ޚަބަރު

އަމީނީމަގު މަރަމާތުކުރުން: ތާރު އެޅުމާ ގުޅޭ މަސައްކަތް ފަށަން ތައްޔާރުވެއްޖެ


  • މަރާމާތުގެ މަސައްކަތް ފެށީ މިމަހު 3ގައި

  • ފުޑްކޯޓް ސަރަހައްދުން ފެށިގެން ދަރުމަވަންތައާއި ހަމައަށް މަރާމާތުކުރޭ

  • ދެ ސެގްމަންޓް ނޮވެމްބަރަށް ނިންމާނެ

އަމީނީމަގު މަރާމާތުކުރާ ސަރަޙައްދުގެ ސެގްމަންޓް 1ގައި ތާރުއެޅުމާ ގުޅޭ މަސައްކަތްތައް ފެށުމަށް ތައްޔާރުވެއްޖެއެވެ. އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް ފެށީ މިމަހުގެ 3ވަނަ ދުވަހުއެވެ.

ފުރަތަމަ ސެގްމަންޓްގެ ގޮތުގައި މަރާމާތުކުރަނީ ފުޑްކޯޓްތަކުން ފަށައިގެން، ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަޙައްދެވެ. އެ މަސައްކަތުގައި މިހާރު ކުރަމުންދަނީ މަގުގެ އަޑީގައި އަޅާފައިވާ ޔުޓިލިޓީ ވިއުގަތައް ތަރުތީބުކުރުމުގެ މަސައްކަތެވެ. ސަބްގްރޭޑް މަސައްކަތުގެ %90 ވަނީ ނިންމާފައެވެ. މިކަމާ ގުޅޭ މަސައްކަތްތައް ނިމި، ތާރުއެޅުމުގެ ކުރިން އަޅާ އޭބީސީ ލޭޔަރގެ މަސައްކަތް މިއަދު ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ކޮންޓްރެކްޓަރ އެމްޓީސީސީން ފާހަގަކުރެއެވެ.

އަމީނީ މަގު މަރާމާތު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން، ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށް ވަނީ ބަންދުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން މަގު މަރާމާތު ކުރުމުގެ އިތުރުން ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން ވިދާޅުވީ މިހާރު މަސައްކަތް ކުރިއަށްދާ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާ އާންމުންނަށް ހުޅުވާލުމަށްފަހު ދެން ކުރިއަށް ދާނީ ސެގްމަންޓް 2 ގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސަރަޙައްދުގެ މަސައްކަތްކަމަށެވެ.

އަދި މިމަސައްކަތްތައް އަންނަ ނޮވެންބަރު މަހުގެ ތެރޭގައި ނިންމާލުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. އަމީނީ މަގު އަލުން މަރާމަތު ކުރުމުގެ އިތުރުން ބޮޑުތަކުރުފާނު މަގުގައި ކުރިން ތާރުއަޅާފައިވާ ސަރަޙައްދުތަކުގައި ހަލާކުވެފައި ހުރި ތަންތަން މަރާމާތު ކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.

އަމީނީ މަގު ތަރައްޤީކުރުމުގެ މަސައްކަތުގައި 1.79 ކިލޯމީޓަރުގެ މަގު ތަރައްޤީކޮށްފަވެއެވެ. މި މަސައްކަތަށް މިދިޔަ ސަރުކަރުގައި 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްފަވެއެވެ. އަމީނީމަގުގެ މަސައްކަތް މުޅިން ނިންމާފައިވަނީ 2024 އަހަރުގެ ޖަނަވަރީ މަހުއެވެ.