގަނެ، ހަ އަހަރުގެ ކުޑަކުދިން ލައްވައި މަޖުބޫރުން މަސައްކަތް ކުރުވައި، އެނބުރި ވަޒަނަށް ދިޔުމަށް ރޮހިންޔާ މުސްލިމުންނަށް ހުރަސްއަޅާފައެވެ. އެ ލަޝްކަރުގެ ހައްޔަރުގައި ތިބި ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައިވާ ކަމުގައި ވެސް އދ ގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ކަޗީން އަދި ޝާން ސްޓޭޓުގައި ޤާނޫނީ ވެރިކަން ވެއްޓި، ރެއަރ-އާތު ނުވަތަ ތަދު މަޢުދަނުތައް ކޮނެގެން ނެގުން ނުވަތަ މައިން ކުރުމުގެ ޞިނާޢަތް ފުޅާވެ، 2023 ވަނަ އަހަރު މި ވިޔަފާރީގެ އަގު 1.4 ބިލިޔަން އެމެރިކާ ޑޮލަރަށް އުފުލިފައިވާ ކަމުގައި އދ ގެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. މިޔަންމާއިން މި މަޢުދަނުތައް ޢާންމު ގޮތެއްގައި ބޭރުކުރަނީ ޗައިނާގެ ބާޒާރަށް ކަމުގައި އދ ގެ ރިޕޯޓުގައި ތުހުމަތު ކޮށްފައިވެއެވެ. މި ފަދަ މައިންތައް ނުވަތަ ވަޅުތަކުގެ ސަބަބުން ބޭރުވާ ވިހަ މާއްދާތަކުން ފެން ތަޣައްޔަރުވެ، ބައިގެންދިއުމާއި ނުރައްކާތެރި ބަލިތައް އިތުރުވަމުންދާ ކަން ފާހަގަކޮށް، ތައިލެންޑާ ގުޅޭ ކޯރުތަކުން އާސެނިކް، ލެޑް، އަތާރިދު އަދި މެންގަނީޒް ފަދަ ނުރައްކާތެރި ކެމިކަލްތައް ފެނިފައިވާ ކަމުގައި ވެސް އދ ގެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.