ޚަބަރު

ޖޭ 30 ވީކް 2: ކަރިން ކުއާޓަރ ފައިނަލަށް


  • ކަރިން ކުއާޓަރގެ ޖާގަ ހޯދީ ގުރޫޕުގެ އެއްވަނައިގައި އޮވެގެން

  • ވީކް 2 ގެ ކުއާޓާރ ފައިނަލުގައި ކަރިން ނިކުންނާނީ ޗައިނީޒް ތައިޕޭގެ ޔުއާން ލޫ އާއި ދެކޮޅަށް

އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް)ގެ ޖޭ 30 ޓެނިސް މުބާރާތުގެ 'ވީކް 2' ފެށިގެން ކުރިޔަށްދާއިރު ރާއްޖޭގެ އައިޝަތު ކަރިން ސައިޒާން ގުރޫޕުގެ އެއްވަނައިގައި އޮވެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.

ގުރޫޕުން އެންމެ މަތިން ސްކޯ ހޯދައިގެން ކަރިން ކުއާޓަރގެ ޖާގަ ކަށަވަރުކުރީ ބުދަ ދުވަހުގެ ރޭ ކޮރެއާގެ ޖޭން ހެމް އާއި ދެކޮޅަށް ކުޅުނު މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ. އެ މެޗުގެ ސެޓުތައް ކަރިން ގެންދިޔައީ 7-6 އަދި 6-1 ންނެވެ. އެ މެޗަކީ ގުރޫޕުގެ ޑިސައިޑިން މެޗެވެ.

ޖޭން ވަނީ ދެ މެޗު ކާމިޔާބުކޮށްފައެވެ. ކުއާޓާ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނެވެ. އެ މެޗުގައި ކަރިން ނިކުންނާނީ ޓޯނަމަންޓުގައި ދެވަނައަށް ރޭންކުކޮށްފައިވާ ޗައިނީޒް ތައިޕޭގެ ޔުއާން ލޫ އާއި ދެކޮށެވެ.

8 ގުރޫފުގެ ތެރެއިން ކުއާޓާ ފައިނަލަށް ކޮންމެ ގުރޫޕުން އެންމެ މަތިން ސްކޯ ހޯދި ކުޅުންތެރިޔާ ދަތުރުކުރި އިރު ކުއާޓަރގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދެވެ.

އައިޓީއެފް "ޖޭ 30" މުބާރާތުގައި ޔޫއެސްއޭ، ކެނެޑާ، ޗައިނާ، ރަޝިއާ، އިންޑިއާ، ތައިލޭންޑް އަދި ސްރީލަންކާފަދަ ވަރުގަދަ ޤައުމުތަކުން ކުޅުންތެރިން އަންނަނީ ވާދަކުރަމުންނެވެ.

14 އަހަރާ 18 އަހަރާ ދެމެދުގެ ކުޅުންތެރިން ވާދަކުރާ އައިޓީއެފް "ޖޭ 30" ކުރިއަށްދާނީ ދެ ހަފްތާއަށް ބަހާލައިގެން ދެ މުބާރާތެއް ހިމެނޭގޮތަށެވެ. މުބާރާތުގެ ކުޅުން ކުރިއަށްދާނީ މިމަހުގެ 30 އާ ހަމައަށް މާލޭ ޓެނިސް ކޯޓުގައެވެ.