އަރިއަތޮޅު ދެކުނުބުރީ ލޮނުބޮއިގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ހުޅުވާލައިފިއެވެ.
ފަތުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ފަތުރުވެރިކަން ކުރަން ރަށްރަށާއި ފަޅުތައް ތަރައްޤީ ކުރުމަށް ހުޅުވާލީ، 2024 ވަނަ އަހަރުގެ މޭއި މަހުގެ 30 ވަނަ ދުވަހުއެވެ. އެ ބުރުގައި 1 އަތޮޅަކުން 14 ރަށަކާއި، 3 ފަޅަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލިއެވެ. އޭގެ ފަހުން ލިސްޓަށް އެކި ފަހަރު މަތިން އިސްލާހުތައް ގެނެސްފައިވެއެވެ.
މިގޮތުން ގެނެވުނު 12 ވަނަ އިސްލާހުގައި އދ. ލޮނުބޮއިގައ ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ވަނީ ހުޅުވާލާފައެވެ. އދ. ލޮނުބޮއި އަކީ 1.2 ހެކްޓަރުގެ ރަށެކެވެ.
މީގެ ކުރިން ލޮނުބޮއި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްޤީކޮށް މިދިޔަ ސަރުކާރުން ހުޅުވާލިއެވެ. ނަމަވެސް އެ ރަށް ފަތުރުވެރިކަމަށް ހުޅުވާލަދޭން އެ އަތޮޅު ކައުންސިލާއެކު 2024 ވަނަ އަހަރު ބޭއްވެވި ބައްދަލުވުމުގައި އައަތޮޅު ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.
ފަތުރުވެރިކަމުގެ ސިނާޢަތަށް އިތުރު ރަށްތައް ތަރައްޤީކޮށް ފަތުރުވެރިކަމުން ލިބޭ އާމްދާނީ އިތުރު ކުރުމަށް ސަރުކާރުން ވަނީ، އަމާޒު ހިފާފައެވެ.